ENGLISH
18 ފެބްރުއަރީ 2026
ޕެޓްސް މުބާރާތުން ރަން މެޑަލް ހޯދައިގެން އައުމުން ހޫނު މަރުހަބާއެއް
15 ފެބްރުއަރީ 2026
|
ދިވެހި ސިފައިންގެ ކާމިޔާބީއަށް މަރުހަބާ ދަންނަވާ ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ފޮޓޮއެއް
އެންމެ މަޤްބޫލު
ޕާކިސްތާނުގައި ބޭއްވި "އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026" ގައި ބައިވެރިވެ ރަން މެޑެލް ހޯދި އެމްއެންޑީއެފްގެ ޓީމަށް އެ އިދާރާ އިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އެޓީމު ރާއްޖެ އައިސްފައިވަނީ 14 ފެބްރުއަރީ ވީ ހޮނިހިރު ދުވަހުއެވެ.
މި މުބާރާތުގައި ބައިވެރިވި އެމްއެންޑީއެފްގެ ޓީމު ރާއްޖެ އައުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެ ޓީމަށް މަރުހަބާ ދެންނެވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ރަޝީދެވެ. އަދި ޓީމް ހެޑް ކުއޯޓަރޒަށް ދިޔުމުން ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ ސިފައިންވަނީ މަރުހަބާ ވިދާޅުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
ދިވެހި ސިފައިން ހޯދި ކާމިޔާބީ ފާހަގަކުރައްވާ ހިތްވަރު ދެއްވަމުން ދިފާޢީ ވަޒީރު ވިދާޅުވީ، އެމީހުން ހޯދި ކާމިޔާބީއިން ދައްކުވައިދިނީ އަޅުގަނޑުމެންގެ އަތުގައި އެންމެ ޒަމާނީ ވަޞީލަތްތައް ނެތްނަމަވެސް ދިވެހި އަސްކަރިއްޔާގެ ސިފައިންނަކީ ދުނިޔޭގެ ކޮންމެ ބަޔަކާވެސް ވާދަކުރެވޭ ވަރުގެ ހިތްވަރާއި ޤާބިލްކަމާއި ބުންވަރު ހުރި ބައެއް ކަމަށެވެ.
މީގެ އިތުރުން ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ސިފައިންގެ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތާއި، ޢުމްރާނީގޮތުން ސިފައިންގެ މަރުކަޒުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ދިވެހި ސިފައިން ހޯދި މި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑr.މުހައްމަދު މުއިއްޒުވެސް ވަނީ ސޯޝަލް މީޑިއާގައި މަރުހަބާ ވިދާޅުވެފައެވެ.
މިމަހުގެ 5 އިން 7 އަށް ޕާކިސްތާނުގެ ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ (ޕަބި) ގައި ކުރިއަށް ގެންދިޔަ މިމުބާރާތަކީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގާ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ. މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި، އެކިއެކި ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.