ENGLISH
18 ޖެނުއަރީ 2026
އެއާޕޯޓުން ފައިސާ ފޭރުނު މައްސަލަ؛ އިތުރު މީހަކު ހައްޔަރު ކޮށްފި
15 ޖެނުއަރީ 2026
|
މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ މުވައްޒަފުންތަކެއް އަތުން ފައިސާތަކެއް ފޭރިގަތުމަށް ފަހު، ފިލި މައްސަލައިގެ ތުހުމަތަށް އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ.
އެއާޕޯޓުގެ އާ ޓާމިނަލަށްދާ ވޯކްވޭއިން ފައިސާތަކެއް ފޭރިގަތް މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅީ މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގެ ފަތިހު 4:45 ހާއިރެވެ.
ފުލުހުން ވަނީ އެ މައްސަލައިގެ ތުހުމަތަށް ކުރީން ހަތް މީހަކު ހައްޔަރު ކޮށްފަ އެވެ. އަދި އެ މީހުން ފިލަން މަސައްކަތްކުރި ލޯންޗު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.
ފުލުހުން މިއަދު ބުނީ ފަތިހު އެއާޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ވަނީ ހައްޔަރު ކޮށްފައި ކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި ޖުމްލަ 8 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. މި އެންމެންވެސް ތިބީ ބަންދުގައެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ޖެނުއަރީ 13 ވަނަ ދުވަހު، މީޒާން / ރ.މަޑުއްވަރި، އިސްމާޢީލް ސިރްޙާން (30އ) ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.