ENGLISH

14 ޖެނުއަރީ 2026

Advertisement

ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ ރިވިއުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ

14 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

މިނިސްޓަރު އިޙްސާން އަދި އޭޖީ އުޝާމް

ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާ (މުޢާހަދާ) ގެ ދަށުން، 2021 ވަނަ އަހަރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ 6 - 7 ވަނަ ޕީރިއޮޑިކް ރިޕޯޓު، އ.ދ. ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ކޮމިޓީ) އިން ރިވިއުކުރުމަށްޓަކައި ގައި ބޭއްވި ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން ވަނީ ބައިވެރިވެއްޖެ އެވެ.

11 ފެބުރުވަރީ 1991 ގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މި މުޢާހަދާގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ 6 - 7 ވަނަ ޕީރިއޮޑިކް ރިޕޯޓަކީ، މުޢާހަދާގައި ބަޔާންކޮށްފައިވާ ޙައްޤުތައް ލިބިދިނުމާ ގުޅޭގޮތުން ކޮމިޓީން ދިވެހިރާއްޖެއަށް ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކާއި، 2016 އިން 2021 ގެ ނޮވެންބަރު މަހުގެ ނިޔަލަށް ދިވެހިރާއްޖެއިން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، ޙިމާޔަތްކުރުމާ ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހިމަނާފައިވާ ރިޕޯޓެކެވެ.

ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ރިވިއުގައި، މުޢާހަދާ ތަންފީޛުކުރުމަށް 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ދިވެހިރާއްޖޭގެ ވަފުދުން ވަނީ ޖަވާބުދާރީވެފައެވެ.

މި ރިވިއުގައި ބައިވެރިވި ދިވެހިރާއްޖޭގެ ވަފުދުގެ ވެރިޔާގެ ޙައިޞިއްޔަތުން ބަންޑާރަނައިބު އަޙްމަދު އުޝާމް ދެއްކެވި ވާހަކަފުޅުގައި، ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤުބަލު ކަމަށާއި، ކޮންމެ ކުއްޖެއްވެސް ބޮޑުވަނީ ކަރާމާތާއި ރައްކާތެރިކަން ލިބިގެން، ކަންކަމުގައި އެކުދިން ދެކޭގޮތް ބަލައިގަންނަ މާހައުލެއްގައިކަން ކަށަވަރުކުރުމަކީ ދިވެހިރާއްޖެއިން އިސްކަންދޭ ކަންކަން ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާއަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ސިޔާސަތުތަކާއި، ތަރައްޤީގެ މަސައްކަތްތަކަށް މަގުދައްކައިދޭ މުޢާހަދާއެއްކަން ފާހަގަކުރައްވައި، ކަމާބެހޭ ނިޒާމުތައް ހަރުދަނާކޮށް، ކުޑަކުދިންނަށް ރައްކާތެރި، އެކުދިންނަށް އިޙްތިރާމްކުރާ، އަދި އެކުދިންގެ ކުރިއެރުމަށް ބާރުވެރި މާހައުލުތައް ހޯދައިދިނުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމަށް ވިދާޅުވެފައިވެއެވެ.

މި ރިވިއުގައި ދިވެހިރާއްޖެ ތަމްޞީލުކުރެއްވި ވަފުދުގައި، ބަންޑާރަނައިބު އަޙްމަދު އުޝާމް އާއި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންގެ އިތުރުން، ބަންޑާރަނައިބުގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކަމާބެހޭ ބޭފުޅުންނާއި، ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަންގެ އޮފިޝަލުން ބައިވެރިވެވަޑައިގެންފައިވެ އެވެ.

މި ރިވިއު ސެޝަނަށްފަހު، ދިވެހިރާއްޖެއިން ހުށަހެޅި ރިޕޯޓާއި، ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން ކޮމިޓީއާ ޙިއްސާކުރި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ކޮންކްލޫޑިންގ އޮބްސަރވޭޝަންތަކާއި ރިކޮމެންޑޭޝަންތައް ޙިއްޞާކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު