ENGLISH
16 ފެބްރުއަރީ 2026
އާއިލާއާއި އަނބިދަރިންނަށް ހަމަލާދެނީ ސިޔާސަތުތަކަށް ފާޑުކިޔެން ނެތިވެ ގޮތް ހުސްވުމުން
15 ފެބްރުއަރީ 2026
|
ރާއްޖެއިން ބޭރުގައި ބޭއްވި ޓީޓީ މުބާރާތެއްގައި އުމައިރު ހިމެނޭ ޓީމުން ހޯދި ކާމިޔާބީ ދައްކުވައިިނުމަށް އެސްޖީ ދޫކޮށްލެއްވި ފޮޓޯ
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ދިވެހި ގައުމު އޮތް ހާލަތުގެ ވާހަކަ ވިދާޅުވެދެއްވަނީ ހަަމައެކަނި ވެރިކަން ކުރާ ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ މެމްބަރުން އެކަންޏެއް ނޫނެވެ. ސިޔާސީ ދާއިރާގެ ނުފޫޒު ގަދަ އެތައް ލީޑަރުންނެއް މިވާހަކަ ފަރަގުނުވާނެހެން ދިޔައީ ދައްކަމުންނެވެ.
ގައުމުގެ ވަލިއްޔުލްއަމްރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރައީސަށް ޖެހިވަޑައިގަތީ ބޮއްސުންލާފައި ހުރިި ކަންކަމުގެ ތެރެއިން ފަހަރަކު ކަމެއް ރަނގަޅު ކުރައްވާށެވެ. މިގޮތުގައި ދެ އަހަރާ ބައި ވޭތުވެގެންދިޔަ އިރު އިދިކޮޅު ފަރާތްތަކުގެ ހިޔާލަށް ނާންނަހާ މިންވަރަށް ގައުމުގެ ކަންކަން ރަނގަޅުވެގެން ގޮސްފިއެވެ. ވަކި ދާއިރާއެއް ވަކި ކަމެއް ކިޔާނެކަމެއް ނެތެވެ. ނަތީޖާއަކީ ކުރާނެ ބޭހާއި ހަދާނޭ ފަންޑިތަ ހުސްވުމެވެ. ސަރުކާރުގެ ހަރުދަނާ ސިޔާސަތަށް ކިޔާނެ ފާޑެއް ނެތި ވާދަވެރިން ޑިފެންސަށް ފައިބާ ރައީސް މުއިއްޒުގެ އާއިލާއާ ސިދާގޮތުންނާއި ނުސީދާގޮތުން ދިމާކޮށްލުމެވެ.
މާޒީއަށް ބަލާއިރު ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އާއިލާއާ ގުޅުވައި ސާބިތު ނުހިފޭ އެތައް ވާހަކަތަކެއް ދެއްކިއެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ސިޔާސީ ހަރަކާތްތަކެއްގެ ތެރެއިން ރައީސްގެ ދަރިކަލުންނާ ގުޅުވައިގެން ސާބިތު ނުހިފޭ ވާހަކަތަަކެއް ދައްކައި އެބޭފުޅާގެ ކަރާމަތަށް އުނިކަން ލިބޭނެ ގޮތަށް އަމަލުކޮށްފައިވެއެވެ. އަނެއްކާވެސް މި ފަދަ ވާހަކައެކެވެ. މިރޭ އޮންނަ "ސްޕޯޓްސް އެވޯޑްސް 2025" އަށް ޓީޓީ އެސޯސިއޭޝަނުގެ ފަރާތުން ނޮމިނޭޓުކުރި ކުޅުންތެރިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން މުހައްމަދު އުމައިރު ހިމެނުމާ ގުޅިގެން ކިޔަން ފެށި ފާޑުކިޔުންތަކެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަށް، ރައީސްގެ ދަރިކަލުން ނޮމިނޭޓްވެފައި ވަނީ، އަހަރުގެ ޒުވާން ކުޅުންތެރިޔާ، ފިރިހެން ކެޓަގަރީއަށެވެ. މި ކެޓަގަރީއަށް އުމައިރު ނޮމިނޭޓްކޮށްފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ޓޭބަލްޓެނިސް ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އުމެއިރާއެކު މި އެވޯޑަށް ނޮމިނޭޓުވި ކުދިންގެ ތެރޭގައި ވާދަވެރިންގެ އާއިލާތަކަށް ނިސްބަތްވާ ކުދިންވެސް ހިމެނެއެވެ.
އުމެއިރުގެ ކުޅިވަރުގެ ކާމިޔާބީގެ ވާހަކަ ދައްކާއިރު އޭނާއަކީ ޓީޓީގެ ރާއްޖޭގެ ރޭންކިންގައި ގަދަ ފަހެއްގައި ހިމެނޭ ޓީޓީ ކުޅުންތެރިއެކެވެ. އަދި އެންމެ މޮޅު ޖޫނިއަރ ދެ ކުޅުންތެރިން ތެރެއިން އެއް ކުޅުންތެރިޔާއެވެ. އުމައިރަށް ކުރަމުންދާ ފުރައްސާރައިގެ ސަބަބުން އޭނާގެ ދިފާއުގައިވެސް ހަގީގަތް އެނގޭ އެތައް ބަޔަކު ތެދުވެއްޖެއެވެ. އުމެއިރު 2024 ވަނަ އަހަރު ހޯދި ކާމިޔާބީތައް ރައްޔިތުންގެ ކުރިމައްޗަށް ހުށަހަޅުއްވައި ދެއްވި އެއް ބޭފުޅަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ރިޝާން މުހައްދެވެ.
ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2024
62 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތް 2024
30 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2024
ސިޔާސީ ހިޔާލު ތަފާތުވުންތައް އެއްކިބާ ކުރައްވައި މައްސަލައިގެ ފަސްފަހަތް އެނގޭ ބޭފުޅެއްގެ ހައިސިއްޔަތުން ކުރީގެ ކުޅިވަރު ވަޒީރު އަހުމަދު މަހުލޫފު ވެސް އަންނަނީ ކަން އޮތް ގޮތް ސާފުކޮށްދެއްވަމުންނެވެ. މަހުލޫފު ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން އުމެއިރުގެ ކުޅިވަރުގެ ހުނަރު އޭނާ ދިޔައީ ގާތުން ދެކެމުންނެވެ. އުމެއިރަކީ އެމްޑީޕީގެ ވެރިކަމުގައި އަރުތަ ޕްރޮގްރާމުގައި ހިމެނުނު އެތުލީޓެއްކަން ވެސް މަހުލޫފު ތިލަކޮށްދެއްވިއެވެ.
ކުޅިވަރު އެވޯޑަށް ކުޅުންތެރިން ނޮމިނޭޓުކުރަނީ އެ ކުޅުންތެރިން ހޯދާފައިވާ ކާމިޔާބުތަކުގެ މައްޗަށް ކަމަށް ވާއިރު ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ކުރަމުން ދާ މިފަދަ ކަންކަމުން ހަލާކުވަނީ ގައުމުގެ ކުޅިވަރުގެ މުސްތަގުބަލުކަމަށް ވިދާޅުވެ މި ބަހުސްގެ ތެރެއަށް ދެން ވަދެވަޑައިގެންނެވީ ސްޕޯޓްސް ކޮމިޝަނަރ މުހައްމަދު ތޮލާލެވެ. ތޮލާލު ވަނީ ވަކި މީހެއްގެ ދަރިއަކަަށްވީ ނުވަތަ ވަކި އާއިލާއަކަށް ނިސްބަތްވާތީ އެ ކުޅުންތެރިއެއްގެ ހައްގުން މަހުރޫމުވާންނުޖެހޭނެކަން ފާހަގަކުރައްވައި ކުޅުންތެރިންގެ ކާމިޔާބީގެ ފައިދާ މުސްތަގުބަލުގައި ލިބޭނީ ގައުމަށްކަންވެސް ފާހަގަކުރައްވާފައެވެ.
އާބާދީގެ ގޮތުން ކުޑަ ނަމަވެސް ރާއްޖެއަކީ ވެސް ކުޅިވަރުގެ ރޮނގުން ސަރަހައްދުގައި ނަގާކިޔާ ގައުމެކެވެ. އަހަރެއްގެ މައްޗަށް މި ދާއިރާއިން އެތަކެއް އައު މޫނުތަކެެއް ފެނިގެންދާއިރު އަރަމުން އަންނަ ޒުވާނުންނަށް ގަނާކޮށް ފުރައްސާރަކުރުމުގެ ސަބަބުން ހަލާކުވެގެންދާނީ ތޮލާލު ވިދާޅުވިގޮތަށް ގައުމުގެ ކުޅިވަރުގެ މުސްތަގުބަލެެވެ.
