ENGLISH

18 ޖެނުއަރީ 2026

Advertisement

ތަރައްގީ ކުރެވިގެންދަނީ މުޅިން "އައު ދިއްދޫ" އެއް : މެމްބަރު ލަތީފް

15 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދު އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ:އެމްއެމްޓީވީ

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއާއެކު ތަރައްގީ ކުރެވިގެންދަނީ މުޅިން "އައު ދިއްދު"އެއް ކަމަށް އެ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ މި ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު ފެށި ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު ވަރަށް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އަދި ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއަކީ މުޅި ބޮޑު ތިލަދުއްމައްޗަށް ލިބިގެންދިޔަ ބޮޑު އުފަލެއްކަމަށާއި ބިން ހިއްކުމުގެ މި މަޝްރޫއާއެކު މުޅިން "އައު ދިއްދު"އެއް ތަރައްގީ ކުރެވިގެން ދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ. 

""މި މަޝްރޫއުގެ ދަށުން 115 ހެކްޓަރުގެ ބިން ހިއްކުމަށް މިވަނީ ހަމަޖެހިފައި. މި މަޝްރޫއާއެކު މުޅިން އައު ދިއްދުއެއް ތަރައްގީކުރެވިގެން މިދަނީ. އަދި ދިއްދުއަށް ވުރެ ބޮޑު ސަރައްހައްދެއް މި ހިއްކަނީ،"" - ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދު

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތިންކަމަށާއި މި މަޝްރޫއާއެކު އެމަނިކުފާނަކީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވާނެ ބޭފުޅެއްކަން ކަށަވަރުވެގެން ހިނގައްޖެ ކަމަށް މެމްބަރު ވިދާޅުވިއެވެ. 

މީގެ ކުރީގެ ސަރުކާރުތަކުން ދިއްދޫގެ ތަރައްގީއަށް އިހުމާލުވެފައިވާކަން ފާހަގަކުރައްވައި، އަދުގެ ސަރުކާރުން ކުރިއަށްގެންދާ ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާތަނަށް ސަރުކާރަކުން ވަކި ރަށަކަށް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓުކަމަށް ވެސް މެމްބަރު ލަތީފް ފާހަގަކުރެއްވިއެވެ. 

ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން އެރަށަށް 115 ހެކްޓަރުގެ ބިން އިތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އާ ހަވާލުކޮށްގެންނެވެ. ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 5 ވަނަ ދުވަހު ފަށާފައިވާއިރު، މިހާތަނަށް 21 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ. މިއާއެކު މުޅި މަސައްކަތުގެ 18.75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

ދިއްދޫ ބިން ހިއްކުމަށް ބޭނުން ކުރާ ޑްރެޖަރަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަކެވެ. ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ މި ޑްރެޖަރަކީ، 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ. މިއީ، ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް ސަރުކާރުން ގެނައި ތިން ވަނަ ޑްރެޖަރެވެ.

ދިއްދޫގައި ބިންހިއްކައި އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު