ENGLISH
25 ފެބްރުއަރީ 2026
ތިނަދޫ ސިޓީގެ އިތުރު މަގުތަކުގައި ތާރުއަޅައި، ތަރައްޤީކުރަން އާރުޑީސީއާ ހަވާލުކޮށްފި
25 ފެބްރުއަރީ 2026
|
ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ތިން ވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އިމާރާތްކުރުމާއި،ގެދޮރުވެރިކަމާ، ބިނާރާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ގދ. ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް މިއަދު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭން (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި އިމާރާތްކުރުމާއި،ގެދޮރުވެރިކަމާ، ބިނާރާ ބެހޭވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަދި ރޯޑް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.
ތިނަދޫ ސިޓީ މަގުހެދުމުގެ 3 ވަނަ ފިޔަވަހީގެ ދަށުން، ޖުމްލަ 50 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި މަގުތަކުގައި ތާރު އަޅައި، ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން ރޯޑް މާރިކިން އަދި ސައިން ބޯޑް ހަރުކުރުމާއި، ދުވާރުތައް ހެދުން ވެސް ހިމެނެ އެވެ.
މިއީ 341 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ 1440 ދުވަސްތެރޭ ނިންމާ ގޮތަށެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން އިމާރާތްކުރުމާއި،ގެދޮރުވެރިކަމާ، ބިނާރާ ބެހޭވުޒާރާގެ ވަޒީރު ވިދާޅުވީ، މި މަޝްރޫއުގައި ތިނަދޫ ސިޓީގެ ހުރިހާ ބޮޑު މަގުތައް ހިމެނޭނެ ކަމަށެވެ.
ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލާފައިވަނީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މި މަސައްކަތްވެސް ކޮށްފައިވަނީ އާރުޑީސީ އިން ނެވެ.
އެ މަޝްރޫއުގެ ދަށުން 14 މަގެއްގައި ޖުމްލަ 7.8 ކިލޯ މީޓަރުގެ ސަރަހައްދެއް ތާރުއަޅައިގެން ތަރައްގީކޮށްފައިވެ އެވެ. އާރްޑީސީއިން މި މަސައްކަތް ކޮށްފައިވަނީ ދެ ފޭސްއަކަށް ބަހާލައިގެންނެވެ.
ތިނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވަނީ ފާއިތުވި އެމްޑީޕީ ސަރުކާރުގައި 2022 ވަނަ އަހަރު އެވެ. އެހެންނަމަވެސް މަގުތައް ތަރައްޤީކޮށް ނިންމާލީ މި ސަރުކާރުންނެވެ. މިއީ ދައުލަތުގެ ބަޖެޓުން 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިއަން ގެންދިޔަ މަޝްރޫއެކެވެ.