ENGLISH
19 ޖެނުއަރީ 2026
މެޕުން ށ. ގޮއިދޫގައި ގާއިމުކުރާ ގްރީން ހައުސްތަކުގެ 75 އިންސައްތަ ނިމިއްޖެ
18 ޖެނުއަރީ 2026
|
އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމެންޓް (އިފާޑް) އާއި ދިވެހި ސަރުކާރާއި ގުޅިގެން ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ކުރިއަށް ގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އިން، ށ. ގޮއިދޫގައި ގާއިމު ކުރާ ގްރީން ހައުސްތަކުގެ މަސައްކަތުގެ 75 އިންސައްތަ ނިމިފައި ވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ މި މަސައްކަތްތައް ކުރަމުން ގެންދަނީ އެރަށުގެ ކައުންސިލް މެދުވެރިކޮށްގެން ކަމަށެވެ.
ށ. ގޮއިދޫ ފާހަގަކުރެވެނީ ޒަމާނީ ދަނޑުވެރިކަމަށް ލޯ ހުޅުވިފައިވާ، އަދި ދަނޑުވެރިކަމުގައި ކުރިއަށް ދިއުމަށް ޝައުގުވެރިކަމާ އެކު މަސައްކަތް ކުރަމުން އަންނަ ދަނޑުވެރިންތަކެއް ތިބި ރަށެއްގެ ގޮތުގައެވެ. އެގޮތުން އެރަށުން 10 ދަނޑެއް ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ 5 މޮޑިއުލް ހިމެނޭ މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސް (އެމްގެޕް) ސެޓިފައިޑްވެފައެވެ.
އެރަށުގައި، ޔޫއެންޑީޕީގެ އެހީގައި ދަނޑުވެރިކަމުގެ އުފެއްދުންތަކުން އަގު އެއްކޮށް ބާޒާރަށް ނެރުމަށް، ފެސިލިޓީއެއް ވަނީ ޤާއިމުކޮށް ވެސް ވަނީ ނިމިފައެވެ. މިހާރު ކުރަމުން ދަނީ އެތަނަށް ބޭނުންވާ މެޝިނަރީތައް ހޯދުމުގެ މަސައްކަތެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މެޕް ޕްރޮޖެކްޓުން ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް އަންނަނީ ގިނަ ޕްރޮޖެކްޓުތަކާއި، ތަމްރީންތައް ހިންގަމުންނެވެ. އެގޮތުން ދަނޑުވެރިކަމުގައި އަންހެނުން ބާރުވެރިކުރުވުމާއި އެކު އިސްދަނޑުވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ވެސް އަންނަނީ ބާއްވަމުންނެވެ.
މިހާތަނަށް މެޕް ޕޮރޮޖެކްޓުން ރާއްޖޭގައި 12 ގްރީން ހައުސް ގާއިމު ކޮށްފައިވާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ދަނޑުވެރިކަން ޒަމާނީކޮށް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު ސިޔާސަތެކެވެ. އެގޮތުން އެކަމަށް ވަކި ވުޒާރާއެއް އުފައްދަވައި، ކާނާގެ ޔަގީންކަން ރާއްޖޭގައި ގާއިމު ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.
ދަނޑުވެރިކަމާ ވުޒާރާއިން ބުނީ، 500 ފަތްކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމް މި އަހަރުތެރޭގައި ފަށައި، ރާއްޖެއަށް ދިމާވެފައިވާ ކާށިގެ ދަތިކަން ހައްލު ކުރުމަށް ކޮކްނެޓް ޕްރޮޖެކްޓެއް ފެށުމަށް މިހާރު ރަށެއް ކަނޑައަޅާފައިވާ ކަމަށެވެ.