ENGLISH
14 ފެބްރުއަރީ 2026
ގައުމުގެ ހާލަތު އޮތް ގޮތުން އެންމެންގެ އެއްބާރުލުން ސަރުކާރަށް ދައްކަންޖެހޭ: ޑރ.އަމީން
14 ފެބްރުއަރީ 2026
|
ޖުމްހޫރީ ޕާޓީގެ ނައިބުރައީސް ޑރ.އަމީން އިބްރާހީމް، ފޮޓޯ: ވަގުތު
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ އިޖުތިމާއީ އިގުތިސާދީ ހާލަތު އޮތް ގޮތުން ހުރިހާ އެންމެންގެ އެއްބާރުލުން މިއަދުގެ ސަރުކާރަށް ދައްކަންްޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ނައިބުރައީސް ޑރ.އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން މާމިގިލީ ދާއިރާގެ ދެ ރަށް ކަމުގައިވާ މާމިގިއްޔާއި ފެންފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި އަމީނުވަނީ އިތުރު ދާއިރާތަކަށް ކެންޑިޑޭޓުން ނުނެރެ އެހެން ދާއިރާތަކުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް އެ ޕާޓީން ނިންމި ނިންމުން ދިފާއުކުރައްވައި، އެ ނިންމުން ނިންމި ސަބަބުގެ މައްޗަށް އަލިއަޅުވައިލައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ޑރ.އަމީނު އިތުރަށް ވިދާޅުވީ އަބަދުވެސް ދިވެހި ރައްޔިތުންގެ މަސްލަހަތާއި ދިވެހި ގައުމުގެ ހަމަަޖެހުމާއި ރާއްޖޭގެ ސްޓެބިލިޓީ ނުވަތަ އިސްތިގުރާރަށް އެންމެ ބޮޑަށް ވަކާލާތުކުރާ ލީޑާޝިޕެއް އޮންނާނެ ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމަށެވެ. އަދި ލޯކަލް ކައުންސިލު އިންތިހާބާމެދު އެ ޕާޓީން ނިންމާފައިވާ ނިންމުމުން ފެންނަނީ އެ ޕާޓީން ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރާކަން ކަމަށްވެސް އަމީނު ވިދާޅުވިއެވެ.
އަމީނު އިތުރަށް ވިދާޅުވީ އެ ޕާޓީން ކޮންގްރެސް ޕާޓީއަށް ތާއީދުކުރުމަކީ އެއްވެސް ހާލެއްގައި ވެރިކަން ކުރައްވަން ތިއްބެވި ބޭފުޅުންނަށް ގޯސްކޮށް ކަމެއް ނުކުރެއްވޭކަމަށް ބުނުން ނޫން ކަމަށާއި، ނަމަވެސް މިހާރު ރައްޔިތުންނާއި ގައުމުގެ ހާލަތު އޮތް ގޮތުން ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދިވެހި ސަރުކާރަށް ދައްކަންޖެހޭތީ އެ އެއްބާރުލުން ދިނުމަށް އެ ޕާޓީން ނިންމީ ކަމަށެވެ.
"މިއަދު އަޅުގަނޑުމެންގެ ރައްޔިތުންގެ ހާލަތު އޮތް ގޮތުން، ގައުމުގެ އިގުތިސާދީ އިޖުތިމާއީ ހާލަތު އޮތް ހިސާބުން އަޅުގަނޑުމެންގެ އެއްބާރުލުން އަޅުގަނޑުމެންގެ ސޮލިޑޭރިޓީ ދައްކަންޖެހޭ ދިވެހި ސަރުކާރަށް. އެ ސޮލިޑޭރިޓީ ދައްކަމުން މިއަންނަނީ ކުރިއްސުރެ ސަރުކާރަށް،" އަމީނު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމުވެސް ފާހަގަކުރެއްވީ ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮއްވައި ވެރިކަމާ ހަވާލުވެވަޑައިގެން އެ ހާލަތުން ގައމު ސަލާމަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް އެއްވެސް ބަޔަކު ކުރާ ކަަމަކުން ބުރޫއަރައި ލޮޅުން އެރުމަށް އެދިވަޑައިނުގަންނަވާ ކަމެވެ. އަދި އެއީ އެމަނިކުފާނަށް ތާއީދުކުރައްވައި ކޮންގުރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ކައުންސިލު އިންތިހާބުގައި ތާއީދުކުރެއްވުމަށް ނިންމެވި ސަބަބުކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އަމީން އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީން ކައުންސިލު އިންތިހާބާ ގުޅިގެން ނިންމި ނިންމުމަކީ އެ ނިންމުމުގެ ސަބަބުން މުސްތަގުބަލުގައި ދިވެހި ރައްޔިތުންނަށް ގެއްލުމެއް ނުލިބޭނެ، ރައްޔިތުންނަށް އެއިން ގިނަގުނަ މަންފާކުރާނެ ނިންމުމަކަަށްވާނެ ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.