ENGLISH

14 ފެބްރުއަރީ 2026

Advertisement

އަސާސީ ހިދުމަތްތައް ސިޔާސީ ކުރުމަކީ މި ސަރުކާރުގެ އަމާޒެއް ނޫން: އެންވަޔަރަމަންޓް މިނިސްޓްރީ

14 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ބ. ކެންދޫގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ މަސައްކަތްތައް. ފޮޓޯ: އެމްޑަބުލިއުއެސްސީ

މީގެ ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ އަސާސީ ހިދުމަތްތައް ސިޔާސީ ކުރި ނަމަވެސް އެއީ މި ސަރުކާރުގެ އަމާޒެއް ނޫން ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަޝްރަފް ނުއުމާން ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ރިޔާސީ ބަޔާން" ޕްރޮގްރާމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަސައްކަތްތަކުގެ އިތުރު ތަފްސީލުތައް ހިއްސާކުރައްވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަޝްރަފް ނުއުމާން ވިދާޅުވީ ކުރީ ސަރުކާރުތަކުން ކޮންމެ ގޮތަކަށް ކަންކޮށްފައި އޮތް ނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ސިޔާސީ ކުރުމަކީ މި ސަރުކާރުން ކުރާނޭ ކަމެއް ނޫން ކަމަށެވެ. 

"މި ސަރުކާރުގެ ވިސްނުމެއް ނޫން އަސާސީ ހިދުމަތްތައް ސިޔާސީކޮށްގެން ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި މަސައްކަތް ކުރުމަކީ. ކޮންޓްރެކްޓަރަކަށް ފެނާއި ނަރުދަމާގެ މަޝްރޫއެއް ހަވާލުކުރިޔަސް ހަވާލުކުރަނީ ވަރަށް ރަނގަޅަށް ބަލާފައި. ކުރީ ސަރުކާރުން ކަންކަން ސިޔާސީކޮށްގެން ފޮޓޯއެއް ނަގާލަން ކޮށްފައި ހުރި ކަންކަމުން ރައްޔިތުންނަށް ވަރަށް ބޮޑު ގެއްލުމެއް މިވަނީ ވެފައި. " - ފަތުރުވެރިކަމާއި ތިމާއްވެއްޓާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަޝްރަފް ނުއުމާން

އަޝްރަފު ވިދާޅުވީ ކޮންޓްރެކްޓަރުން މަސައްކަތްތައް ފުރިހަމައަށް ނުނިންމާހާ ހިނދަކު މިނިސްޓްރީން އެކަމާ ހަވާލުވެސް ނުވާނޭކަމަށެވެ. 

މިނިސްޓްރީން މިހާރު އެކުލަވާލާފައިވާ ޕްލޭންތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ނިންމާލެވުމުން ރައްޔިތުންނަށް ކުރާނީ ފައިދާާ ކަމަށް އަަޝްރަފް ވިދާޅުވިއެވެ.

މި ސަރުކާރު ހަވާލުވީއިރު، ފެނާއި ނަރުދަމާގެ ހުރިހާ ޕްރޮޖެކްޓެއް ހުރީ ހުއްޓިފައިކަމަށާއި އަލުން އެ މަސަައްކަތްތައް ކުރިއަށް ގެންދާއިރު މި ޕްރޮޖެކްޓުތަކާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކަށް ދެއްކޭނެ ވާހައެއް އޮތް ކަމަށް ގަބޫލު ނުކުރައްވާކަމަށް ވެސް އަޝްރަފް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް ފެނާއި ނަރުދަމާގެ ހުރިހާ ޕްރޮޖެކްޓެއްގެ މަސައްކަތްތައް ވެސް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމުގެ ޔަގީންކަން މިނިސްޓްރީގެ ފަރާތުން އަޝްރަފު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

ސަރުކާރު ހަވާލުވީ އިރު 42 ރަށުގައި ފެނުގެ ނިޒާމު ގާއިމުކޮށް ހިދުމަތްދޭން ފެށިފައިވާކަމަށާއި 39 ރަށުގައި ނަރުދަމާގެ ނިޒާމު ގާއިމުކޮށް ޚިދުމަތްދޭން ފެށިފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، އިތުރު 51 ރަށުގައި ފެނުގެ ނިޒާމު، އަދި 40 ރަށުގައި ނަރުދަމާގެ ނިޒާމު ގާއިމުކުރެވުމުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް ނިމޭނެކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

ރައީސް ވިދާޅުވީ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މި މަސައްކަތްތައް 18 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. 

ފެނާއި ނަރުދަމާގެ ދާއިރާ ތަރައްޤީކޮށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ މަގުޗާޓެއް ސަރުކާރުން އެކުލަވާލާފައިވާއިރު، 2027 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށް ހިންގަން ފަށަން ލާޒިމުވާ ގޮތަށް ގެނައި އިސްލާހުގެ ބިލު ވެސް ރައީސް ވަނީ ތަސްދީގު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު