ENGLISH

11 ފެބްރުއަރީ 2026

Advertisement

ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގައި ތާރު އަޅައި ނިންމާލައިފި

11 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގައި ތާރު އަޅައި ނިންމުން-- ފޮޓޯ: ޕީއެސްއެމް

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ދެވަނަ ފިޔަވަހީގައި ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީ އިން ބުނީ އެ ސަރަހައްދުގައި ތާރު އަޅާފައިވަނީ ރޭގައި ކަމަށެވެ. އެގޮތުން 260 މީޓަރުގެ ސަރަހައްދެއްގައި ވަނީ ތާރު އަޅާފަ އެވެ. އެމްޓީސީސީއިން ބުނީ، މި މަޝްރޫއުގެ ބޮޑު އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މަގުގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން ޔުޓިލިޓީ ނެޓްވޯކްގެ ބައެއް މަސައްކަތްވެސް ކުރިއަށްދާ ކަމަށް ބުންޏެވެ.

ބޮޑުތަކުރުފާނުމަގުގެ ދެވަނަ ސެގްމެންޓް ހަދަނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ. އެ ސަރަހައްދުވެސް ތަރައްޤީކުރަނީ މަގު ފުޅާކޮށް، ތާރު އަޅައިގެންނެވެ. އެގޮތުން ބަނދަރުގެ އެއްގަމު ތޮށިން ގާތްގަނޑަކަށް ހަ މީޓަރަށް ބޭރަށް ޖައްސާ، މަގުގެ ފުޅާމިން 14 މީޓަރަށް ވަނީ އިތުރުކޮށްފަ އެވެ. މި މަގު ތަރައްޤީކޮށްފައިވަނީ ހަތަރު ލޭނަކަށެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން އެމްޓީސީސީން އިތުރަަށް ބުނެފައިވަނީ މި މަޝްރޫއަކީ، މާލެއަށް އަރައި ފޭބުން ފަސޭހަކޮށްދީ، މާލެ ތެރޭގެ ދަތުރުފަތުރު ލުއިކޮށް ކާރޫބާރޫ ބޮޑުވުން ކުޑަކޮށްދޭނެ މަޝްރޫއެއް ކަމަށެވެ. އަދި ހިނގައިބިނގައިވެ އުޅުމަށް ފަސޭހަ މަގުތަކަކަށް މާލޭގެ މަގުތައް ހެދޭނެ މަޝްރޫއެއް ކަމުގައި އެ ކުންފުނިން ފާހަގަކުރެ އެވެ.

މަގު ފުޅާކުރުމުގެ ސަބަބުން އެ ސަރަހައްދުން ދަތުރުފަތުރު ކުރުމަށް ބޮޑެތި ލުއިތަކެއް ލިބި ތޮއްޖެހުން ކުޑަވާނެކަމަށާއި، މި މަގުގައި ގާއިމުކުރެވޭ ފެން ހިންދާ ނިޒާމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލައަށްވެސް ލުޔެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން އަލުން އެ މަގު ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގައި ހިމެނިގެން ޖުމްހޫރީ މައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެން މަގުހަދައި، އެ ސަރަހައްދު ހުޅުވީ 2025 ޑިސެންބަރު މަހު އެވެ.

ރޯދަމަހުގެ ކުރިން ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާ ރައްޔިތުންނަށް ހުޅުވާލުމަކީ ސަރުކާރުގެ އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު