ENGLISH
05 ޖުލައި 2025
މަސްއައިނަށް މިޔަރު ވަދެ އުޅޭ ފޮޓޯއަށް ބޮޑު ސަމާލުކަމެއް
07 ޑިސެމްބަރު 2024
|
ރާއްޖޭގެ މަސްއައިނަކަށް މިޔަރު ވަދެއުޅޭ ހިތްގައިމު ފޮޓޯއަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.
ބޯކިރު ކޮޅެއްހާ ހުދު ދޮންވެލިގަނޑެކެވެ. އަލި ބިއްލޫރިގަނޑެއްހާ ސާފު މޫދެކެވެ. ޅަ ހަތަރު މިޔަރު ފަރިކުރަމުން ދިޔައީ މަސް އައިނުން ރޯދި ހޯދާށެވެ. ރާއްޖޭގެ ޤުދުރަތީ ރީތިކަމުން، ބަސްހުއްޓޭވަރުގެ އެއްވަނައިގެ ފޮޓޯއެކެވެ. އެ ފޮޓޯގަނޑު ނަގާފައި ވަނީ ޖަރުމަނުވިލާތުގެ ޕީއެޗްޑީ ދަރިވަރެކެވެ.
ޕީއެޗްޑީގެ ކިޔެވުން ނިންމައި ދިރާސާގެ މަސައްކަތުގައި އުޅެމުން އަންނަ ޖަރުމަނުވިލާތުގެ ދަރިވަރެއް ކަމަށްވާ އެންޖެލާ އަލްބީ އާއި އޭނާއާ އެކު މަސައްކަތްކުރި ޑްރޯން ޕައިލެޓެއް ކަމަށްވާ އޯގަސްޓް ޕައުލާ ނެގި، މަސް އައިން ތެރެއަށް މިޔަރު ވަދެއުޅޭ ފޮޓޯ އަށް މުޅި ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފައެވެ. އިނގިރޭސި ވިލާތުގެ ރޯޔަލް ސޮސައިޓީގެ މި އަހަރުގެ އެއްވަނަ ފޮޓޯގެ މަގާމު ހޯދައިގެން، މި ފޮޓޯ ވަނީ ބޭރުގެ ބޮޑެތި ނޫސްތަކުން ޖަގަ ހޯދައިފައެވެ.
އިރުއަރާ ގަޑީގައި ނުވަތަ އިރު އޮއްސޭ ގަޑީގައި ރާއްޖޭގެ މޫދު ބިއްލޫރި ކޮޅެއްހާ ސާފުވާ ކަމަށް، ފޮޓޯ ނެގި އަލްބީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެވަގުތަކީ މިޔަރު ކާނާ ހޯދަން އުޅޭ ގޮތް ބަލާލަން އެންމެ ރަނގަޅު ވަގުތު ކަމަށް އެނާ ބުނެފައިވެ އެވެ.
ފޮޓޯއަށް އިންސާފުކުރި ޖަޖުންގެ ޕެނަލްގައި ހިމެނޭ ހިއު ޓާވޭ ވިދާޅުވީ މަތިން ނަގާފައިވާ އެ ފޮޓޯއިން މީހުން އަޖައިބު ކުރުވާ ބަސްހުއްޓުވާލާ ފަދަ ޤުދުރަތީ ރީތިކަމާއި ހަޤީގަތް ފެންނަ ކަމަށެވެ. އެ ފޮޓޯއިން ދިރުންތަކުގެ ހަރަކާތްތައް ވަރަށް ފުރިހަމަކޮށް ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިޔަރުތަކުން ސަލާމަތްވުމަށް މަސްތައް އުޅެގަންނަނީ އެކަތި އަނެކައްޗާ ގުޅި ލާމެހިފައިވާ ތަރުތީބަކުން ކަމަށް އޭނާ ސިފަކުރިއެވެ. އެއީ ގުދުރަތުގެ އަޖައިބުކުރުވަނިވި ނަލަ މަންޒަރެލެކެވެ.
މި ފޮޓޯ މުބާރާތް ހުޅުވާލާފައި އޮންނަނީ އެކި ދާއިރާތަކުގެ ސައިންސްވެރިންގެ ދިރާސާތަކަށް، ރޯޔަލް ސޮސައިޓިގެ ފަރާތުންނެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމާ ގުޅިފައިވާ މި ފޮޓޯއަށް ވަނީ މުޅި މުބާރާތުން އެއްވަނަ އަދި ދިރުންތަކުގެ ކިބައިން ފެންނަ ސިފަތަކަށް ހާއްސަ ބައިގެ އެއްވަނަ ވެސް ލިބިފައެވެ.
ރާއްޖޭގެ ރީތި ދައްކުވައިދޭ މިފަދަ މަންޒަރުތަކަކީ ދިވެހި ލޭ ހިނގާ ކޮންމެ ދަރިއަކަށް ލިބޭނެ ބޮޑު ފަޙުރެއް ކަމަށް ޔަޤީނެވެ. އަހަރުމެންނަށް މިފަދަ ޤުދުރަތީ މަންޒަރުތަކަކީ އައު މަންޒަރުތަކަށް ނުވިނަމަވެސް މުޅި ދުނިޔޭގެ ނަޒަރުގައި މިފަދަ މަންޒަރުތަކަކީ އާދަޔާޙިލާފު މަންޒަރުތަކެކެވެ.