ENGLISH

05 ޖުލައި 2025

Advertisement

ތުއްތު ދަރިވަރުން އެދުނު ގޮތަށް މާފަންނު މަދަރުސާގައި ހޯލެއް އިމާރާތް ކޮށްދެއްވާނެ ކަމަށް ރައީސް ވަޢުދުވެވަޑައިގެންފި

07 ޑިސެމްބަރު 2024

|

އެމް އެމް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މާފަންނު މަދަރުސާގެ ތުއްތު ދަރިވަރުން އެދުނު ގޮތަށް އެ ސްކޫލްގައި އަންނަ އަހަރު ހޯލެއް އިމާރާތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިހެން ވިދާޅުވީ މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލްގައި ކިޔަވަމުންދާ ތުއްތު ކުދިންތަކެއް ފާޅުކުރި ކަންބޮޑުވުންތަކާއި ގުޅިގެންނެވެ.

މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ބައިވެެރިވެވަޑައިގަތުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަތް ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަދި މާފަންނު މަދަރުސާއިން ތައުލީމު ހާސްކޮށްފައިވާ ދަރިވަރުން ދަނީ މިއަދު އެކިއެކި ދާއިރާތަކުން ޤައުމަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވަމުންކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މާފަންނު މަދަރުސާގެ ކިޔަވާ ތުއްތު ކުދިންތަކެއް ހުށަހަޅައިދިން ޕްރެޒެންޓޭޝަނެއްގައި ވަނީ އެ ސްކޫލްގެ ހޯލު މަތީ ފަންގިފިލައެއްގައި ހުރުމުގެ ސަބަބުން އެކުދިންގެ މާމަމެންނާއި ކާފަމެންނަށް ހޯލަށް ވަނުމަށް ދަތިވެފައިވާކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ.

އެ ދަރިވަރުންގެ ކަންބޮޑުވުމާއި ގުޅިގެން ރައީސް ވަނީ އަންނަ އަހަރު އެ ސްކޫލްގެ ގްރައުންޑްގައި ހޯލެއް އަޅުއްވައި ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

"މިއަންނަ އަހަރު މި ސްކޫލްގައި ތުއްތު ކުދިންގެ މާމައިންނާއި ކާފައިންނަށް ފަސޭހައިން ވަދެވޭ ގޮތަށް ބިންމަތީގައި ހުންނަ ހޯލެއް ހަދައި ދޭނެކަމުގެ ޔަޤީންކަން" ރައީސް ވިދާޅުވިއެވެ.

މާފަންނު މަދަރުސާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަރަށް ލޯތްބާއި ކުލުނާއި އެކީގައި އެހީތެރިކަން ދެމުންދާ ސްކޫލެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް އެހެން ކުދިންނެކޭ އެއްގޮތައް ކިޔެވުމުގެ މަގު ފަހިކޮށްދިނުމަށް ސެން ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ތައްޔާރުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ސެންޓީޗަރުން ތަމްރީން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އައު ޕްރޮގްރާމެއް ފެށުމުގެ މަރުހަލާގައި އެ ދަނީ. އައު ކޮންސެޕްޓެއްގައި އިންކްލޫސިވް ގޮތެއްގައި ހުރިހައި ޓީޗަރުންނަކީވެސް އެ ދާއިރާއަށް ތަމްރީން ލިބިފައިވާ ޓީޗަރުންނަށް ހެދުމަށާއި ޚާއްސަކޮށް އެ ދާއިރާގެ ޓީޗަރުން އުފެއްދުމަށް. މި 2 ކަންތައް ކުރުމުގެ މަސައްކަތްތަކެއް އެ ފެށިގެން ދަނީ. މިކަމުގައި ޝައުގުވެރިކަން ފާޅުކުރާ ހުރިހައި ފަރާތްތަކަކަށް ފުރުސަތު ދީގެން ކުރިއަށް އޮތް ތަނުގައި ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިންކްލޫސިވް ގޮތެއްގައި ހަމަ އެއްވެސް ތަފާތެއް ނުގެނެސް ތައުލީމީ ފުރުސަތު ހޯދައިދިނުމުގައި އަޅުގަނޑުމެންގެ މެނިފެސްޓޯގައި ކަނޑައަޅާފައި އޮތް ގޮތައް އެ ސިޔާސަތު ތަންފީޒްކުރުމަކީ އަޅުގަނޑު ހަމަ އެންމެ ބޭނުންވާގޮތް. އެގޮތައް އެކަންތައް އިރާދަކުރެއްވިއްޔާ ކޮށްދެވޭނެކަން އަޅުގަނޑަށް ހަމަ ޔަޤީން." ރައީސް ވިދާޅުވިއެވެ.

މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި އެ ސުކޫލަށް ޚިދުމަތް ކުރައްވާފައިވާ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.  

ކިޔުންތެރިންގެ ހިޔާލު