ENGLISH

18 ޖެނުއަރީ 2026

Advertisement

އާސަންދަ ހިދުމަތް ފުޅާކޮށްފި؛ 18 ތަނަކުން ދޫކުރާ ޕްރިސްކްރިޕްޝަނަށް އައިނު ހެއްދޭނެ

15 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

އައިޖީއެމްއެޗްގައި ހުޅުވި އައިނު ފިހާރައިން ހިދުމަތް ދެނީ

ކްލިނިކުތަކާއި އައިނު ފިހާރަތަކުން ދޫކުރާ ލޮލުގެ ނަންބަރު ނުވަތަ ޕްރިސްކްރިޕްޝަނަށް އާސަންދައިގެ ދަށުން އައިނު ހެދުމުގެ ހިދުމަތް މިހާރު 18 ތަނަކުން ލިބޭނެކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ. 

މި 18 މަރުކަޒުން އާސަންދަ ސްކީމްގައި ރަޖިސްޓަރ ކުރެވިފައިވާ، އޮފްތަލްމޮލޮޖިސްޓުން ދޫކުރާ ލޮލުގެ ރިފްރެކްޝަން ޕްރިސްކްރިޕްޝަން ތަކަށް އާސަންދަ ސްކީމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމްޕެނަލްކުރެވިފައިވާ އައިނު ފިހާރަތަކުން އޮންނަ އުސޫލުގެ ތެރެއިން 15 ޖަނަވަރީ 2026 އިން ފެށިގެން އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް އާސަންދައިން ވަނީ ބުނެފައެވެ. އަދި މި މަރުކަޒުތަކުން ރަޖިސްޓަރވެފައިވާ އޮޕްޓޮމެޓްރިސްޓުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް ވެސް އައިނު ހެއްދުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް އާސަންދައިން މައުލޫމާތުދެއެވެ.

ކްލިކުތަކާއި އައިނު ފިހާރަތަކުން ދޫކުރާ ޕްރިސްކްރިޕްޝަނަށް އާސަންދައިގެ ދަށުން އައިނު ހެއްދުމުގެ ހިދުމަތް 18 ތަނަކުން ލިބޭނެކަމަށް އާސަންދައިން ބުނެފައިވާއިރު، މީގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލާއި، އައިކެއާގެ ކުލިނިކުތަކުގެ އިތުރުން ނޫސަންދައާއި، ސެނެހިޔާ އަދި ޓްރީ ޓޮޕް ހޮސްޕިޓަލް ފަދަ އާއްމުކޮށް ގިނަ މީހުން އައިނު ހެއްދުމަށް ދާ މަރުކަޒުތައް ހިމެނެއެވެ.

މީގެ ކުރިން އޮންނަނީ ހޮސްޕިޓަލަކުން ޕްރިސްކްރިޕްޝަން ހަދައިގެންނޫނީ އާސަންދަ މެދުވެރިކޮށް އައިނު ނުހެއްދޭ ގޮތަށެވެ. މި މައްސަލާގައި މާލޭގައި އައިނު ފިހާރަ ހިންގާ ބައެއް ފަރާތްތަކުންވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން ހުސްވި ޑިސެންބަރުމަހުގެ 31 ވަނަ ދުވަހު އެންސްޕާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ރައްޔިތުުންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި އާސަންދައިގެ ތެރެއިން ރަނގަޅުކުރަން ހުރިކަމަށް ރައްޔިތުން ފާހަގަކުރި ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެގޮތުން އައިނު ހެއްދުމުގެ ހިދުމަތް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަަޖެއްސުމުގެ ގޮތުން އެ ހިދުމަތް އިތުރަށް ފުޅާކޮށް، ކްލިނިކުތަކުގައި އަދި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް އާސަންދަ މެދުވެރިކޮށް އައިނު ހެދޭނެ ގޮތަށް ނިންމާފައިވާ ކަމަަށެވެ. 

އެ ނިންމުން ތަންފީޒުކުރުމަށް ބޭނުންވާ އުސޫލުތައް އެކުލަވައިލާ އާއްމުކޮށް 15 ޖަނަވަރީ 2026 ވަނަ ދުވަހުން ފެށިގެން އެފަދަ ތަންތަނުގައި ތިބޭ އޮޕްޓޮމެޓްރިސްޓުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް ނުވަތަ ލޮލުގެ ނަންބަރުތަކަަށް އާސަންދަ މެދުވެރިކޮށް އައިނު ހަދައިދޭން ފަށާނެ ކަމަަށެވެ. 

ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ރައީސް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްޕުޅު ކުރައްވަމުން އަންނައިރު ރާއްޖޭގައި އައިނު ހެއްދުމަށް ޒަމާނުންސުރެ ރައްޔިތުން އުފުލަމުން އަންނަ ތަކުލީފުތަކަށް ނިމުމެއް ގެނައުމަށް މިހާރުވެސް ސަރުކާރުންވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާ ފައެވެ. 

އެގޮތުން ރާއްޖޭގައި އައިނު ހެއްދުމަށް ވިޔަފާރިވެރިން ނަގާ އަގުތައް ބޮޑުވުމުން އެކަމަށް ވަށާޖެހޭ ޖުމްލަ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން އައިޖީއެމްއެޗުގައި ސަރުކާރުންވަނީ ހިލޭ އައިނު ހެއްދޭނެ އިންތިޒާމް ހަމަޖައްސައިދީ ފައެވެ.

އަދި އައިނު ހެއްދުމަށް އާސަންދައިން މީގެކުރިން ދެމުން އައި 1،000 ރުފިޔާ 2،000 ރުފިޔާއަށް ބޮޑުކޮށްދެއްވާނެކަމަށް ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވައި އެ ވައުދުފުޅާ އެއްގޮތަށް މިދިޔަ ޖޫންމަހުން ފެށިގެން އެ އަދަދު ވަނީ ބޮޑު ކޮށްދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު