ENGLISH

18 ފެބްރުއަރީ 2026

Advertisement

އުމައިރު އަކީ އެކި ކުޅިވަރުތަކުގައި ފާހަގަކުރެވޭ އުއްމީދީ ޒުވާން އެތުލީޓެއް: މަހުލޫފް

15 ފެބްރުއަރީ 2026

|

ސުވެއިދާ ހުސެއިން

ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން، އުމައިރު މުޙައްމަދު މުޢިއްޒު، ސްޕޯޓްސް އެވޯޑަށް ނޮމިނޭޓް ވުމާއި ގުޅިގެން ބައެއް ފަރާތްތަކުން ފަތުރަމުންދާ ދޮގު މައުލޫމާތާއި ފާޑުކިއުންތަކަށް، ކުރީގެ ސްޕޯޓްސް މިނިސްޓަރ އަދި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަޙްމަދު މަޙްލޫފް އިތުރު ރައްދެއް ދެއްވައިފިއެވެ. 

ރައީސްގެ ދަރިކަލުން އުމައިރުއަށް ކުރިމަތިވި ފާޑުކިއުންތަކަށް މީގެ ކުރިން ވެސް މަހްލޫފް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން، މަހްލޫފް ކުރެއްވި ފުރަތަމަ ޕޯސްޓްގައި، އުމައިރު އަކީ މޮޅު ޓީޓީ ކުޅުންތެރިއެއްކަން ފާހަގަކުރައްވަވައި، ޓީޓީ އިން ރަން ވަނަތަކެއް ބައިނަލްއަގުވާމީ އަދި ޤައުމީ ފެންވަރުގައި ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެއްކަން ފާހަގކުރައްވާފައިވެއެވެ.

މަހްލޫފް، މި މަހުގެ 13 ވަނަ ދުވަހު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ނޮމިނޭޓު ވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކަށް ވީތީ ނޫންކަމަށާއި، އެންމެ ކުޑައިރުންފެށިގެން ކުރާ މަސައްކަތުންކަމަށެވެ. މިއީ 2024 ވަނަ އަހަރު ހޯދި ކާމިޔާބީގެ ނަތީޖާކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި އުމައިރު  އަކީ އެމްޑީޕީގެ ވެރިކަމުގައި އަރުތަ ޕްރޮގްރާމުގައި ހިމެނުނު އެތުލީޓެއްކަންވެސް މަހުލޫފް ފާހަގަކުރެއްވިއެވެ. 

އުމައިރު ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ، ޕޮޓޯތަކަކާއި އެކު، މަޙްލޫފް ރޭ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ބައެއް ފަރާތްތަކުން އުމައިރަކީ ރައީސްގެ ދަރިކަލުންގެ ގޮތުގައި ދެނެގަތް ކަމުގައި ވިޔަސް، 2019 ވަނަ އަހަރުން ފެށިގެން އުމައިރު ދަންނަކަމަށެވެ. އަދި އުމައިރުގެ ހުނަރާއި ކުރިއެރުން ވަރަށް ގާތުން ދެކެމުން އަންނަ ކަމަށާއި، އެހެންކަމުން، އޭނާ އެވޯޑަށް ނޮމިނޭޓްވުމަކީ ހައިރާންކަން ލިނުމުކަމެއް ނޫންކަމަށް މަހުލޫފް ވިދާޅުވިއެވެ. 

"އުމައިރުއަކީ ތަފާތު އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ، ކުރިއަރަމުން އަންނަ އުއްމީދީ ޒުވާން އެތުލީޓެއް. އުމުރުން އެންމެ 16 އަހަރުގެ އުމައިރަކީ ތައުލީމީ ދާއިރާ އާއި ކުޅިވަރުގެ މައިދާނުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެއް ހޯދުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާ ކުއްޖެއް." - ކުރީގެ ސްޕޯޓްސް މިނިސްޓަރ، އަޙްމަދު މަޙްލޫފް

މަަހްލޫފް އިތުރަށް ވިދާޅުވީ ހަގީގަތް ނުބަލާ ކުދިންގެ މިފަދަ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީކުރުން ހުއްޓާލަންޖެހޭކަމަށެވެ. 

އުމައިރު ނޮމިނޭޓްވެފައި ވަނީ، އަހަރުގެ ޒުވާން ކުޅުންތެރިޔާ، ފިރިހެން ކެޓަގަރީ އަށެވެ. މި ކެޓަގަރީއަށް އޭނާ ނޮމިނޭޓްކޮށްފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުންނެވެ.

ކުޅިވަރު އެވޯޑް ހަފްލާ ބާއްވާގޮތަށް ހަމަޖެހިފައިވަނީ މިރެ އެވެ. މަހުލޫފް ވަނީ ކުޅިވަރު އެވޯޑް ހަފްލާގެ ހުރިހާ އެތުލީޓުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. 

ކިޔުންތެރިންގެ ހިޔާލު