ENGLISH

15 ފެބްރުއަރީ 2026

Advertisement

މިހާތަނަށް 53،800 މަސްދަޅު ކޭސް ދޫކޮށްފި

15 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުން. ފޮޓޯ: ވުޒާރާ

މާލެ ސަރަޙައްދުގައި މިހާތަނަށް 53،800 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ފެށީ ހުސްވި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

ރޯދަ ހަދިޔާ މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތް މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ނިންމާލާފައި ވިޔަސް، އެއްވެސް ސަބަބަކާހުރެ މަސްދަޅު ކޭހާއި ހަވާލުނުވާ ފަރާތްތަކަށް ދެން މަސްދަޅު ކޭސް ލިބިވަޑައިގަންނަވާނީ މާލޭގައި ހުންނަ މިފްކޯ މަރުކަޒުންނެވެ. މިފްކޯ މަސް ފިހާރައިން ކޮންމެ ރެއަކު 08:30 އިން 11:00 އާ ހަމައަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްކުރާނެއެވެ. އެ ތަނުން މަސްދަޅު ކޭސްތައް ދޫކުރާނީ މުލަ ރޯދަ ދުވަހާ ހަމަޔަށެވެ.  

މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 އެވެ. ވުޒާރާއިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 11،700 އަށްވުރެ ގިނަ ގޭބިސީން އަދިވެސް މަސްދަޅު ކޭހާ ހަވާލުވެފައެއް ނުވެއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އެދިފައިވަނީ ފަހު ވަގުތަށް މަޑުނުކޮށް އަވަހަށް މަސްދަޅު ކޭހާ ހަވާލުވުމަށެވެ.

އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުންނެވެ.

ކޮންމެ ރަމަޟާން މަހަކު ރޯދަ ހަދިޔާ ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދެނީ 48 ދަޅުގެ މަސްދަޅުކޭހެކެވެ.

ކިޔުންތެރިންގެ ހިޔާލު