ENGLISH
18 ޖެނުއަރީ 2026
ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އާދިއްތަ ދުވަހު ހުޅުވާލަނީ
15 ޖެނުއަރީ 2026
|
ގޯއްޗާއި ފްލެޓަށް ކުރިމަތިލާން 3 މަސްދުވަސް ލިބިގެންދާނެ
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ އުޞޫލުތަކާ އެއްގޮތަށް ބިމާއި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލުމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން މާލޭ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ވުޒާރާއިން ކުރިން ކަނޑައަޅާފައިވަނީ މިއަދެވެ.
އެހެންނަމަވެސް މާލޭ ސަރަޙައްދުން ދޫކުރާ ބިމާއި ފްލެޓަށް އެދި ވަރަށް ގިނަ ފަރާތްތަކުން ހުށަހަޅާނެ ކަމަށް ލަފާކުރެވޭތީއާއި ހަފްތާ ބަންދާ ދިމާކޮށް ޕޯޓަލް ހުޅުވުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މަޢުލޫމާތު ދިނުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެތީ، ޕޯޓަލް އާންމުކޮށް ހުޅުވާލަން މިހާރު ނިންމާފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެންނެވެ.
މާލޭ ސަރަޙައްދުން ބިމާއި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ލިބިގެންދާނެއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔަވަހިކަން" ޕްރޮގްރާމްގެ އުޞޫލުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި ގޮތުން ޝާއިޢުކުރެވުނު އުސޫލުތަކުގެ ތެރޭގައި ހިމެނެނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލެވެ.
މިއީ 17 ނޮވެންބަރު 2025 ގައި ސަރުކާރު ގެޒެޓުގައި ޝާއިޢުކުރި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލަށް އިސްލާހު ގެނައުމަށްފަހު އަލުން އެކުލަވާލައިފައިވާ އުސޫލުތަކެއްކަމަށް ވުޒާރާއިން ހާމަކުރެއެވެ.
އުސޫލުތައް އިޞްލާހު ކުރީ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ރައްޔިތުންގެ ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކާއި އެ އުސޫލުތައް ޝާއިޢުކުރުމުން ވުޒާރާއަށް ލިބުނު ޚިޔާލުތަކަށް ރިޢާޔަތްކޮށް އުސޫލުތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުންކަމަށް ވުޒާރާއިން ބުނެއެވެ.
ވުޒާރާއިން މިހާރު އުސޫލުތަކަށް ގެނެސްފައިވާ މައިގަނޑު ބަދަލުތައް:
ވުޒާރާއިން ވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން މައިގަނޑު ދެ ކެޓަގަރީއަކާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކެއ ހިމަނާފައެވެ. އެގޮތުން މާލޭގެ ރަށްވެހިންގެ ކެޓަގަރީއިން 10،000 ގޯތި އަދި މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން 3،000 ގޯތި އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2،000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގެ ރަށްވެހިންގެ ކެޓަގަރީންނާއި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލެ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. މާލޭގެ ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއިން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.
ވަކިން ޚާއްޞަކޮށް މާލޭގެ ވަކިގެއަކަށް ނިސްބަތްނުވާ ގޮތަށް މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ ކުރެވިގެން 1000 ގޯއްޗާއި 1000 ފުލެޓު ވާނީ އިޢުލާނުކުރެވިފައެވެ.
މީގެ އިތުރުން، މާލޭ ރަށްވެހިންނަށް 4000 ފުލެޓާއި، މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1500 ފުލެޓު އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2400 ފުލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.
ޢާއިލީ ބޯހިޔާވަހަކިމުގެ ޕްރޮގްރާމް އެކުލަވާލެވިފައިވަނީ އަމިއްލަ އެއްވެސް ބޯހިޔާހަވިކަމެއް ނެތް ޢާއިލާތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގައި އިސްކަން ލިބޭ ގޮތަށެވެ. އަދި ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ތިބި ޢާއިލާތަކަށާއި، މުސްކުޅި މައިންބަފައިން ބަލާ ޢާއިލާތަކަށާއި ތިމާގެ ބެލުމުގެ ދަށުގައި ދަރިން ތިބި ޢާއިލާތަކަށް އިސްކަން ލިބޭ ގޮތަށްކަމަށް ވުޒާރާއިން ހާމަކުރެއެވެ.