ENGLISH
14 ފެބްރުއަރީ 2026
ކައުންސިލު އިންތިހާބު ކޮންގުރެސްއިން ކާމިޔާބުކުރުމަކީ ގައުމީ މަސްއޫލިއްޔަތެއް: ޑރ.ޝަހީމް
14 ފެބްރުއަރީ 2026
|
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
އަންނަ އޭޕްރީލު މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލުތަކުގެ އިންތިހާބު ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސްއަށް ކާމިޔާބުކޮށްދީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ގައުމީ މަސައްކަތްޕުޅު ދެމެހެއްޓުމަކީ، ގައުމީ މަސްއޫލިއްޔަތެއް ކަމުގައި ދެކިގެން ކުރަންޖެހޭ ކަމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކޮންގުރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރުކަމަށާއި، އެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަގަހަ އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ.ޝަހީމު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ގައުމީ ހިދުމަތްތަކަކީ ރާއްޖެއަށް މުޅިން އައު ފަތިހަކަށް އަލިވިލާނެ ފަދަ މުހިއްމު އިންގިލާބީ މަސައްކަތްތަކެއް ކަމަށެވެ.
ވެރިކަމާ ރައީސް ޑރ.މުޢިއްޒު ހަވާލުވެވަޑައިގެން ދިވެހިރާއްޖޭގެ ކަންކަން ކޮނޑުފުޅުގައި އަޅުއްވައިގެން މަސައްކަތް ފެއްޓެވިއިރު ގައުމުގެ އިގުތިސާދީ އިޖުތިމާއީ ގިނަ ކަންތައްތައް ހުރީ ވަރަށް ބޮޑަށް އިސްލާހުކުރަންޖެހިފައިކަން ފާހަގަކުރައްވަމުން ޑރ.ޝަހީމު ވިދާޅުވީ ރާއްޖޭގެ ކަންކަން ރަނގަޅު މިސްރާބަށް ބަދަލުކުރައްވައި، އަންހެނުންނަަށް ރަނގަޅު މަގުތައް ފަހިކުރައްވައި، ކުރިމަގުގެ ޖީލުތައް ސަލާމަތްކުރައްވައި، ރާއްޖޭގެ އިޖުތިމާއީ ފޭރާން އަލުން ވިއުއްވުމަށް ރައީސް ކުރައްވަމުންދާ މަސައްކަތްޕުޅު ދެމެހެއްޓުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.
ރައީސް ފައްޓަވާފައިވާ އިންގިލާބީ ބައެއް މަސައްކަތްޕުޅުގެ މިސާލުތަކެއްގެ ގޮތުން ޑރ.ޝަހީމު ފާހަގަކުރެއްވީ ޒުވާނުން ހަރުދަނާ ގޮތުގައި ތަރުބިއްޔަތުކޮށް، އިސްލާމީ އަހުލާގާއި ވަތަނީ ލޯތްބާއި މަސައްކަތްތެރިކަމުގެ މައްޗަށް ހޭނުވުމަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ފަށާފައިވާ ވަތަނީ ހިދުމަތުގެ ޕްރޮގުރާމާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޒުވާން ހަތީބުންނާއި ހާފިޒުން ތަމްރީނުކުރުމުގެ ޕްރޮގުރާމުތަކެވެ. އެކަންކަމަކީ ރައްޔިތުން އެކަންކަމާމެދު ފުންކޮށް ވިސްނާންޖެހޭ ކަންކަން ކަމުގައި ޑރ.ޝަހީމު ފާހަގަކުރެއްވިއެވެ.
"ޕީއެންސީގެ ލޮބުވެތި މެންބަރުން އަތު ގުޅާލައިގެން އެކުއެކީގައި މަސައްކަތްކުރަންޖެހޭ އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭ ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި. ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބުކުރުމަކީ ޕީއެންސީގެ ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ދަތުރުކުރުމަށް އޮތް ވަރަށް ފުޅާ މަގެެއް،" ވަޒީރު ވިދާޅުވިއެވެ.
އަދި ރައީސް ފައްޓަވާފައިވާ އިންގިލާބީ މަސައްކަތްޕުޅު ދެމެހެއްޓުމަކީ ރާއްޖެ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން ޑރ.ޝަހީމު ވިދާޅުވީ އެކަމަށްޓަަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބުކުރުމުގައި ފަރުވާކުޑަކޮށްގެންނުވާނެ ކަމަށެވެ.
އިތުރަށް ވަޒީރު ފާހަގަކުރެއްވީ ރާއްޖޭގެ ސިޓީތަކުގައި ކޮންގްރެސް ޕާޓީގެ ކެމްޕެއިން ފެށުމަށް ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ޕާޓީގެ ލީޑާޝިޕާއެކު ކުރެއްވި ދަތުރުފުޅުތަކުން ފެނިވަޑައިގަތީ ވަރަށް ބަދަހިކޮށް، އެހައިމެ ޖޯޝާއި ހިތްވަރާއެކު އެ ޕާޓީގެ މެންބަރުން ކައުންސިލު އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތްކުރަމުންދާ މަންޒަރު ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެންނަނީ ޕީއެންސީގެ މެންބަރުން އެއް ރޫހެއްގައި މަސައްކަތްކުރަމުންދާ ތަންް. މި އިންތިހާބު ކާމިޔާބުކުރުމަކީ އަޅުގަނޑުމެންގެ ގައުމީ މަސްއޫލިއްޔަތުގެ ތެރެއިން އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް،" ޝަހީމު ވިދާޅުވިއެވެ.