ކުދިންނަށް ލިބޭ ކާމިޔާބަކީ އެ ކުދިންގެ ބުރަ މަސައްކަތާއި ހިތްވަރުން ހޯދާ ކާމިޔާބީއެއްކަން ގަބޫލުކޮށް އެކުދިން ކާމިޔާބީ ސިޔާސީ ނުކޮށް އެ ކާމިޔާބީ ބަލައިގަންނަ ބަޔަކަށް ވާދަވެރިން ވެސް ވާންޖެހެއެވެ. ކޮންމެ ދާއިރާއަކުން ވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިވެހިން ހޯދަމުން އަންނަ ކާމިޔާބީތައް މިނެކިރާއިރު އެއީ ރައީސްގެ ދަރިކަލުންތޯ ނުވަތަ ނޫންތޯ ބެލުމަށް ވުރެ މުހިންމީީ ފަންނުވެރިކަމަށް ބަލައި އަދިވެސް ގައުމަށް އޭނާގެ ފަރާތުން އެ ރީތި ނަން ލިބޭނޭ ފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުމެވެ. ކުޅިވަރު އެވޯޑު ހަފުލާއެއްކަމުގައި ވިޔަސް ނުވަތަ އެހެން ހަފުލާއެއްގައި ވިޔަސް ރައީސްގެ ދަރިކަލުންނަށް ވީތީ ލިބެންޖެހޭ ހައްގަކުން މަހުރޫމުކޮށްލުމަށް ސިޔާސީ ގޮތުން ދިމާކޮށްލާ ބާކީ ކޮށްލުމަކީ އިންސާފެއް ނޫނެވެ.
ފާޑުކިޔަންވީ ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށެވެ. ޒިންމާދާރު ކުރުވަންވީ ޕީއެންސީގެ ސަރުކާރެވެ. އެ އިމުން ބޭރުވެ ސިޔާސީ އަމާޒުފަތްގަނޑަކަށް ރައީސްގެ އަނބިދަރިންނާއި އާއިލާ ނެރުމަކީ ދަށުދަރަޖައިގެ އަމަލެކެވެ. ސިޔާސީ އަރާރުމެއްގެ ތެރެއަށް 17 އަހަރުގެ ކުޑަކުއްޖަކު ވައްޓާލައި ސިޔާސީ މަންފާއެއް ހާސިލުކުރުމަށް އުޅުމަކީ އަދި އަމުދުން މާ ނުރައްކާތެރި ކަމެކެވެ.
އިދިކޮޅު ބައެއް އެކްޓިވިސްޓުން އުޅޭ ގޮތުން ފެންނަ ހަގީގަތަކީ ރައީސް ޑރ.މުޢިއްޒުގެ ސިޔާސަތުތަކަށް ފާޑުކިޔުމުގެ ގާބިލުކަމެއް އަދި ވިސްނުންތެރިކަަމެއް ނެތް ކަމެވެ. ފެންނަމުންދަނީ ސިޔާސީ ބަހުސްގައި ބައިވެރިވުމުގައި ނުކުޅެދުންތެރިވެ، ޒާތީ ތަައައްސުބު އިސްކޮށް، ހަސަދަވެރިކަމާއި ނަފުރަތު ފަތުރައިގެން ރައީސްގެ އާއިލާއަށް ފުރައްސާރަކޮށްގެން ސިޔާސީ ގޮތުން ބަލިކުރުމަށް މަސައްކަތްކުރާ މަންޒަރެވެ. މިއީ ޒިންމާދާރު އިދިކޮޅު ސިޔާސީ ހަރަކާތެއްގެ ކިބައިން ފެންނާނެ އަދި ފެނިގެންވާނެ މަންޒަރެއް ނޫނެވެ. މިއީ ސިޔާސީ ގޮތުން ތަސައްރުފު ނުފުދޭ ކަމުގެ އަލިގަދަ ދަލީލެކެވެ.