ENGLISH

25 ޖެނުއަރީ 2026

Advertisement

މި ދެ ފޮޓޯއިން ޙަޤީޤަތް؛ ރައީސް ވިދާޅުވީ ދެން އޮތީ ގިރާވަރުފަޅު ހިއްކާ ނިންމުން ކަމަށް

25 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ފޭސް ތިނެއް ކުރީން އޮތް ގޮތާއި މިހާރު އޮތްގޮތް

ހުޅުމާލޭ ފަޅު ތެރެއިން ދޫކުރި ގޯތިތައް ދިނުމަށްޓަކައި ހިއްކަންޖެހޭ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު ކުރިއަށް ދެން އޮތީ ގިރާވަރުފަޅު ހިއްކާ ނިންމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ވަނީ ހުޅުމާލެ ފޭސް ތިނެއް ހިއްކާ ނިމިފައިވާ މަންޒަރާއި 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެ ސަރަހައްދު އޮތްގޮތް ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވާފަ އެވެ.

އަދި ވިދާޅުވީ ފޭސް ތިނަކުން ހިއްކަން ކަނޑައެޅި ސަރަޙައްދު ހިއްކާ ނިމިފައިވާ ކަމަށެވެ. ދެން އޮތީ ގިރާވަރުފަޅުން ހިއްކަން ކަނޑައަޅާފައިވާ ސަރަޙައްދު ހިއްކުމުގެ މަސައްކަތް ކުރުން ކަމުގައި ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ފޭސް ތިނެއް ހިއްކަން ނިންމީ އެތަނުން ގޯތި ދޭށެވެ. އެހެން ނަމަވެސް ފަޅުން އެންމެ ތަންކޮޅެއް ވެސް ނުހިއްކާ އެތައް ސަތޭކަ ބަޔަކަށް ގޯތި ދިނެވެ. އަވަސް އަރުވާލައިގެން އެކަން ކުރީ ރިޔާސީ އިންތިޚާބާ ދިމާކޮށް ވޯޓް ހޯދުމަށެވެ.

އަދި ވެރިކަން ބަދަލުވީއިރު ވެސް އެ މަސައްކަތް އޮތީ ނުފެށި އެވެ. ނަމަވެސް ރައީސް މުޢިއްޒު ވަނީ ފަޅު ހިއްކާ ގޯތި ލިބުނު މީހުންނަށް އެ ޙައްޤު ކަށަވަރު ކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ފޭސް ތިނެއް ހިއްކާ ނިމުމުން އެއީ އެމްޑީޕީ ސަރުކާރުން ވަރަށް ބޮޑަށް ނިންމާފައި އޮތް މަޝްރޫއުއެއް ކަމަށް ބުނެ ބަޔަކު ދަނީ ފާޅުގައި ފެންނަން އޮތް އެ ޙަޤީޤަތް ވެސް އޮޅުވާލެވޭތޯ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ރައީސްގެ ޕޯސްޓްގައިވާ ދެ ފޮޓޯއިން ވަަރަށް ސާފުކޮށް ޙަޤީޤަތް ބުނެދެ އެވެ. އެމްޑީޕީ ވެރިކަން ނިމޭންދިޔަ މަރުހަލާގައި ގޯތިތައް ދޫކުރިއިރު ފޭސް ތިނެއް އޮތް ގޮތާއި މިހާރު އެ ސަރަޙައްދު އޮތް ގޮތެވެ.

މީގެ އިތުރުން ގިރާވަރުފަޅަކީ ވެސް އެމްޑީޕީ ސަރުކާރުން ގޯތި ދޫކުރި ތަނެކެވެ. އެއީވެސް ފަޅެކެވެ. ނަމަވެސް ރައީސް އެ ވަނީ އެ މަޝްރޫއުވެސް ކުރިއަށް ގެންދަވާ ގޯތި ލިބުނު މީހުންނަށް އެ ޙައްޤު ދެއްވާނެ ކަން ކަށަވަރު ކޮށް ދެއްވާފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި، ގިރާވަރުފަޅު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއު ހަލުއި ދުވެލީގައި ގައި ކުރިއަށް ދާކަމަށެވެ. 

އަދި ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއުކަމަށްވާ ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ވެސް ހަލުވިކަމާއެކު ކުރިއަށްދާއިރު މި އަހަރުގެ މާޗު ނުވަތަ އޭޕްރީލު މަހުގެ ތެރޭގައި ރަސްމާލެއިން ޕްލޭންކޮށްފައިވާ ގޯތިތައް ލިބޭ ފަރާތްތައް ކަނޑައަޅައި، ލިޔުން ހަވާލުކޮށް ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

އައު ސަރުކާރު ވެރިކަމާ ހަވާލުވީއިރު މާލެ ސަރަހައްދުން 9،000 އަށް ވުރެ ގިނަ ގޯތި ދިނުމަށް އެމްޑީޕީގެ ނިމުނު ވެރިކަމުގައި އޮތީ ނިންމާފަ އެވެ. މި ގޯތިތަކުގެ ތެރެއިން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން އެކަނި ވެސް 698 ގޯތި ދޫކުރުމަށް އޮތީ ނިންމާފަ އެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަން ނިމުނުއިރު ހުޅުމާލޭގެ ތިން ވަނަ ފިޔަވަހިން ހިއްކާފައި އޮތީ ވަރަށް ކުޑަ ސަރަހައްދެކެވެ. 

މީގެ އިތުރަށް ގުޅިފަޅާއި ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ހަލުއިކޮށް އަންނަނީ ކުރަމުންނެވެ.

ރައީސުލްްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދޫކުރި ގޯތި ދޫކޮށްފައިވާ ތަންތަނުން އެ ރައްޔިތުންނަށް ހޯދައިދެއްވުމުގެ މަސައްކަތްކުރެއްވުމާއެކު، މާލޭ ސަރަހައްދުގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރެއްވުމަށް ރަސްމާލެ ތަރައްގީކުރައްވައި، ފުރަތަމަ މަރުހަލާގައި 15،000 ގޯތި ދޫކުރެއްވުމަށް މަސައްކަތްކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު