ENGLISH

17 ޖެނުއަރީ 2026

Advertisement

މަސީހުގެ އަމާޒަކީ ފުވައްމުލަކަށް ޓޫރިސްޓުން އަންނަ މިންވަރު ދެގުނައަށް އިތުރުކުރުން

17 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

މަސީހު ފުވައްމުލަކުގައި ކެމްޕެއިން ކުރައްވަަނީ، ފޮޓޯ: ފޭސްބުކް

ފުވައްމުލަކު ސިޓީގެ މޭޔަރުކަމުގައި އޭނާގެ އެންމެ ބޮޑު އަމާޒަކަށްވާނީ ފުވައްމުލަކަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރަށްވުރެ ދެގުނަ އިތުރުކުރެއްވުންކަމަަށް ވެރިކަންކުރާ ނޭޝަނަލް ކޮންގުރެސް ޕާޓީގެ ފަރާތުން އެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓު އަލީ މަސީހު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ނިއުޅެމުންދާ ހަބަރު" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މަސީހު ވިދާޅުވީ ފުވައްމުލަކުގައި މިހާރު އޮތީ އެންމެ ބާވަތެއްގެ ޓޫރިޒަމް ކަމަށެވެ. އެއީ ޑައިވިން ޓޫރިޒަމްކަމަަށާއި، އެ ދާއިރާގައި ފުވައްމުލައް ވަރަށް ރަނގަޅަށް އިޝްތިހާރުކުރެވި އެ މާކެޓު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ. 

މަސީހު ވިދާޅުވި ގޮތުގައި މިހާރު ފުވައްމުލަކުގައި އޮތް ޑައިވް ޓޫރިޒަމް އިޝްތިހާރުކޮށް އެ ސިޓީއަށް ފަތުރުވެރިންް ގެނައުމުގެ މަސައްކަތްކުރަމުންދަނީ އެ ސިޓީގައި ހިންގާ ޑައިވް ސެންޓަރުތަކާއި ގެސްޓުހައުސްތަކުންނެވެ. 

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ފުވައްމުލަކުގެ ޓޫރިޒަމް ފުޅާކުރުމަށް ބޭނުންކުރެވޭނެ ގުދުރަތީ މުހިއްމު ވަސީލަތްތައް އެ ރަށުގައި އެބަހުއްޓެވެ. އެ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވިއްޖެނަމަ، އެ ރަށުގެ ފަތުރުވެރިކަން ފުޅާކޮށް އިތުރު މާކެޓްތަކުން ޓޫރިސްޓުން ގެނަައުމަށް މަގުފަހިވާނެ ކަމުގައި މަސީހު ވިދާޅުވިއެވެ. 

"ފުވައްމުލަކުގައި ކޮނޑަކިޅި އެބައިން، ފުވައްމުލަކުގެ ތުނޑި، ފުވައްމުލަކުގެ ކިޅިތައް، މިތަންތަނަކީ އަޅުގަނޑުމެން ދުނިޔޭގެ ލެވެލްގައި އިންޓަނޭޝަނަލް މާކެޓުގައި ވިއްކޭނެ ތަންތަން،" މަސީހު ވިދާޅުވިއެވެ. 

"އެހެންވީމާ ދެން އިންޓަނޭޝަނަލް މާކެޓުގައި މާކެޓުކުރަންޖެހިފައި ހުރި ބައެއްކަލަހަ ވަސީލަތްތައް ޓޫރިސްޓު އެޓްރެކްޝަންތައް މާކެޓުކުރުމަށް ވަރަށް ބޮޑަށް ފޯކަސްކޮށްގެން މަސައްކަތްކުރާނަން،" 

މަސީހު ވިދާޅުވި ގޮތުގައި އޭނާ މޭޔަރުކަމުގައި އެންމެ ބޮޑު އިސްކަމެއްދެއްވައިގެން ކުރައްވާނެ މަސައްކަަތަކީ ފުވައްމުލަކުގެ ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި، އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން އެކަމަށް ހާއްސަ މާސްޓާ ޕްލޭނެއް އެކުލަަވައިލުމެވެ. 

ފަތުރުވެރިކަން ފުޅާކުރަމުންދާއިރު، އިސްލާމީ ސިފަތައް ދަމަހައްޓައި، މުޖުތަމައަށް ފޯރާ ނޭދެވޭ އަސަރުތަކުން ދަފަރާކުރުމުގައި ކައުންސިލުން ގަވާއިދުތަކާއި އުސޫލުތައް ހެދުމާއެކު ގެސްޓުހައުސްތަކާއި ޑައިވް ސެންޓަރުތަކާއި އަދި ރަށުގެ އިދާރާތަކާ ގުޅިގެން އެ އުސޫލުތައް ތަންފީޒުކުރެވޭތޯ ބެލުން މުހިއްމުކަމަށް މަސީހު ވިދާޅުވިއެވެ. 

އަދި މަސީހު ވިދާޅުވި ގޮތުގައި މިކަންކަން ހާސިލުކުރުމަށް ފަތުރުވެރިން ހޭލުންތެރިކުރުމަށް ކައުންސިލުން މަސައްކަތްކުރަންޖެހެއެވެ. އެގޮތުން ހޭލުންތެރިކުރާ ބޯޑުތައް ރަށުގެ އެކި ސަރަހައްދުގައި ބެހެއްޓުމާއި، ރަށުގައި ހިފަހައްޓަަަންޖެހޭ އުސޫލުތަކާ ގުޅޭ މައުލޫމާތު ފަތުރުވެރިންނަށް ފަސޭހައިން ލިބޭނެ ގޮތަށް ބެހެއްޓުމަކީ ކައުންސިލުގެ ޒިންމާއެއް ކަމުގައި އޭނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު