ENGLISH
05 ސެޕްޓެމްބަރު 2025
އަމީނިއްޔާ ސްކޫލަށް 80 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރަން ފަށައިފި
07 ޑިސެމްބަރު 2024
|
އަމީނިއްޔާ ސްކޫލުގެ ބައެއް މުވައްޒަފުން ފޮޓޯއަކަށް ހުއްޓިގެން
އަމީނިއްޔާ ސްކޫލަށް 80 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރަން ފަށައިފި
މި މުނާސަބަތު ފެށީ، ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި އަހަރީ ހަނދާނީ ޖަލްސާއިންނެވެ. މިއީ އަހަރީ ދުވަސް އައުމުގެ 10 ދުވަސް ކުރިން، މުޅި އަމީނިއްޔާގެ އާއިލާ ހިމެނޭ ގޮތަށް ބޭއްވި ހާއްސަ ޖަލްސާއެކެވެ.
އެދުވަސް ފެށުނީ 10 ދުވަހުގެ ކައުންޓް ޑައުން އަކާއެކުއެވެ. އެއަށް ފަހު ދަރިވަރުން އެއްވެ '80' ނަންބަރު ދައްކުވައިދޭ ފޮޓޯއެއް ޑްރޯނުން ނެގިއެވެ. އަދި ދަރިވަރުންނަށް ޙާއްޞަ ކުލާސް ޕާޓީ އެއްވެސް އެ ސްކޫލުން އިންތިޒާމު ކުރިއެވެ.
މި އުފާ ފާޅު ކުރުމުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ޙާއްޞަ ހަރަކާތަކީ އަމީނީ އުފާ ފެއާއެވެ. މި ފެއާ ފެށިފައި ވަނީ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ހަވީރު 6 ޖެހިއިރުއެވެ. ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭގަނޑު 10 ގެ ނިޔަލަށް އަމީނީ އުފާ ފެއާ ކުރިއަށް ދާނެއެވެ.
އެމްއެމްޓީވީއާ ވާހަކަ ދައްކަވަމުން އަމީނިއްޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ފާތިމަތު ހިލްމީ ވިދާޅުވީ އަމީނީ އުފަލަކީ ސްކޫލާ ގުޅުން ހުރި އެންމެންނަށް ހުޅުވާލެވިފައިވާ، އާއިލާތަކާއި އާންމުން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ ފެއާއެކެވެ. މިއީ ތަފާތު ހަރަކާތްތައް ހިމެނޭ މަޖާ އިވެންޓެއް ކަމަށާއި، ޒިޔާރަތްކުރާ ފަރާތްތަކަށް ބިބް ގަނެގެން ވަދެވޭނެ ކަމަށް ވެސް ފާތިމަތު ބުންޏެވެ. އޭނާ ވިދާޅުވި ގޮތުގައި މި ދަތުރު ނިމުމުން ބައިވެރިންނަށް ހާއްސަ ރަން މެޑަލްއެއް ލިބޭނެއެވެ. މި އުފާ ފާޅު ކުރުމުގައި ބައިވެރިވުމަށް ސްކޫލް ކޮމިއުނިޓީގެ ކުރީގެ ދަރިވަރުންނާއި މިހާރުގެ ދަރިވަރުނަށް ފާތިމަތު ޙިލްމީ ވަނީ ދަޢުވަތު އަރުވާފައެވެ. ފާތިމަތު ހިލްމީ ފާހަގަ ކުރެއްވި ގޮތުގައި މި މުނާސަބަތުގެ ތެރޭގައި ތެރޭގައި ފޮޓޯ މައުރަޒެއް ހިމެނޭނެއެވެ. ހޯލުގައި ބަހައްޓާފައިވާ މި ގެލެރީގައި ހަނދާންތަކާއި ފޮޓޯތައް، ޓައިމްލައިން އެއް ސިފައިގައި ސްކޫލްގެ 80 އަހަރުގެ ތާރީޚުން ފެންނާނެއެވެ.
އާންމުންނަށް ބަލާލުމަށް ހުޅުވާފައިވާ މި ގެލެރީއިން ސްކޫލުގެ މުޅި ތާރީޚު ފެންނަން ހުރި އިރު، މިއީ ކުރީގެ ދަރިވަރުންނާއި ޓީޗަރުންނަށް އަދި މުވައްޒަފުންނަށް ލިބިގެންދާނެ ބޮޑު ޝަރަފެކެވެ. އަދި ސްކޫލު މި ހިސާބަށް ގެނައުމަށް ޤުރުބާންވި އަބްތާލުންގެ ހަނދާންތައް ވެސް މި ފޮޓޯ ގެލެރީއިން ފެނިގެންދާނެއެވެ. މީގެ އިތުރުން މުވައްޒަފުންނަށް ހާއްޞަ ގާލާ ނައިޓެއް އޮންނާނެ ކަމަށް ޑެޕިއުޓީ ޕްރިންސިޕަލް ބުންޏެވެ.
އަމީނިއްޔާ ސްކޫލަކީ ކުރީގެ ރައީސް މުހައްމަދު އަމީން ދީދީ 1944 ވަނަ އަހަރު އަންހެން ކުދިންނަށް ހާއްސަ ކޮށްގެން ޤާއިމް ކުރި ސެކަންޑަރީ ސްކޫލެކެވެ. މިއީ ރާއްޖޭގައި އަންހެނުންގެ ތައުލީމު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރި ސްކޫލެކެވެ.
ފަސްދޮޅަސް ހަތް އަހަރު ދުވަހު ހަމައެކަނި އަންހެން ކުދިންނަށް ކިޔަވައިދޭ މުއައްސަސާއެއްގެ ގޮތުގައި މި ސްކޫލު އޮތުމަށް ފަހު، 2011 ވަނަ އަހަރު ވަނީ ޕްރައިމަރީ ތަޢުލީމު ހިމެނޭ ގޮތަށް ސްކޫލް ފުޅާކޮށް، އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ފުޅާކުރިއެވެ.