ENGLISH

11 ފެބްރުއަރީ 2026

Advertisement

ރޯދަ މަހަށް ހަނދު ބެލުން އަންނަ ހަފްތާގެ އަންގާރަ ދުވަހު

11 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ރޯދަ މަހަށް ހަނދު ބަލާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު. ފޮޓޯ:ސަން

މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ބެލުން އަންނަ ހަފްތާގެ އަންގާރަ ދުވަހު ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ރަމަޟާން މަހަށް ހަނދު ބެލުމާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު އިއުލާނުގައި ވަނީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައިނަމަ، މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައިކަމަށެވެ.

އަތޮޅުތެރޭގެ ރަށެއްގައިނަމަ ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ. މެޖިސްޓްރޭޓެއް ޤާއިމުވެ ނެތް ރަށެއްގައިނަމަ، އެ ވަގުތަކު އެ ރަށުގެ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ޙަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައެވެ.

ހަނދު ފެނިގެން އެ މަޢުލޫމާތު ދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މި ނޫން ވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާކަމަށް ޑީޖޭއޭ އިން ވަނީ ބުނެފައެވެ.

ރަމަޟާންމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މިމަހު 17 ވާ އަންގާރަ ދުވަހުގެ ހަވީރު 5.30 އިން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެއެވެ. 

ރަމަޟާން މަހުގެ ހަނދާއި ބެހޭ ގޮތުން އިސްލާމީ ކަަންތައްތަކާ ބެހޭ ވުޒާރާއިން އިއްވާ ބަޔާން އިއްވުން އޮންނާނީ އަންގާރަ ދުވަހުގެ ރޭ ބާއްވާ ހަނދާއި ބެހޭ ޖަލްސާގައެވެ.

ކިޔުންތެރިންގެ ހިޔާލު