ENGLISH

11 ފެބްރުއަރީ 2026

Advertisement

އެހެން މީހަކު ސަރުކާރު ޖަވާބުދާރީ ކުރުވަންދެން ރައީސް މަޑެއް ނުކުރައްވާނެ: އަލީ އާރިފް

11 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

އަލީ އާރިފް ރައީސް މުއިއްޒާއެކު. ފޮޓޯ؛ރައީސް އޮފީސް

އެހެން މީހަކު ސަރުކާރު ޖަވާބުދާރީ ކުރުވަންދެން އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޑު ނުކުރައްވާނެކަމަށް ރައީސް އޮފީހުގެ ވަޒީރު އަލީ އާރިފް ވިދާޅުވެއްޖެއެވެ. 

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ތަކުރާރުކޮށް އެ ޕާޓީގެ އިސް ވެރިން ގޮވާލަމުން އަންނަ ދަނޑިވަޅެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ އާރިފް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އެހެން ބަޔަކު ކުރައްވަން ރައީސް މުއިއްޒު މަޑު ނުކުރައްވާކަމަށެވެ. 

އެމަނިކުފާނު ގެންދަވަނީ ދައުލަތުގެ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއެކު ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ގާތަށް ސީދާ އެމަނިކުފާނު ވަޑައިގެން އަމިއްލަފުޅަށް ސަރުކާރު ޖަވާބުދާރީ ކުރުވަމުން ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

"މިހާރުވެސް ސިލްސިލާ ގޮތެއްގައި ރައްޔިތުންގެ އެކި ފަންތިތަކާއި ގިންތިތަކުގެ ގާތަށް ރައީސް އަމިއްލަފުޅަށް ވަޑައިގެން، ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވަމުން އެބަގެންދަވައެވެ. މަދު ބަޔަކާ ބައްދަލުކުރެއްވުމުގެ ބަދަލުގައި، ރައީސް އިސްކަންދެއްވަނީ ސީދާ ރައްޔިތުންގެ ދަރުބާރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް" - ރައީސް އޮފީހުގެ ވަޒީރު އަލީ އާރިފް

އެމްޑީޕީގެ މި ވާހަކަތަކަށް މީގެ ކުރިން ރައީސް މުއިއްޒު ވެސް ވަނި ރައްދު ދެއްވާފައެވެ. އެގޮތުން ކައުންސިލުތައް އިންތިޚާބުކުރަނީ ސަރުކާރު ޖަވާބުދާރީކުރުވުމަށް ކަމަށް ބުނާ ބުނުމަކީ ގޯހެއްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

ރައީސް ވިދާޅުވީ ތިން ބާރު ވަކިވެފައިވާއިރު، ކައުންސިލުތަކަކީ، ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށެވެ. އަދި ކައުންސިލް އިންތިޚާބުގައި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަޤްޞަދުގައި ބަޔަކު އިންތިޚާބުކުރެވިއްޖެނަމަ، އެ ރަށެއް ނުވަތަ އެ ސިޓީއެއްގައި ހިނގާނީ މުނިސިޕަލް އަދި ތަރައްޤީގެ މަސައްކަތުގެ ބަދަލުގައި ސިޔާސީ މަސައްކަތްތައްކަން އާރިފް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު