ENGLISH

17 ޖެނުއަރީ 2026

Advertisement

ބަރުބަރީ މިސްކިތް ވަރަށް އަވަހަށްް ހުޅުވޭނެ؛ ރޯދަމަހު ބޭނުންކުރެވޭނެ

17 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ބަރުބަރީ މިސްކިތް

މާލޭގައި އަމިއްލަ ފަރާތަކުން ތަރައްގީކުރަމުން އަންނަ ބަރުބަރީ މިސްކިތް މިހާރު ހުރީ ނިމި ހުޅުވުމާ ގާތަށް ގެނެވިފައިކަމަށާއި، އަންނަ ރަމަޟާން މަހު އެ މިސްކިތް ބޭނުންކުރެވޭނެ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ. 

ޑރ.ޝަހީމު މިއަދު މީޑިޔާއަށް ފޮނުއްވި މެސެޖެއްގަައި ވިދާޅުވި ގޮތުގައި މާތްﷲގެ އިރާދަފުޅާއެކު ވަރަށް އަވަހަަށް ބަރުބަރީ މިސްކިތް ހުޅުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހުގައި އެ މިސްކިތުގައި ނަމާދުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. 

ބަރުބަރީ މިސްކިތް ތަޅައިލުމަށްފަހު އެތަނުގައި އައު މިސްކިތެއް ބިނާކުރުމުގެ މަސައްކަތް އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ފެށީ މި ވެރިކަމުގައ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. އެ މިސްކިތް ތަރައްގީކުރަނީ އެއްފަހަރާ 1،400 މީހުންނަށް ނަމާދުކުރެވޭ ޖާގަ ހުންނަ ގޮތަށެވެ. 

މާލޭ ސަރަހައްދުގައި ފަސް މިސްކިތް އަންނަ ރަމަޟާން މަހުގެ ކުރިން ހުޅުވާނެކަމަަށް އިސްލާމިކް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެ މިސްކިތްތަކުގެ ތެރޭގައި ހުޅުމާލޭގައި ގިނަ ބަޔަކު މިހާރު އާބާދުވެފައިވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވާ މިސްކިތްތައް ހިމެނެއެވެ. އެއިން އެެއް މިސްކިތް ނިމުނު މަހު ހުޅުވައި ބޭނުންކުރަން ފަށާފައިވެއެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ތަރައްގީކުރުމަކީ މި ސަރުކާރުން އިސްކަންދީގެން ކުރަމުންދާ މަސައްކަތެކެވެ. މުޅި ރާއްޖޭގައި އަންނަ ރޯދަމަހުގެ ކުރިން 15 މިސްކިތް ހުޅުވިގެންދާނެ ކަމުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު