ENGLISH
22 ފެބްރުއަރީ 2026
އިގުތިސާދަށް ދިރުން ލިބުމުގެ ލިސާނެއް؛ ރާއްޖޭގެ އެކްސްޕޯޓަށް އަހަރުން އަހަރަށް %16 ގެ ކުރިއެރުމެއް
22 ފެބްރުއަރީ 2026
|
ރާއްޖޭގެ މައި ވިޔަފާރި ބަނދަރު، ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
ފާއިތުވި 2025 ވަނަ އަހަރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު ރާއްޖެއިން މުދާ އެކްސްޕޯޓުކުރި މިންވަރު 16 އިންސައްތަ އިތުރުވެފައިވާކަން މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކައިފިއެވެ.
މަރުކަޒީ ބޭންކުން ފެބްރުއަރީ މަހު އާއްމުކޮށްފައިވާ ނިމުނު އަހަރުގެ ޖުމްލަ އެކްސްޕޯޓު އިމްޕޯޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރަކީ ކޮވިޑް-19ގެ އާލަމީ ވަބާއަށްފަހު ރާއްޖޭގެ އެކްސްޕޯޓު އެންމެ ބޮޑަށް އިތުރުވި އަހަރެވެ.
އަަހަރުން އަހަރަށް ބަލާއިރު 2024 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓުކުރީ 382.7 މިލިއަން ޑޮލަރުގެ މުދަލެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 5.9 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް 2025 ވަނަ އަހަރު އެ އަދަދުވަނީ 443.7 މިލިއަން ޑޮލަރަށް މަތިވެފައެވެ. އެއީ ދިވެހި ރުފިޔާއިންނަމަ 6.8 ބިލިއަން ރުފިޔާގެ މުދަލެވެ.
މަރުކަޒީ ބޭންކުގެ އިގުތިސާދީ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ދާހިލީ ބާޒާރުގެ އުފެއްދުންތައް ބޭރުކުރި މިންވަރު 2025 ވަނަ އަހަރު ވަރަށް ބޮޑަށް އިތުރުވިއެވެ. އެގޮތުން 2024 ވަނަ އަހަރު ރާއްޖޭގެ ދާހިލީ އުފެއްދުންތަކުގެ ގޮތުގައި ރާއްޖެއިން ބޭރުކުރީ އެްމެ 92.4 މިލިއަން ޑޮލަރުގެ މުދަލެވެ. ނަމަވެސް 2025 ވަނަ އަހަރު 144.6 މިލިއަން ޑޮލަރުގެ ދާހިލީ އުފެއްދުން ރާއްޖެއިން އެކްސްޕޯޓުކުރިއެވެ. އެއީ %54.6 ގެ އިތުރުވުމެކެވެ.
2020 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަަށް ރާއްޖޭގެ ޖުމްލަަ އެކްސްޕޯޓު
މި ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ދާހިލީ އިގުތިސާދުގެ އުފެއްދުންތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރި މިންވަރު ފާއިތުވި އަހަރު އިތުރުވެފައިވެއެވެ. މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ގައުމުގެ ދާހިލީ ބާޒާރުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ މިންވަރު އިތުރުވުމަކީ އިގުތިސާދުގެ އުފެއްދުންތެރިކަން އިތުރުވާ ކަމެކެވެ.
މާލީ ހިސާބުތައް ދައްކާ ގޮތުން ނިމުނު އަހަރު ރާއްޖެއިން ރީ-އެކްސްޕޯޓުކުރި މިންވަރުވެސް 2024 ވަނަ އަހަރާ އަޅާބަލާއިރު އިތުރުވިއެވެ. އެގޮތުން 2024 ވަނަ އަހަރު ރާއްޖެއިން ރީ-އެކްސްޕޯޓުކުރީ 290.3 މިލިއަން ޑޮލަރުގެ މުދަލެވެ. 2025 ގައި ރީއެކްސްޕޯޓުކުރި މުދަލުގެ އަގު 299.2 މިލިއަން ޑޮލަރަށް އެރިއެވެ.
އެކްސްޕޯޓާއި ރީ-އެކްސްޕޯޓު އިތުރުވުމުގެ ސަބަބުން ކުރީ އަހަރަށްވުރެ ރާއްޖޭގެ ޓްރޭޑް ޑެފިސިޓު ނުވަތަ އެކްސްޕޯޓާއި އިމްޕޯޓުގެ ފަރަގު ނިމުނު އަހަރު ކުޑަކުރެވުނެވެ. އިގުތިސާދުގެ ވިލުންތެރިކަން ވަޒަންކުރުމުގައި ވިޔަފާރި ޑެފިސިޓު ކުޑަވުމަކީ މުހިއްމު ކަމެކެވެ.
ރާއްޖޭގެ އެކްސްޕޯޓު އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފާއިތުވި 2025 ވަނަ އަހަރު ރާއްޖޭގެ މަސްވެރިކަމަށް ލިބުނު ކުރިއެރުމެވެ. އެގޮތުން މަސްވެރިން މަސްކިރުވި މިންވަރުގެ އިތުރަށް މަހާއި މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރުކުރި މިންވަރު 2025 ވަނަ އަހަރު ވަރަށް ބޮޑަށް އިތުރުވިއެވެ.