ENGLISH
17 ޖެނުއަރީ 2026
ތަރައްގީއަށް މަޑުޖެހުން ނާންނާނީ ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިގެން: މެމްބަރު ލަތީފް
17 ޖެނުއަރީ 2026
|
މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދު އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ:އެމްއެމްޓީވީ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަށް މަޑު ޖެހުމެއް ނައިސް ހިނގަމުން ދާނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ކައުންސިލްތަކަށް ހޮވައިގެންކަމަށް ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ރަށްރަށަށް ހަގީގީ ބާރުވެރިކަން ލިބޭގޮތަށް ގާނޫނަށް ގެނެވުނު އިސްލާހުތަކަށް ފަހު ބޭއްވޭ ފުރަތަމަ އިންތިހާބު ކަމަށެވެ. ސަރުކާރުގެ ވިސްނުން ވެސް ހުރީ ގައުމު ބިނާކުރުމަށް މިކުރާ މަސައްކަތުގައި ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކުރުމަށްކަމަށް މެމްބަރު ވިދާޅުވިއެވެ.
ސަރުކާރުގެ ވިސްނުން މިގޮތަށް ހުރި ނަމަވެސް ބައެއް ކައުންސިލްތަކަކީ ސިޔާސީ ވިސްނުން އިސްކޮށް، ސަރުކާރަށް އެއްބާރުލުން ނުދޭ ކައުންސިލްތައްކަމަށާއި އެކަމުގެ ދެރައާއި ނިކަމެތިކަން ލިބެނީ ރައްޔިތުންނަށް ކަމަށް މެމްބަރު ވިދާޅުވިއެވެ. ގައުމުގެ ތަރައްގީއަށް އިސްކަންދީގެން ކުރިއަށް ދެވޭނީ ޕީއެންސީ ފިކުރުގެ ކެންޑިޑޭޓުން ކައުންސިލްތަކަށް ހޮވައިގެންކަމަށް މެމްބަރު ވިދާޅުވިއެވެ.
""ބައެއް ކައުންސިލްތަކުން ސަރުކާރަށް ދޭންޖެހޭ އެއްބާރުލުމެއް ނުދޭ. ރައްޔިތުންނަށް ދައުލަތުން ފޯރުކޮށްދެންޖެހޭ ހިދުމަތްތައް ދިނުމުގައި ވެސް ސަރުކާރާއި ކައުންސިލާ ގުޅުންކެނޑި، ޖެއްސުންކޮށް،ހުއްދަ ނުދީ، މަޝްރޫއުތައް ހިންގަން ބިން ނުދީ މިފަދަ އެތައް ކަމެއް އެބަ ކުރޭ. އެހެންވީމަ ރައީސް މުއިއްޒު އެ ވިދާޅުވަނީ ތަރައްގީގެ ވިސްނުމުގައި ސަރުކާރަށް އެއްބާރުލުންދޭން. އަދި ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން ހޮއްވަވާދެއްވުމަށް."." - ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ރަައީސް މުއިއްޒުގެ ލަފާފުޅާއި، އިރުޝާދުފުޅުގެ ދަށުން ގިނަ މަސައްކަތްތަކެއް މިހާރު ކުރެވެމުން އަންނަކަމަށް މެމްބަރު ވިދާޅުވިއެެވެ.
މެމްބަރު ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ޕީއެންސީން ކާމިޔާބުކުރާނެކަމަށް ވިދާޅުވެފައެވެ.
ތަރައްގީގެ މަޝްރޫއުތަކަށް މަޑު ޖެހުމެއް ނައިސް ހިނގަމުން ދާނީ ޕީއެންސީ ފިކުރުގެ ކެންޑިޑޭޓުން ކައުންސިލްތަކަށް ހޮވައިގެންކަމަށް މެމްބަރު ވިދާޅުވިއިރު، ސިޔާސީ ވިސްނުން އިސްކުރާ ބައެއް ކައުންސިލުތަކުން ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބިން ހަވާލު ނުކުރުމުގެ ސަބަބުން ބައެއް ރަށްރަށުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުރީ ހުއްޓިފައެވެ. ތިން ބާރު ވަކިވެފައިވާއިރު، ކައުންސިލުތަކަކީ، ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށް ވާއިރު ވެސް މުނިސިޕަލް އަދި ތަރައްޤީގެ މަސައްކަތްތައް ހިންގުމުގެ ބަދަލުގައި ބައެއް ކައުންސިލްތަކުން އަންނަނީ ސިޔާސީ މަސައްކަތްތައް ކުރަމުންނެވެ.
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުވަނީ މިކަންކަމަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ސަރުކާރުން ރާއްވަވާފައިވާ، ފައްޓަވާފައިވާ އަދި ބަޖެޓުކުރައްވާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހަލުވި ދުވެލީގައި ކުރިއަށްގެންދިއުމަށްޓަކައި، ހުރިހާ ފެންވަރެއްގައިވެސް ރައްޔިތުންގެ މަންދޫބުންގެ އެއްބާރުލެއްވުން ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ. ތަރައްޤީއަށް މިހާރުވެސް ކުރައްވަމުންގެންދަވާ އެކި މަސައްކަތްތަކާއި އިޖުތިމާޢީ މައްސަލަތައް ޙައްލުކުރެއްވުމަށް އަޅުއްވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ހުރަސްއެޅޭ ފަދަ ޢަމަލުތައް ބައެއް ކައުންސިލްތަކުން ހިންގުމުން، ބުރެކިޖެހި، މަޑުޖެހި ފަހަތަށް ޖެހެނީ ރައްޔިތުންގެ ތަރައްޤީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް އިންތިޚާބަކީ، އިދިކީލި ސިޔާސީ ފިކުރުގެ ސަބަބުން ތަރައްޤީގެ ދުވެއްޔަށް ހުރަސް ނޭޅޭނޭ ފަދަ ގޮތަކަށް ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ މަންސައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަރުކާރަކީ، ފަރުދީ މަސްލަހަތަށްވުރެ، ޤައުމީ މަސްލަހަތު އިސްކުރާ، އަދި ރައްޔިތުންނާ އެކު، ރައްޔިތުންގެ ފަޅީގައި މަސައްކަތްކުރާ ސަރުކާރެއްކަމަށް އެމަނިކުފާނު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.