ENGLISH

19 އޭޕްރީލު 2025

Advertisement

ސަރުކާރުން އިސްކަން ދޭނީ ރައްޔިތުންގެ ފުދުންތެރިކަން ހޯދައިދިނުމުގައި ވެވެން އޮތް އެހީތެރިކަމެއް ދޭން: ރައީސް

08 ޑިސެމްބަރު 2024

|

އެމް އެމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތޮއްޑޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގޮސްތިބި އެރަށުގެ ބައެއް ރައްޔިތުންނާ ސަލާމް ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އިސްކަން ދޭނީ ރައްޔިތުންގެ ފުދުންތެރިކަން ހޯދައިދިނުމުގައި ވެވެން އޮތް އެހީތެރިކަމެއް ދޭން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެ މަނިކުފާނު، އެހެން ވިދާޅުވީ އއ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ތޮއްޑު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ވެ ވަޑައިގެންފައިވާ ވައުދުގެ ތެރެއިން ތޮއްޑޫ ކައުންސިލަކީ ރައީސް މުއިއްޒު ބައްދަލު ކުރެއްވި 170 ވަނަ ކައުންސިލެވެ.

ތޮއްޑޫގައި ލޯކަލް އޮތޯރިޓީ ކޮމްޕެނީއެއް އުފައްދަވާފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ކައުންސިލުން ބޭނުންވާ ކަންކަމުގައި އެ ކުންފުންޏަށް ފައިދާ ހޯދައިދިނުމަށް މަގުފަހި ކޮށްދެއްވާނެ ކަމަށެވެ. އެއްވެސް ވަރެއްގެ ސިޔާސީ ވިސްނުން ނުގެންގުޅުއްވާނެ ކަމަށާއި އަބަދުވެސް ރައްޔިތުންނަށް ރަނގަޅު ގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވެސް ރައީސް މުއިއްޒު މިއަދު ވިދާޅުވި އެވެ.

"އެއީ އިންވެސްޓްމަންޓް ހަމަޖެއްސުން ކަމަށް ވިޔަސް އެނޫން ކަމެއް ވިޔަސް. ފުރުޞަތު ފަހިކޮށް ދޭނަން. ނަތީޖާ އަކަށް ވާނީ ރައްޔިތުން ފުދުންތެރިވުން. އަދި ޓޫރިޒަމާ ކަންކަމަށް އިންވެސްޓްކުރާނެ އިންވެސްޓަރުން ހަމަޖެހުން. ސިޔާސީ ފިކުރެއް އަޅުގަނޑު ނުގެން ގުޅޭނަން. ބޭނުންމީ އެއްވެސް ސިޔާސީ ވިސްނުމެއް ނުގެން ގުުޅުން. ހުރިހާ ރައްޔިތުން ހަމަހަމަ. އެ ހަމަހަމަކަމާއެކު ޚިދުމަތް ދޭނަން" - --- ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރެެއްވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ، އެ މަނިކުފާނު ރޭއްވެވި ގޮތަށް މި އަހަރު ކަންކަން ނުކުރެވުނީ ސިޔާސީ ވިސްނުމެއްގައި މި ސަރުކާރަށް އުނދަގޫ ކުރުމަށްޓަކައި އޭރުގެ ސަރުކާރުން ފާސްކުރި ބަޖެޓުގެ ސަބަބުން ކަމަށެވެ.

"ދެހާސް ފަންސަވީސް ވާނީ އަޅުގަނޑު ރިޔާސީ އިންތިހާބުގައި ރަށްރަށަަށް ގޮސްވީ ވައުދުތައް ފުއްދައިދޭ އަހަރަކަށް. ބަނދަރު، ސްކޫލު، ކުޅިވަރާ ބެހޭ ތަންތަން މިހެން ގޮސް ވައުދު ވެފައިވާ ހުރިހާ މަސައްކަތެއް، ކުނި މެނޭޖް ކުރުމުގެ މަސައްކަތް، ސްކޫލުތައް މަރާމާތުކުރުން. ތަރައްގީގެ މި ދެންނެވި މަސައްކަތްތައް އަންނަ އަހަރު ފަށާނެ،" - ރައީސް ވިދާޅުވި އެވެ.

ތޮއްޑުއަށް ފަހު ރައީސް މުޢިއްޒު ވަނީ ރަސްދޫ އަށް ވަޑައިގެންފައެވެ. ރަސްދޫގެ ކައުންސިލާ ބައްދަލުކުރެއްވުމަށް ފަހު، މިއަދު ހަވީރު މަތިވެރިއަށް ވަޑައިގެން އެ ރަށު ކައުންސިލްގެ އިތުރުން ހިމަންދު އާއި މާޅޮހާއި ފެރިދޫ އަދި ބޮޑުފޮޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ވެސް ބައްދަލު ކުރައްވާނެ އެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި މާދަމާ ކ. އަތޮޅުން ގާފަރާއި ހުރާ އަދި ހިންމަފުއްޓަށް ވަޑައިގަންނަވާއިރު، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލު ކުރައްވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު