ENGLISH

25 ފެބްރުއަރީ 2026

Advertisement

މަސްތުވާތަކެތި ޓްރެފިކްކުރި މީހަކު 75 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

25 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތި. ފޮޓޯ: ފުލުހުން

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި މީހަކު 75 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ފުލުހުން ބުނީ މި ހިނގާ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު، 75 އަހަރަށް ޖަލަށް ލުމަށާއި ތިން ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން. ގަސްދޮށުގެ، ޢަބްދުލްބާސިޠު (28އ) ގެ މައްޗަށް ކަމަށެވެ.

ފުލުހުން ޢަބްދުލްބާސިޠު ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ނެޓްވޯކްތަކާ ދެކޮޅަށް 2024 ވަނަ އަހަރު ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ތެރެއިންނެވެ. 

ދެހާސް ސައުވީސް ވަނަ އަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ކުރަމުންދިޔަ ތަހުގީގުގެ ތެރެއިން، ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ނެޓްވޯކްގެ އިސްފަރާތްތައް ހިމެނޭހެން، އެ ނެޓްވޯކްތަކާ ގުޅުން ހުރި 174 މީހުން އެކި ދުވަސްމަތިން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ވާކަމަށެވެ. އަދި އެ މީހުންގެ މައްޗަށް 188 މައްސަލަ ތަހުގީގުކުރެވި 78 މައްސަލަ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ކަމުގެ ތުހުމަތުކުރެވޭ ދެ ނެޓްވޯކްގެ އިސްފަރާތްތަކާ މެދު ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. އެގޮތުން، ޢަބްދުލްބާސިޠުގެ ނަމުގައި ބެންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކަށް އެކި ފަރާތަކުން ތިންމިލިއަނަށް ވުރެން ގިނަ ރުފިޔާއާއި ނަވާރަހާހަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ މުއާމަލާތްކޮށްފައިވެއެވެ. މި ފައިސާގެ މުއާމަލާތްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއާމަންޓްގައި ކަނޑައަޅާފައިވާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި، މިއީ ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކޮށްފަ އެެވެ. އަދި މި މައްސަލަ ތަހުގީގުކުރި ފުލުހުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރީ ކާމިޔާބު މަސައްކަތެއް ކަމަށް ފުލުހުން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު