ENGLISH
17 ޖެނުއަރީ 2026
ކައުންސިލު އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލއިފި
17 ޖެނުއަރީ 2026
|
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ: ޕީއެސްއެމް
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
އަންނަ އޭޕްރީލު މަހުގެ ހަތަރުވަނައަށްވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން މެންދުރުފަހު 16:00 އާ ދެމެދުގައި އެ އިންތިހާބުގެ ވޯޓުލުން ކުރިއަށްގެންދަން ހަމަޖައްސާފައިވާއިރު، މިއަދުން ފެށިގެން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މި އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާއިރު، ފޯމު ހުށަހެޅުން ބަަންދުކުރާނީ އެކެއް ފެބްރުއަރީގެ 15:30 ގައެވެ.
އޮންލައިންކޮށް ފޯމު ހުށަހަޅަންޖެހޭއިރު، އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް ކަމުގައިވާ my.elections.gov.mv މެދުވެރިކޮށް އިންތިހާބަށް ކުރިމަތިލުމަށް އެދޭ ކެނޑިޑޭޓުން ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހުށަހަޅައި، ދައްކަންޖެހޭ އިދާރީ ފީތައް ދެއްކޭނެ ކަމުގައި އެ ކޮމިޝަނުން ބުނެފައިވެއެވެ.
އެ ކޮމިޝަަނުން ބުނެފައިވާ ގޮތުގައި ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:39 އިން މެންދުރު ފަހު 15:30 އާ ދެމެދުގައި ފޯމު ބަލައިގަންނާނެއެވެ. އަދި ހުކުރުދުވަހުގައި މެންދުރުފަހު 15:30 އިން 18:00 އަށް ފޯމު ބަލައިގަންނާނެ ކަމުގައި ކޮމިޝަނުން ބުނެފައިވެއެވެ.
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ލޯ ކައުންސިލުތަކުގެ 678 މަގާމަކަށް މެންބަަރުން އިންތިހާބުކުރާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 678 މަގާމަށް މެންބަރުން އިންތިހާބުކުރާނެއެވެ. ޖުމްލަ 1،356 މަގާމަކަށް މީހުން އިންތިހާބުކުރާއިރު 225 ދާއިރާއެއްގައި ވޯޓުލުން ކުރިއަށްދާނެއެވެ.
މި އިންތިހާބުގައި ސިޓީ ކައުންސިލުތަކުގެ މެންބަަރުކަމަށް 52 މީހުން އަދި ރަށު ކައުންސިލުތަކުގެ މެންބަރުކަމަށް 626 މީހަކު އިންތިހާބުކުރާނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. 133 ރަށެއްގެ ކައުންސިލަށް، ކައުންސިލު ރައީސާއި އަންހެން މެންބަރު ހިމެނޭހެން އިންތިހާބުކުރާ ތިން މެންބަރުންނާއި، 46 ރަށެއްގައި ކައުންސިލު ރައީސާއި ދެ އަންހެން ކައުންސިލަރުން ހިމެނޭ ގޮތަށް އިންތިހާބުކުރާނީ ފަސް މެންބަރުންނެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 249،937 މީހަކަށެވެ. އެއީ 144،527 އަންހެނުންނާއި، 150،410 ފިރިހެނުންނެވެ. އަދި މި އިންތިހާބުގައި އަތޮޅު ތެރޭގައި 321 ވޯޓު ފޮށި ބަހައްޓާނެއެވެ. މާލެ ސިޓީގައި މާލޭ ދާއިރާތަކުގެ އިތުރަށް ސިޓީތަކާއި ރަށްތައް ހިމެނޭ ގޮތަށް 240 ވޯޓު ފޮށި ބަހައްޓަންވަނީ ހަމަޖެހިފައެވެ.
ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބަހައްޓާއިރު ސިނާއީ ސަރަހައްދުތަކުގައި ތިން ފޮއްޓާއި، ޖަލުތަކުގައި ފަސް ވޯޓު ފޮށި އަދި ރާއްޖެއިން ބޭރުގައި މެލޭޝިޔާ އަދި ލަންކާއިން ކުރެ ކޮންމެ ގައުމެއްގައި އެއް ވޯޓު ފޮށި ބަހައްޓާނެއެވެ.