ENGLISH
25 ފެބްރުއަރީ 2026
ށ. ފުނަދޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް، އެންމެ ފަހުން ދާއިމީ ހައްލު ލިބިއްޖެ
25 ފެބްރުއަރީ 2026
|
ށ. ފުނަދޫގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް އެރަށުގައި މަސައްކަތެއް ކުރަނީ. އެރަށު ފެނަކަ ބްރާންޗުން ބުނިގޮތުގައި 18 އަހަރުވީ އެ މައްސަލައަށް މިހާރު ވަނީ ހައްލު ލިބިފައި. ފޮޓޯ: ފުނަދޫ ފެނަކަ ބްރާންޗް
އެންމެ މަޤްބޫލު
ށ. ފުނަދޫގެ ދެކުނު ސަރަހައްދުގައި ކަރަންޓުގެ މައްސަލަ ޖެހުމަކީ މިދިޔަ 18 ވަރަކަށް އަހަރު ވެސް އެރަށު ރައްޔިތުން ތަޖުރިބާކުރަން ޖެހުނު ގޮންޖެހުމެކެވެ. އެ މައްސަލައަށް ހައްލު ގެނެސްދިނުމަށްޓަކައި، ސަރުކާރުތަކުގައި އެރަށުގެ ރައްޔިތުން އެދޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދިއުމަކީ އެސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން މިދިޔަ ދުވަސްތަކުގައި އެންމެ ބޭނުންވެފައި އޮތް އެއް ކަމެވެ. އެ މައްސަލައަށް ވަށައިޖެހޭ ހައްލެއް ހޯދައިދިނުމަށް މަސައްކަތް ފެށީ މި ސަރުކާރުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ފުނަދޫގެ ކަރަންޓުގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ށ. ފުނަދޫ ފެނަކަ ބްރާންޗްގެ އޮފިޝަލް "އެމްއެމް" އާ ވާހަކަދައްކަވަމުން ވިދާޅުވީ، ފުނަދޫގެ ދެކުނު ސަރަޙައްދަށް ޒަމާނުއްސުރެ ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް މިސަރުކާރުން މިހާރު ހޯއްދަވައިދެއްވާފައިވާ ކަމަށެވެ.
ފުނަދޫގެ އެހެން ހިސާބުތަކަށް ކަރަންޓު ލިބޭ މިންވަރަށް ދެކުނު ސަރަޙައްދަށް ކަރަންޓު ފޯރުކޮށްދިނުމުގައި މީގެކުރިން މައްސަލަތައް ވަނީ ދިމާވެފައެވެ. އެކަށީގެންވާ ގޮތަށް ކަރަންޓު ފޯރުކޮށްނުދެވޭތީ، އެ ސަރަޙައްދުން ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވެއެވެ. އަދި، ކުއްލިކުއްލިއަށް ކަރަންޓު ކެނޑޭތީ، ގޭބިސީތަކުގައި ހިފާގެންގުޅޭ މުހިއްމު ސާމާނުތަކަށް މީގެކުރިން ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ.
ފުނަދޫގެ ކަރަންޓުގެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި، އެރަށުގެ އިންޖީނުގެ 2022 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަންގެ ދަށަށް ބަދަލުކޮށް މަސައްކަތް ފެށިއެވެ. އެހެންނަމަވެސް، އެ ބަދަލާއެކު މަސައްކަތް ނުކުރެވި މިދިޔަ މުއްދަތުގައި އޮތީ މައްސަލަ ހައްލުނުކުރެވިއެވެ. ފުނަދޫ ފެނަކަ ބްރާންޗުގެ އޮފިޝަލް ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް 400 ޓްރާންސްފޯމަރު ގެންދިޔަ ނަމަވެސް އެތަކެތި ހުރީ ބޭނުންކުރެވޭ ޙާލަތުގައެއް ނޫން ކަމަށެވެ.
މި ސަރުކާރު ވެރިކަމާ ޙަވާލުވެ ފުނަދޫގެ ކަރަންޓުގެ އެ މައްސަލަ ހައްލުކުރުމަށްޓަކައި އަވަސް، ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.
ފުނަދޫ ފެނަކައިން ބުނިގޮތުގައި މިޓްރާންސްފޯމަރުގެ ހިދުމަތް މިހާރު ދަނީ ބޭނުންކުރަމުންނެވެ.
ފުނަދޫ ދެކުނު ސަރަޙައްދުގެ ކަރަންޓުގެ މައްސަލައަށް 18 އަހަރަށް ފަހު ހައްލެއް ލިބިގެންދިއުމަކީ މިއަދު އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެެވެ.
ރަށްރަށުގެ ކަރަންޓުގެ ޚިދުމަތްތައް ރަނގަޅު ކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ކަރަންޓު ލޯޑު ބޮޑުވާ ރަށްރަށަށް އާ ޖަނަރޭޓަރު ސެޓްތައް ފޮނުވުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، ކަރަންޓުގެ އިތުރު ޚިދުމަތްތައް ފުޅާކުރުމުގެ ގިނަ މަޝްރޫޢުތަކެއް ރަށްތަކުގައި އަންނަނީ ކުރިއަށްގެންދަމުންނެވެ.