ENGLISH

11 ފެބްރުއަރީ 2026

Advertisement

ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީއެއް ނައިފަރުގައި ވެސް އެކުލަވާލަނީ

11 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު. ފޮޓޯ؛އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީއެއް ޅ. އަތޮޅުގައި ވެސް އެކުލަވާލައްވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ފޭސްބުކުގައި އެމަނިކުފާނު ލިޔުއްވާފައިވާ ގޮތުގައި، މާލެއާއި އައްޑޫ ސިޓީއާއި ފުވައްމުލަކުގެ އިތުރުން ދެން އެންމެ ގިނައިން ޙާފިޒުން އުފެދެމުން އަންނަނީ ނައިފަރުގައި ކަމަށެވެ. ވުމާއެކު، މަސައްކަތް ކުރަމުންދަނީ ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީއެއް ޅ. އަތޮޅުގައި ވެސް އެކުލަވާލުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އެކަން ކުރައްވަނީ، ދަރިވަރުން އިމްތިހާނަށް މާލެ އައިސް ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހޭ ޖެހުމަށް ލުޔެއް ހޯދައި ދިނުމަށްޓަކައި ކަމަށެވެ.

"މާތް ﷲ އިރާދަކުރެއްވިއްޔާ މި އަހަރު ޅ. އަތޮޅުގައި ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީއެއް ޢައްޔަންކުރާނެ." - އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު

ވަޒީރު ވިދާޅުވީ، ރާއްޖޭގައި ހަދާ ޙާފިޒުކަމުގެ އިމްތިހާނަކީ ވަރަށް އިތުބާރު ހުރި ގޮތަކަށް ކުރިއަށް ގެންދެވޭ އިމްތިޙާނެއް ކަމަށާއި ޙާފިޒުން އިމްތިހާން ކުރާ ކޮމިޓީތަކުގައި މެންބަރުންނަށް ތިއްބަވަނީ ތަޖުރިބާކާރު ޙާފިޒުން ކަމަށެވެ.

ދަރިވަރުގެ އިމްތިޙާން ކުރިއަށްދާ ގޮތަކީ ކޮންމެ ދުވަހަކު މަދުވެގެން އެއް ފޮތް ހިތުން ކިޔައިދީ މުޅި ޤުރުއާން އެއްކޮށް ހިތުން ކިޔައިދީ ނިންމުން ކަމަށާއި ބައެއް ދަރިވަރުން ދެ ފޮތް ވެސް ކިޔައިދޭއިރު، ކިޔައިދޭ މިންވަރު ދަރިވަރުގެ ޙާލަތަށް ބަލައި ޤުރުއާން މަރުކަޒުން ކަނޑައަޅާ ކަމަށް ވިދާޅުވިއެވެ.

މާލޭގެ ދެ މަރުކަޒެއްގައި އިމްތިހާން ކޮމިޓީ ކަނޑައެޅިފައި އޮވެއެވެ. އެއީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއި އިސްލާމީ ޔުނިވަރސިޓީއެވެ. އޭގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ވެސް ކޮމިޓީއެއް ކަނޑައެޅިފައި އޮވެއެވެ.

ޝަހީމް އިތުރަށް ވިދާޅުވި ގޮތުގައި މިއަހަރު ޙާފިޒުން ދަސްވެނިވުމުގެ ޝަރަފްވެރި ޙަފްލާގެ އެންމެހައި ކަންކަމެއް ވަނީ ފުރިހަމަ ކުރެވިފައެވެ. އަދި މި އަހަރު އަލަށް 31 ޙާފިޒުން ދަސްވެނިވާނެކަމަށް ވިދާޅުވިއެވެ.

"އަލްޙަމްދު ﷲ. މިއަހަރަކީ ރާއްޖޭގައި އެންމެ ގިނަ ޢަދަދަކަށް ޙާފިޒުން ދަސްވެނިވާ އަހަރު. މިއަހަރުގައި އަލަށް 31 ޙާފިޒުން ދަސްވެނިވާނެ އިންޝާ ﷲ." - އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު

ރާއްޖޭގައި ޙާފިޒުންގެ އަދަދު އިތުރުކުރަން ސަރުކާރުން އިސްކަމެއްގެ ގޮތުން ހާފިޒުންގެ އެލަވަންސް 2000 ރުފިޔާއިން 4000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު