ENGLISH
15 ފެބްރުއަރީ 2026
ފިއްލަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި
15 ފެބްރުއަރީ 2026
|
ފިއްލަދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އާރްޑީސީ
އެންމެ މަޤްބޫލު
ހއ.ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މިއަދު ފިއްލަދޫގައި ކުރިއަށްގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައި އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އެ ރަސްމިއްޔާތުގައި މި މަސައްކަތް ކުރާ ކުންފުނި ކަމުގައިވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ނަޒީމާއި ފިއްލަަދޫ ކައުންސިލުގެ ރައީސް ފަތުހުﷲ ހަސަންވެސް ބައިވެރިވެވަޑައިގަތެވެ.
މި މަޝްރޫއުގެ ތެރެއިން ފިއްލަދޫގެ ބޮޑެތި ހުރިހާ މަގެއްގަައި ތާރު އަޅައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރުމުގެ އިތުރަށް ފެން ހިންދާ ނިޒާމު ގާއިމުކޮށް، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކުރީ އޯގަސްޓު 10، 2025 ވަނަ ދުވަހުއެވެ.
މި މަޝްރޫއަކީ ފިއްލަދޫ ރައްޔިތުންގެ ޒަމާންވީ އުންމީދަކާ ގުޅިފައިވާ މަޝްރޫއެއްކަން ފާހަގަކުރައްވަމުން އެ ރަށުގެ ކައުންސިލުގެ ރައީސް ފަތުހުﷲ ވިދާޅުވީ މަގުތައް ހެދުމުގެ މަސައްކަތް ފެށުމަކީ ރަށުގެ ކުރިއެރުމާއި ތަރައްގީއަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި އެ މަޝްރޫއުގެ ސަބަބުން ރަށުގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް އުންމީދުކުުރައްވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއަކީ ސަރުކާރުގެ ބަޖެޓުން 77 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި ނިމުނު އަހަރު އަލަށް ސޮއިކުރެވުނު 57 މަޝްރޫ ހިމެނޭހެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަގުހެދުމުގެ 97 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި މި އަހަރު އިތުރު 13 މަޝްރޫއު ފަށައި، ކުރިއަށް އޮތް 22 މަސް ތެރޭ 110 ރަށެއްގެ މަގުހެދުމުގެ މަސައްކަތް ނިންމަވާނެ ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.