ENGLISH

14 ޖެނުއަރީ 2026

Advertisement

ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވިލިމާލޭގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފި

14 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯ އިން ވިލިމާލޭގައި ބެހެއްޓި އައު އިންޖީނު. --ފޮޓޯ: ސްޓެލްކޯ

މިއަހަރުގެ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯ އިން ވިލިމާލޭގައި 1،200 ކިލޯވޮޓްގެ ޖެނެރޭޓަރު ސެޓެއް ބަހައްޓައި، ބޭނުންކުރަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ، ވިލިމާލޭގައި ބެހެއްޓި އާ ޖެންސެޓާއެކު ޖެނެރޭޝަން ކެޕޭސިޓީ އިތުރުކުރެވި، ވިލިމާލޭގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރެވުމާއެކު ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ އެވެ.

ކަރަންޓުގެ ޕީކް ސީޒަންގެ ގޮތުގައި ބަލަނީ ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމާއެކު، ރޯދަމަހާ ދިމާވާ ދުވަސްވަރެވެ.

އެހެންކަމުން، ކޮންމެ އަހަރެއްގެ ވެސް ރޯދަމަހުގެ ދުވަސްތަކުގައި ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތާއި އޮފީސްތަކުގައި މީހުން ހޭދަކުރާ ވަގުތު މަދުވެ، ގޭގައި ހޭދަކުރާ ވަގުތު އިތުރުވުމުން ކަރަންޓު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެއެވެ.

މިކަމަށް ފުރިހަމަ އަށް ތައްޔާރުވުމުގެ ގޮތުންނާއި، ޖެނެރޭޝަން ކެޕޭސިޓީ ނެތިގެން ކަރަންޓު ނުކެނޑޭނެކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ސްޓެލްކޯ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެކުރީން، މިދިޔަ އަހަރުގެ ރޯދަ މަހާ ދިމާކޮށް ސްޓެލްކޯ އިން ވަނީ، ހުޅުމާލޭގައި ވެސް އިންޖީނުގެއެއް ހުޅުވާފަ އެވެ. ހުޅުމާލޭ އިންޖީނުގެ އެނެކްސް – 2 ގެ ގޮތުގައި ހުޅުވި މި އިންޖީނުގޭގައި 1.6 މެގަވޮޓްގެ ޖުމްލަ 12 ޖަނަރޭޓަރު ސެޓް ވަނީ ބަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު