ENGLISH
11 ފެބްރުއަރީ 2026
ހޯރަފުށި ދާއިރާގެ ދެ ރަށަކުން ތިން ގޮނޑި ސަރުކާރަށް
11 ފެބްރުއަރީ 2026
|
ތުރާކުނުގެ ގޮނޑި ލިބުނު ޚުޒައިމާ އާއި ޝާފިޢުގެ އިތުރުން އުލިގަމުގެ ގޮނޑި ލިބުނު އަމީނާ. މިއީ ހޯރަފުށި ދާއިރާގެ ދެ ރަށުން ޕީއެންސީއަށް ލިބުނު ގޮނޑިތަކެއް. ފޮޓޯ: އެމްއެމް
އެންމެ މަޤްބޫލު
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ހޯރަފުށި ދާއިރާގެ ދެ ރަށަކުން ތިން ގޮނޑި އިންތިހާބަކާ ނުލައި ސަރުކާރަށް ދީފި އެވެ.
ހޯރަފުށި ދާއިރާގައި ހިމެނެނީ ހޯރަފުއްޓާއި ތުރާކުނުގެ އިތުރުން އެ އަތޮޅު އުލިގަމެވެ.
މި ދާއިރާގެ ރަށްތަކުގެ ތެރެއިން އުލިގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ ގޮނޑިއާއި، އެ އަތޮޅު ތުރާކުނު ކައުންސިލްގެ މެމްބަރުގެ ގޮނޑިއާއި އެ ރަށު ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާގެ ގޮނޑި ޕީއެންސީއަށް ވަނީ ލިބިފައެވެ.
މި ގޮނޑިތައް ޕީއެންސީއަށް ލިބުނީ އެ ގޮޑިތަކަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ފިޔަވައި އިތުރު އެއްވެސް ބޭފުޅަކު ކުރިމަތިނުލައްވާތީއެވެ.
ގިނަ ރަށްތަކުގެ ގޮނޑިތައް އިންތިހާބަކާ ނުލައި މިހާރުވެސް އަންނަނީ ސަރުކާރަށް ދެމުންނެވެ. އެގޮތުން އދ. ދިއްދޫ އަދި އެ އަތޮޅު މަންދޫ ކައުންސިލް ރައީސްގެ ގޮނޑިއާއި، ހއ. ބާރަށާއި އުތީމު ކައުންސިލް ރައީސްގެ ގޮނޑިއާއި، ބ. އޭދަފުށީ ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން، އަންހެން މެންބަރުން ތަމްސީލުކުރައްވާ ދެ ގޮނޑިއާއި، ރ. ފައިނު ކައުންސިލުގައި އަންހެނުންނަށް ޚާއްސަ ގޮނޑި އިންތިހާބަކާ ނުލައި ސަރުކާރަށް ވަނީ ލިބިފައެވެ.
އިންތިހާބަކާ ނުލައި އެންމެ ގިނަ ގޮނޑި މިހާތަނަށް ސަރުކާރަށް ދިން ރަށަކީ ތ.ވިލުފުއްޓެވެ. ވިލުފުށީގައި އިންތިހާބުކުރަންޖެހޭ ދިހަ ގޮނޑީގެ ތެރެއިން ނުވަ ގޮނޑި އިންތިހާބަކާ ނުލައި ވެރިކަންކުރާ ކޮންގުރެސް ޕާޓީއަށް ވަނީ ދީފައެވެ.