ENGLISH
15 ފެބްރުއަރީ 2026
ބަންގްލަދޭޝްގެ އައު ބޮޑުވަޒީރު ހުވާ ކުރާ ރަސްމިއްޔާތަށް ރައީސް ޑރ. މުޢިއްޒުއަށް ދައުވަތު ދީފި
15 ފެބްރުއަރީ 2026
|
ރައީސް އަދި ބީ.އެން.ޕީގެ ލީޑަރު ތާރިޤް ރަޙްމާން. ފޮޓޯ؛އެމްއެމްޓީވީ
އެންމެ މަޤްބޫލު
ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ)ގެ ޗެއާމަން ތާރިޤް ރަޙްމާން އެ ގައުމުގެ ބޮޑުވަޒީރުކަމުގެ ހުވައި ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ދައުވަތުދީފިއެވެ.
ތާރިޤް ރަޙްމާން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ އަންގާރަ ދުވަހު ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހުގެ ސަދަން ޕްލާޒާ ގައެވެ.
ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ އިސް މުޝީރު މުޙައްމަދު ޔޫނުސް ވަނީ މި ރަސްމިއްޔާތަށް 13 ގައުމެއްގެ ވެރިންނަށް ދައުވަތު އަރުވާފައެވެ.
މި 13 ގައުމުގެ ތެރޭގައި ހިމެނެނީ އިންޑިއާ، ޗައިނާ، ސައޫދީ އަރަބިއްޔާ، ޕާކިސްތާން، ތުރުކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ގަތަރު، މެލޭޝިއާ، ބްރޫނާއީ، ސްރީލަންކާ، ނޭޕާލް، ރާއްޖެ އަދި ބޫޓާނެވެ.
ބަންގްލަދޭޝްގައި ބޭއްވުނު ތާރީޚީ އާންމު އިންތިޚާބުގެ ބޮޑުބައި ކާމިޔާބުކޮށް، ތާރިޤް ރަޙްމާން އިސްވެ ހުންނަވާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އިން ވަނީ ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ހޯދައިފައެވެ.
ބަންގްލަދޭޝްގެ އިންތިޚާބާ ބެހޭ ކޮމިޝަނުން ހާމަކޮށްފައިވާ ރަސްމީ ނަތީޖާތައް ދައްކާގޮތުން، ޤާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން ބީއެންޕީއާއި އެ ޕާޓީއާ ގުޅިފައިވާ އިއްތިޙާދުން ވަނީ 212 ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން، އިދިކޮޅު ޖަމާޢަތު-އިސްލާމީން ވަނީ އެ ޕާޓީގެ ތާރީޚުގައި ވެސް އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށް، މަޖިލީހުގެ 70 ގޮނޑި ހޯދާފައެވެ.
މިއީ 2024 ވަނަ އަހަރު ދަރިވަރުން އިސްވެ ހިންގި ވަރުގަދަ އިހުތިޖާޖުތަކާއެކު ބޮޑުވަޒީރު ކަމުން ޝެއިޚް ހަސީނާ ދުރުކުރި ފަހުން އެގައުމުގައި ބޭއްވި ފުރަތަމަ އިންތިޚާބެވެ.