ENGLISH
25 ފެބްރުއަރީ 2026
ރާއްޖޭގެ ތަރައްގީއަށް ކުވައިތުން ފޯރުކޮށްދޭ އެހީއަށް ރައީސްގެ ޝުކުރު
25 ފެބްރުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ކޭ.އެފް.އޭ.އީ.ޑީ ގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރާއްޖޭގެ ތަރައްގީއަށް ކުވައިތުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ރާއްޖެއާއި ކުވެއިތާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ދެ ގައުމަށް ވެސް ފައިދާވާނެ ދާއިރާތަކުން ކުރިއަށްދިޔުމުގެ ފުރުސަތުތައް އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުވައިތުގެ ޤައުމީ ދުވަހާއި މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ކުވައިތުގެ ޤައުމީ ދުވަހާއި މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޕޯސްޓުގައި ރައީސް ވަނީ އެ ގައުމުގެ އަމީރު ޝައިޚް މިޝާލް އަލް އަޙްމަދު އަލް ޖާބިރު އަލް ސަބާޙްއަށާއި، ބޮޑުވަޒީރު ޝައިޚް އަޙްމަދު ޢަބްދުﷲ އަލް އަޙްމަދު އަލް ސަބާޙްއަށާއި، ކުވައިތުގެ ސަރުކާރަށާއި ރައްޔިތުންނަށް، އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފަ އެވެ.
ރައީސް ވިދާޅުވީ މި ދުވަސްތައް ހަނދާންކޮށްދެނީ ކުވެއިތުގެ ރައްޔިތުން ހޯދާފައިވާ ނަމޫނާ ކުރިއެރުންތައް ކަަމަށެވެ. އަދި މިފުރުސަތުގައި އެގައުމުގެ ރައްޔިތުންނަށް އިތުރު ފާގަތިކަމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ ތަރައްގީއަށާއި ރައްޔިތުންގެ ދުޅަހެޔޮކަމަށް، ކުވެއިތު ފަންޑް ފޯރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ފަރާތުން ވޭތުވެދިޔަ އަހަރުތަކުގައި ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފަ އެވެ.
ދިވެހިރާއްޖެއާއި ކުވައިތާ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމަކީ، އިސްލާމީ ޢަޤީދާއާއި، އެއްބައިވަންތަ ކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކުވައިތުގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ފެބުރުވަރީ 25 ވަނަ ދުވަހެވެ. އަދި އެ ޤައުމުގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ފެބުރުވަރީ 26 ވަނަ ދުވަހެވެ.
ކުވައިތުގެ ޤައުމީ ދުވަސް ފާހަގަކުރަނީ 1950 ވަނަ އަހަރު ކުވައިތުގެ ކުރީގެ އަމީރު ޝައިޚް ޢަބްދުالله އަލް ސަލީމް އަލްސަބާޙް، ރަސްކަމަށް އިސްވެވަޑައިގަތުމުގެ ހަނދާން އައުކުރުމުގެ ގޮތުންނެވެ. ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހަކީ 1991 ވަނަ އަހަރު، ކުވައިތަށް އަލުން މިނިވަންކަން ލިބުނު ދުވަހެވެ.