ENGLISH
25 ޖެނުއަރީ 2026
ރޯދަ ހަދިޔާއަށް ބޮޑު ތަރުހީބެއް؛ ހުރިހާ ކަމެއް ދިޔައީ އޮމާންކަމާއެކު!
25 ޖެނުއަރީ 2026
|
ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ. --ފޮޓޯ: އެމްޕީއެލް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތްތައް ރޭ ފަށައި، ކުރިއަށްދިޔައީ ވަރަށް އޮމާންކަމާއެކުގައިކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަޒީރު އާދަމް ޝަރީފު ވިދާޅުވީ، ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސްތައް ދޫކުރުމުގައި އައިޑީ ކާޑުގެ އިތުރުން އީ-ފާހާއި، ޑްރައިވިންގ ލައިސަންސްގެ އިތުރުން ޕާސްޕޯޓްވެސް ބަލައިގަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ވަޒީރު ވަނީ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ފެށި ފުރަތަމަ ރޭވެސް ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކުރައްވާފައެވެ. އަދި އެ މަސައްކަތް ދިޔައީ ވަރަށް އަމާންކަމާއެކުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ޚިދުމަތުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށާއި އާންމުންގެ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން." ވަޒީރު ވިދާޅުވިއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މިނިސްޓްރީއާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ ރޭ 8:30 ގައެވެ. ރޭ 11:00 އާ ހަމައަށް ގްރެޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި އަދި ހުޅުމާލެ) ގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުން 4،196 މަސްދަޅު ކޭސް ދޫކޮށްފައިވެއެވެ.
މީގެ ތެރެއިން އެންމެ ގިނައިން މަސްދަޅު ކޭސްތައް ދޫކޮށްފައި ވަނީ ގަލޮޅު ދަނޑުގައި ގާއިމްކޮށްފައިވާ މަރުކަޒުތަކުންނެވެ. އެއީ 783 މަސްދަޅު ކޭހެވެ. ގަލޮޅު ދަނޑުގައި 4 ތަނަކުން މަސްދަޅު ކޭސް ދޫކުރަމުންދެއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މިފަހަރު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރަން ވަނީ ނިންމާފައެވެ. އެއީ ކޮންމެ ގޭބީސީއަކަށް އެއް މަސްދަޅު ކޭހުގެ ރޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ 56،918 ގޭބިސީއާއި މާލެ ސަރަޙައްދުގެ 61،755 ގޭބިސީއެވެ.
މި ސަރުކާރު އައިފަހުން ކޮންމެ އަހަރަކުވެސް ރަމަޟާންމަހު ރައްޔިތުންނަށް އަންނަނީ ރޯދަ ހަދިޔާ ދެމުންނެވެ. އެގޮތުން މިދިޔަ އަހަރުވެސް ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރީ މަސްދަޅު ކޭހެވެ. މިއަހަރުގެ ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވަނީ ސަރުކާރަށް ދެ އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ.