ENGLISH
13 ފެބްރުއަރީ 2026
ދ. މީދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި
12 ފެބްރުއަރީ 2026
|
އެންމެ މަޤްބޫލު
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ތަރައްގީކުރި ވޮލީބޯޅަ ކޯޓް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ވޮލީބޯޅަ ކޯޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް އެކަމަނާ ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި އެވުޒާރާގެ އިސްވެރިން އަދި ރަށުގެ މުއައްސާތަކުގެ އިސްވެރިންނެވެ.
ވޮލީބޯޅަ ކޯޓް ހުޅުވުމުގެ ގޮތުން މީދޫގެ ޒުވާން އަންހެން ކުދިންގެ މެދުގައި ކުޅުނު އެކުވެރިކަމުގެ މެޗު އެކަމަނާ ވަނީ ބައްލަވާލައްވާފައެވެ.
މިއަދު ދ. ކުޑަހުވަދޫގައި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ތަރައްޤީކުރި ޖިމް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ، ސަރުކާރުން ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމާއި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ނުހަނު އިސްކަމެއްދެއްވައިގެން މަސައްކަތްކުރައްވާކަން ފާހަގަކުރައްވައިފައެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ބަލިބަލިން ރައްކާތެރިވުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅިފައިވާ ބަލިތަކުން ރައްކާތެރިވެ ޖިސްމާނީ ގޮތުން ހަށިހެޔޮ ރައްޔިތަކަށްވުމަށް އިސްކަންދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މިކަން ހާސިލްކުރުމަށްޓަކައި، ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާ ތަރައްގީކުރުމަކީ ނުހަނު މުހިއްމު ކަމެއްގެ ގޮތުގައި މި ސަރުކާރުން ދެކޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ކުޅިވަރާއި ހަށިހެޔޮކަމުގެ 879 މަޝްރޫއެއްގެ މަސައްކަތްތައް އެކި މަރުހަލާގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އަދި، މި ހުރިހާ މަޝްރޫޢެއް ވެސް ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.