ENGLISH

19 ފެބްރުއަރީ 2026

Advertisement

ރަމަޟާން މަހަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވި ބޮޑެތި ކާމިޔާބުތަކެއް

18 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ބަރުބަރީ މިސްކިތް ހުޅުވައިދެއްވުމަށްފަހު ރައީސް އަދި ވަޒީރު މިސްކިތް ބައްލަވައިލައްވަނީ، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިސްލާމީ އަދި ގައުމީ މުނާސަބުތައް އިހުތިފާލުކޮށް ފާހަގަކުރުމަށް ސަރުކާރުން ބޮޑު ސަމާލުކަމެއް ދެއެވެ. އެ ދުވަސްތަކާއި މުނާސަބަތުތަކަށް ތައްްޔާރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. ރަމަޟާން މަހަށް ތައްޔާރުވުމަކީވެސް ކުރިން ނުދޭ މިންވަރުގެ ސަމާލުކަމެއް ދީގެން ސަރުކާރުން ކުރާ މަސައްކަތެކެވެ. 

އެގޮތުން ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހަައްދުކަމަށްވާ މާލޭ ސަރަހައްދުގައި ރޯދައަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްފައިވެއެވެ. މާލޭގެ އެންމެ ބޮޑު، އެންމެ ގިނަ މީހުން ނަމާދުކުރާ އެއް މިސްކިތް ކަމުގައިވާ ކިންގް ސަލްމާން މިސްކިތް ރޯދަމަހަށް ތައްޔާރުކުރުމުގެ ގޮތުން އެ މިސްކިތަށް ދިމާވެފައިވާ އޭސީ މައްސަލަ ހައްލުކުރެވުނެވެ. 

އޭގެ އިތުރަށް މާލޭ ސަރަހަައްދުގައި އެންމެ ގިނަ މީހުން ޖަމާއަތުގެ ނަމާދުތަކަށް ހާޒިރުވާ ބޮޑެތި މިސްކިތްތަކުގެ ތެރެއިން އެންމެ ބޮޑު ހަތަރު މިސްކިތުގެ މައި މާލަމާއި ފިރިހެނުންނާއި އަންހެނުން ނަމާދުކުރާ ޖާގަތައް އޭސީކުރުމުގެ މަސައްކަތް ރައީސް ޑރ.މުޢިއްޒު ވައުދުވެވަޑައިގަތް ގޮތަށް ނިންމައިލެވިފައިވެއެވެ. 

މާލޭ ސަަރަހައްދުގައިވެސް ގިނަ މިސްކިތްތަކެއް ރޯދައިގެ ކުރިން ހުޅުވުނެވެ. މިއަދު މާލޭގައި އަލަށް ގާއިމުކުރެވުނު ބަރުބަރީ މިސްކިތް ހުޅުވައިދެއްވީ ސީދާ ރައީސެވެ. އޭގެ އިތުރަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އައު މިސްކިތެއް ހުޅުވިފައިވެއެވެ. ފަސް މިސްކިތް މާލޭ ސަރަހައްދުގައި އަލަށް ހުޅުވިއްޖެއެވެ. 

ރޯދައިގެ އެންމެ ހާއްސަ އަޅުކަން ކަމުގައިވާ ތަރާވީޙު ނަމާދަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ 24 މިސްކިތެއްގައި އިމާމުވެ ނަމާދުކުރާނެ ދިވެހި ޒުވާން ހާފިޒުންވަނީ ހަމަޖެހިފައެވެ. އަދި މާލޭގެ އެންމެ ބޮޑު ދެ މިސްކިތް ކަމުގައިވާ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދުކުރަން ދިވެހި ޒުވާން ހާފިޒުން ހޯދައި ހަމެޖެހިފައިވެއެވެ. 

އިހުޔާ ފޯރަމުތައް މާލޭގެ އިތުރަށް އަތޮޅު ތެރޭގައި ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންވަނީ ތައްޔާރުވެފައެވެ. އެގޮތުން މި ރަމަޟާން މަހު މާލެއިން ބޭރުގައި ދިހަ ރަށެއްގައި އިހުޔާ ފޯރަމު އޮންނާނެއެވެ. މިއީ އަތޮޅު ތެރޭގައި އެންމެ ގިނަ އިހުޔާ ފޯރަމު ކުރިއަށްގެންދެވޭ ރޯދަމަހެވެ. 

މިކަންކަމުގެ އިތުރަށްވެސް އިސްލާމީ ހިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އެގޮތުން މި ރޯދަމަހު ރާއްޖޭގެ އެންމެ ބޮޑު ދެ މިސްކިތްކަމުގައިވާ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ހުކުރު ޖަމާއަތުގައި އިމާމުވެ ނަމާދުކުރުމަށް ޒުވާން ހަތީބުން ތައްޔާރުކުރެވިފައިވެއެވެ. ރޯދައަށްފަހު ފިތުރު އީދުގައި ބޮޑު ޖަމާއަތުގައިވެސް ޒުވާން ހަތީބުން އިމާމުވެ ނަމާދުކުރާނެއެވެ. 

އަދި ރާއްޖޭގެ ދިހަ ރަށެއްގައި ކީރިތި ޤުރުއާން ކިޔަވައިދޭނެ ޓީޗަރުން ނެތީސް ބޭރުން ގުރުއާން ޓީޗަރުން ގެނެސް އެ ރަށްރަށުގެ ގުރުއާނާ ބެހޭ މަރުކަޒަށް ޓީޗަރުންވަނީ ހަމަޖަައްސައިދެވިފައެވެ. 

ކުރުކޮށް ދަންނަވާނަމަ ދީނީ ކަންކަމުގައި މަޝްޣޫލުވެ އަޅުކަމުގައި ވަގުތު ހޭދަކުރުން ފަސޭހަކޮށްދިނުމަށް ސަރުކާރުންވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެންމެ ފުރިހަމަ ގޮތުގައި ރަމަޟާން މަހަށް އިސްތިގުބާލުކުރުމަށް މި އަހަރު ގިނަގުނަ މަސައްކަތްތަކެއްވަނީ ކުރެވި، އެކަމުގައި ބޮޑެތި ކާމިޔާބުތަކެއް ހާސިލުކުރެވިފައެވެ. 

ކިޔުންތެރިންގެ ހިޔާލު