ENGLISH
15 ފެބްރުއަރީ 2026
"ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙްކޮށްފި
15 ފެބްރުއަރީ 2026
|
ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމްގެ ތެރެއިން-- ފޮޓޯ: މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމެންޓް
އެންމެ މަޤްބޫލު
މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށާއި، ރާއްޖޭގެ ކާނާގެ ރައްކާތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙްކޮށްފި އެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިގެންނެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ އިއްޔެ މީރުމާގައި ބޭއްވި އޮރިއެންޓޭޝަން ވޯކްޝޮޕްގަ އެވެ. މި މަސައްކަތަކީ މިނިސްޓްރީގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުން ކުރިއަށްގެންދާ "އެންހާންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" (ECRFS) މަޝްރޫޢުގެ ދަށުން ގެންދާ ޕްރޮގްރާމެކެވެ.
ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމްގެ ތެރެއިން-- ފޮޓޯ: މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމެންޓް
މި މަސައްކަތު ބައްދަލުވުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އިބްރާހީމް މިމްރާހެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިމްރާހު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ބަލައި، ޤައުމީ ފެންވަރުގައި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މި ޕްރޮގުރާމްގެ މަގުޞަދަކީ އާރބަން ސަރަޙައްދުތަކުގައި ދަނޑުވެރިކަން ކުރުމުގައި ބޭނުންކުރެވިދާނެ ތަފާތު ގޮތްތަކާއި، މިފަދަ ޕްރޮގުރާމުތަކުގައި ދަރިވަރުންނާއި މުދައްރިސުންގެ ބައިވެރިކުރުވުމުގެ އިތުރުން ސިއްޙަތައް ފައިދާކުރުވަނިވި ކާނާގެ ބާވަތްތައް ބޭނުންކުރުމަށް ބާރުވެރިކުރުމަށް ހޭލުންތެރި ކުރުވުން ކަމަށް މިމްރާހް ވިދާޅުވެފައިވެއެވެ.
މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޑިޔުކޭޝަން ސުޕަރިންޓެންޑެންޓް، އަލްފާޟިލް އިސްމާޢީލް ސަޢުދުﷲ ވިދާޅުވީ، ކްލާސްރޫމްގައި އުނގަންނައިދޭ ތަޢުލީމާއި ތިމާވެށީގެ ޙަޤީޤީ ގޮންޖެހުންތަކާ ގުޅުވައިދޭނެ ފަދަ ޢަމަލީ ހުނަރުތަކާއި މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. ސްކޫލްތަކުގައި ހިންގޭ މިފަދަ ދަނޑުވެރިކަމުގެ ހަރަކާތްތަކަކީ ތިމާވެށި ރައްކާތެރިކުރުމުގެ ރޫޙާއި، ޒިންމާދާރުކަން އަދި ދަރިވަރުންގެ ދުޅަހެޔޮކަން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަން ފާހަގަކުރެއްވި އެވެ.
ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމްގެ ތެރެއިން-- ފޮޓޯ: މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމެންޓް
މި ވޯކްޝޮޕްގައި، މި ޕްރޮގްރާމްގައި ހިމެނޭ މިނިސްޓްރީތަކާއި ހޮވާލެވުނު ސްކޫލްތަކުން ޖުމްލަ 50 ބައިވެރިން ބައިވެރިވިއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ މަރުޙަލާ ފެށުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލެ ސަރަޙައްދުގެ ތިން ސްކޫލެއްގައެވެ. އެއީ ޣާޒީ ސްކޫލް، ހިރިޔާ ސްކޫލް އަދި މުޙްޔިއްދީން ސްކޫލެވެ.
މިފަދަ ޕްރޮގުރާމުތައް މެދުނުކެޑި ސްކޫލުތަކުގައި ހިންގޭނެ ދުރު ރާސްތާ ޕްލޭނެއް ތައްޔާރުކުރެވިގެންދާނެ ކަަމަށް ފަތުރވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.