ENGLISH
15 ފެބްރުއަރީ 2026
އެފްޑީސީގެ 4000 ފްލެޓްގެ ތެރެއިން 3647 ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްފި
15 ފެބްރުއަރީ 2026
|
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އެފްޑީސީގެ ފްލެޓްތައް. ބާކީ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް.
އެންމެ މަޤްބޫލު
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކުރީ 4000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 3647 މީހަކަށް ފްލެޓް ތަޅުދަނޑި ހަވާލުކޮށްފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި މައުލޫމާތުގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ 4000 ފްލެޓްގެ ތެރެއިން އެ އަދަދަށް ތަޅުދަނޑި ހަވާލުކޮށްފައިވާއިރު، މިހާތަނަށް 3850 މީހަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ މި ރޯދަ މަހުގެ ކުރިން ބާކީ ތިބި މީހުންނާ އެކު ސޮއިކޮށް ތަޅުދަނޑި ހަވާލުކުރުން ކަމަށް ހަމްދާން ޝަކީލް ވިދާޅުވިއެވެ. އަދި، ރޯދައިގެ ކުރިން އެ ފްލެޓްތަކަށް މީހުންނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާކަމަށް މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ، ތަޅުދަނޑި ހަވާލުނުކުރެވިފައިވަނީ އެކި ސަބަބުތަކާ ހެދި ހަވާލުނުވެވޭ ފަރާތްތަކަށް ކަމަށެވެ. އެގޮތުން ތަޅުދަނޑި ހަވާލުކުރުމަށް ހަމަޖައްސާފައިވާ 90 މީހަކު އަދި ތަޅުދަނޑިއާ ހަވާލުނުވާކަން ހަމްދާން ފާހަގަކުރެއްވިއެވެ. ފްލެޓް ހޯދުމަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން ލިޔެކިޔުންތައް ވެރިފައި ކުރަންޖެހޭ 112 ފްލެޓް ހިމެނޭ ކަމަށް ހަމްދާން ވިދާޅުވިއެވެ. އެ ލިސްޓު ލިބުމާއެކު، ވީ އެންމެ އަވަހަކަށް އެމަސައްކަތް ވެސް ކުރައްވާނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.
އެފްޑީސީއިން ތަރައްގީކުރި ފްލެޓްތަކަށް މީހުންނަށް ވަދެވޭވަރު ކުރީ ގިނަ މަސައްކަތްތަކަކަށް ފަހު އެވެ. އެގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ފްލެޓްތަކުގެ ގިނަ މަސައްކަތްތަކެއް ހުރީ ނުނިމި އެވެ. އަދި، އެ ސަރަހައްދުގައި މީހުން އާބާދު ކުރުމަށް ކުރަންޖެހޭ އަސާސީ އެހެނިހެން ހިދުމަތްތައް ވެސް ހުރީ ނުދެވި އެވެ.
ފްލެޓްތަކަށް މިހާރު ގިނަ ބަޔަކު ބަދަލުވެފައިވާއިރު، އެ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލީގެ އަދަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހު ބޮޑުތަނުން ކުޑަކުރައްވާފައެވެ.