ENGLISH

14 ފެބްރުއަރީ 2026

Advertisement

ޕަބްލިކް ވާކްސް ހިދުމަތް ހުރިހާ އަތޮޅަކުން ލިބުމަކީ ރައްޔިތުންނަށް ލިބޭނެ ބޮޑު ލުޔެއް: ލަތީފު

14 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު, ފޮޓޯ: އެމްއެމްޓީވީ

ޕަބްލިކް ވާކްސްގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ގާއިމުކުރެވިގެން ދިއުމަކީ ރައްޔިތުންނަށް މުސްތަގުބަލުގައި ލިބޭނެ ބޮޑު ލުޔެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަަޖިލީހުގެ ޖަލްސާތައް ފެށުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއްވެވި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނާ ގުޅިގެން އެމްއެމްޓީވީން ގެނެސްދެމުންދާ ސިލްސިލާ ޕްރޮގުރާމު "ރިޔާސީ ބަޔާން" ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މެންބަރު ވިދާޅުވީ ރައްޔިތުންނާ ގާތުން ހިދުމަތްތައް ދެއްވުމަކީ ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވާ ސިޔާސަތެއް ކަމަށެވެ. 

ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް އިސްކަންދެއްވައިގެން ރައީސް ކުރައްވަމުންދާ މަސައްކަތްޕުޅަށް އަލިއަޅުވައިލައްވަމުން މެންބަރު ވިދާޅުވީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމުކުރެއްވުމަކީވެސް މި ސިޔާސަތުގެ ތެރެއިން ރައްޔިތުންނަށް އެތައް ފަސޭހައަކާއި ލުއިތަކެއް ހޯދައިދިން މުހިއްމު މަސައްކަތެއް ކަމަށެވެ. 

ހަމައެހެންމެ ސިއްހީ ހިދުމަތް ލިބުމުގައި ހުރި ދަތިތައް ހަައްލުކުރައްވައި އެ ހިދުމަތްތައް ރައްޔިތުންނާ ގާތުން ލިބޭނެ ގޮތް ފަހިކުރެއްވުމަށް ރައީސް ފައްޓަވާފައިވާ މަސައްކަތްޕުޅަށް އިޝާރާތްކުރައްވަމުން މެންބަރު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ކުދިކުދި ކަންކަމުގައި ސިޓީތަކަށް ނުވަތަ އަތޮޅު ވެރިކަންކުރާ ރަށްތަކަށް ދާންނުޖެހި، ބޮޑެތި ކަންކަމުގައި ރާއްޖެއިން ބޭރަށް ދާންނުޖެހޭނެ ގޮތަކަށް ސިއްހީ ހިދުމަތްތައް އިންތިޒާމުވުމަށް ކަމަށެވެ. 

ރައީސްގެ ސިޔާސަތުގެ ދަށުން ހުރިހާ ރަށެއްގައި ލެބޯޓަރީ ހިދުމަތް ގާއިމުކުރެވިގެންދިއުމުން އާދައިގެ ޓެސްޓުތައް ހެދުމަށް އަތުން ބޮޑެތި ހަރަދުތަކެއް ކުރުމަށްފަހު އަތޮޅު ހޮސްޕިޓަލު ހުންނަ ރަށަށް ނުވަތަ އެންމެ ކައިރީ ސަރަހައްދީ ހޮސްޕިޓަލު ހުންނަ ރަށަށް ދަތުރުކުރަންޖެހޭ ޖެހުން ނިމިގެންދާނެ ކަމަށް މެންބަރު ވިދާޅުވިއެވެ. 

އޭގެ އިތުރަށް އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އުމްރާނީ ވަސީލަތްތަކަށް މައްސަލައެއް ކުރިމަތިވުމުން މިހާރު ސަރުކާރުން ޓީމުތައް ފޮނުވަންޖެހެނީ މާލެއިންކަން ފާހަގަކުރައްވަމުން މެންބަރު ވިދާޅުވީ މިހާރު ކުއްލި ކަމެއް މެދުވެރިވި ނަމަވެސް އެކަމުގައި އަތޮޅުން ނުވަތަ ރަށުން ހައްލު ހޯދޭނެ ގޮތްތަކެއް ނެތް ކަމަށެވެ. 

"މިހާރު ރައީސް އެ ވިދާޅުވީ އިރާދަކުރެއްވިއްޔާ ތިމަންމަނިކުފާނު މި އަހަރު ތެރޭ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕަބްލިކް ވާކްސް ޔުނިޓެއް ގާއިމުކޮށްދެއްވާނަމޭ. ޕަބްލިކް ވާކްސް ޔުނިޓު ހުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަވެގެންދާނެ.،" މެންބަރު ވިދާޅުވިއެވެ. 

ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރައްވާފައިވަނީ މިހާރު ޕަބްލިކް ވާކްސް ހިދުމަތް ގާއިމުކުރެވިފައި ނެތް 15 އަތޮޅުގެ 19 ރަށެއްގައި ޕަބްލިކް ވާކްސް ޔުނިޓައް ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރުމުގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށެވެ. 

ރައީސް ވިދާޅުވި ގޮތުގައި މި ޔުނިޓުތައް ގާއިމުކުރެވުމުން، ރަށްރަށުގައި ގާއިމުކުރާ އުމްރާނީ ވަސީލަތްތަކުގެ މަރާމާތާއި އާބާތުރަފިލުވުމުގެ ކަންކަން ބެލެހެއްޓުމުގެ ތެރެއިން ބަނދަރު ތެރެ ތިލަވުމުން ފުންކުރުމާއި، ނެރުމަތި ތިލަވުމުން ނެރު ފުންކުރުމާއި، ބަނދަރުގެ އެކިކަހަލަ މަރާމާތުތައް ކުރުމާއި، މަގުތައް މަރާމާތު ކުރުމާއި، އެނޫންވެސް އުމްރާނީ ވަސީލަތްތަކުގެ މެއިންޓެނަންސް އާއި މަރާމާތުގެ މަސައްކަތް ހަރަދުކުޑަކުރެވި، އިތުބާރު ހިފޭ ގޮތެއްގައި، ދެމެހެއްޓެނެވިހެން ކުރިއަށްގެންދެވޭނެ ނިޒާމެއް ހަމަޖެހިގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު