ENGLISH
25 ފެބްރުއަރީ 2026
ދެ އިންތިހާބު އެއްކޮށްލުމަކީ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭނެ ޒަމާނީ ހެޔޮ ބަދަލެއް: ޝަހީމް
25 ފެބްރުއަރީ 2026
|
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު. ފޮޓޯ؛ޕީއެންސީ
އެންމެ މަޤްބޫލު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަކީ ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭނެ ޒަމާނީ ހެޔޮ ބަދަލެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މައި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގެ "އެކްސް" ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަކީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ވެސް އަމަލުކުރެވެމުންދާ އުސޫލެއް ކަމަށެވެ.
ވެރިކަމުގެ ނިޒާމުގެ ހަމަޖެހުމާއި ތަރައްގީއާއި ސިޔާސީ ނިޒާމުގެ މަޞްލަޙަތުގެ ނަޒަރުން ބެލިޔަސް މިއީ ރަނގަޅު ނިންމުމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވަނީ ދެ އިންތިހާބު އެއްކޮށްލުމުގެ ވިސްނުމާއެކު ކުރިއަށް ދިއުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ، "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އަށް ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިހާރު ވަނީ ނިންމަވާފަ އެވެ.
މި ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލަކީ "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މި ސުވާލެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކަނޑައަޅައިފައިވާ ތާރީހަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާ އަންނަ އެޕްރީލު މަހުގެ ހަތަރެއް ވާ ހޮނިހިރު ދުވަހެވެ.