ENGLISH

26 ފެބްރުއަރީ 2026

Advertisement

އޮޅިގެން އެހެން މީހަކާ ހަވާލުކުރެވުނު 94000 ރުފިޔާ ހޯދައި ވެރިފަރާތާއި ހަވާލުކޮށްފި

25 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

އިސްކަންދަރު ކޮށި-- ފޮޓޯ: ޕީއެސްއެމް

އޮޅިގެން އެހެން މީހަކާ ހަވާލުކުރެވުނު 94000 ރުފިޔާ ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ފުލުހުން ބުނީ، މި މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައި ޓީޖެޓީގައި އޮތް ބޯޓެއްގެ ކްޕްޓަނާ ހަވާލުކުރި 94000 ރުފިޔާ ލާފައިވާ ސިޓީ އުރައެއް ވެރި ފަރާތަށް ނުލިބި، ގެއްލިފައިވާ މައްސަލަ ފެބްރުއަރީ މަހު 12 ވަނަ ދުވަހު އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށެވެ.

މާފަންނު ޕޮލިހަށް މި މައްސަލަ ހުށަހެޅުމުން ސީސީޓީ ފުޓޭޖު ބަލާފައިވާ ކަމަށާއި، އެހެންނަމަވެސް ފުޓޭޖުން ބޯޓު ދެނެގަނެވިފައިނުވާތީ، ބޯޓު އޮތް ސަރަހައްދަށް ފުލުހުން ގޮސް އެ ސަރަހައްދުން އެކި މީހުންނާ ސުވާލުކޮށް މައުލޫމާތު ހޯދައި، ކުރެވުނު މަސައްކަތުން ބޯޓު ދެނެގަނެވި ކެޕްޓަނާ ގުޅިފައިވާ ކަމަށެވެ. އަދި ބޯޓުގެ ކެޕްޓަނާ ގުޅުމުން ބޯޓު އޮތީ ވ. އަތޮޅުގައި ކަމަށާއި މީހަކު ގެނެސްދިން ސިޓީ އުރައެއް ބޯޓުގައި ހުރި ލޮކަރުގައި އޮތްކަމަށް ކެޕްޓަން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ ފައިސާތައް ފެބުރުވަރީ 23 ވަނަ ދުވަހުގެ ރޭ ކެޕްޓަން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި ފައިސާއަކީ ދ. އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަކަން އެ ހިދުމަތުން ހިންގި ތަހުގީގަށް އެގިފައިވާ ކަމަށެވެ. އަދި ރިސޯޓަށް ފޮނުވުމަށްޓަކައި ފައިސާ ހަވާލުކުރެވިފައިވަނީ ހަވާލުކުރަންޖެހޭ ބޯޓުގެ ކެޕްޓަން ނޫން އެހެން ބޯޓެއްގެ ކެޕްޓަނާކަން ވެސް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނަގުދު ފައިސާ ގެންގުޅުމުގައާއި ފައިސާ މީހުންނާ ހަވާލުކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުންގެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ފައިސާ ހަވާލުކުރާއިރު، ހަވާލުކުރާ ފަރާތަކީ ކާކުކަން ޔަގީންކުރުމާއި، ބޯޓުގެ ނަމާއި ގުޅޭނެ މައުލޫމާތު ކަށަވަރުކުރުމުގެ އިތުރުން، ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް ނުވަތަ ޑިޖިޓަލް ކަށަވަރުކުރުމެއް ހޯދުމަކީ މިފަދަ ކަންކަން މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކެވެ.

ކިޔުންތެރިންގެ ހިޔާލު