ENGLISH
13 ޖެނުއަރީ 2026
ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރިޝްވަތުގެ އަމަލުތަކުން ދުރުހެލިވެތިބުމަށް އޭސީސީއިން އިލްތިމާސްކޮށްފި
13 ޖެނުއަރީ 2026
|
ވޯޓުލުމެއްގައި އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން ހަރަކާތްތެރިވަނީ. އިންތިޚާބާ ދިމާކޮށް ރިޝްވަތުގެ އަމަލުތައް ނުހިންގަން އޭސީސީއިން ވަނީ އިލްތިމާސްކޮށްފަ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، އަމިއްލަ ގޮތުންނާއި ޕާޓީތަކުން ކުރިމަތިލާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި އިންތިޚާބުގައި ވާދަކުރާ ފަރާތްތަކާއި ވޯޓުލާ މީހުންގެ މެދުގައި ހިންގާ ރިޝްވަތުގެ ޢަމަލުތަކުން ދުރުހެލިވެ ތިބުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފިއެވެ.
އޭސީސީއިން އިއްޔެ އާއްމުކުރި ނޫސްބަޔާނުގައި ބުނީ، ރިޝްވަތުން ދުރުހެލިވެ ތިބެ، އާންމު އިންތިޚާބުތަކުގައި ހިފަހައްޓަންޖެހޭ ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ހުރިހާ ފަރާތްތަކަކުން ވެސް ޙުރުމަތްތެރިކޮށް ހިތުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.
ބަޔާނުގައި ބުނީ ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައި އަދި ވޯޓު ދިނުމުގެ ޙައްޤު އަދާކުރުމުގައި ރިޝްވަތުގެ މުޢާމަލާތްތައް ހިންގާކަން ފާހަގަކުރެވޭ ކަމަށެވެ. މިފަދަ މައްސަލަތައް އިތުރުވަމުން ދިއުމަކީ ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާ ކަމެއްކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"އެހެންކަމުން ނަޒާހާތްތެރިކަން އިސްކުރުމަކީ މުހިއްމު ކަމެކެވެ. މިއީ އަޅުގަނޑުމެންގެ ދަރީންނާއި ޒުވާން ޖީލަށް އަދި ޖުމްލަގޮތެއްގައި މުޅި މުޖުތަމަޢަށް ނުހަނު ގެއްލުންބޮޑު ކަމެކެވެ." އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ އިދާރާއިން ބުނީ، އިދާރާީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގައި އެކަމުގެ ޙަޤީޤީ ބާރުވެރިކަމާއި މަންފާ ރައްޔިތުންނަށް ލިބިގެންދާނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނިންމާ ނިންމުމުގެ މައްޗަށް ކަމަށެވެ. އެގޮތުން، މިފަަދަ އިންތިޚާބުތަކުގެ ބޭނުމަކީ ރައްޔިތުންގެ ފަރާތުން ނިންމުން ނިންމައި، އަދި ދާއިރާއާއި ރަށުގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ޒިންމާ ޙަވާލުކުރާނެ ހަރުދަނާ ޤާބިލު ބަޔަކު ކަނޑައެޅިގެން ދިއުން ކަމަށް އޭސީސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އޭސީސީއިން އެދުނީ ޤައުމުގެ މުސްތަގްބަލަށް ވިސްނައި ކޮރަޕްޝަން ހުއްޓުވުމުގެ ފަރުދީ ޒިންމާ އަދާކުރުމަށެވެ.
"ރިޝްވަތުގެ މުޢާމަލާތްތަކުގެ ތެރެއިން ވޯޓު ގަނެގެން މަޤާމުތަކަށް އިންތިޚާބުވުމަށް ވިސްނާ ކެންޑިޑޭޓުންނަކީ، ރައްޔިތުންގެ ޙަޤީޤީ ބާރުވެރިކަން ރައްޔިތުންގެ އަތުން ނިގުޅައިގަނެ، ހަމައެކަނި އެފަދަ ފަރާތްތަކުގެ އަމިއްލަ މަޞްލަޙަތަށް މަސައްކަތްކުރާ ބައެކެވެ. ހަމައެފަދައިން، ރިޝްވަތު ހިފައި، ތިމާއަށް ލިބިފައިވާ އިންތިޚާބީ ޙައްޤު އަމިއްލަ ވަގުތީ ފައިދާއަށްޓަކައި ވިއްކާލުމަކީ، ތިމާގެ އަމިއްލަ ނަފްސަށާއި އާއިލާއަށާއި މުޅި މުޖުތަމަޢަށް ވެވޭ ޚިޔާނާތެކެވެ." އޭސީސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 74 ވަނަ މާއްދާގައި، އިންތިޚާބީ ރިޝްވަތުގެ ކުށުގެ ޢަމަލުތަކަކީ ކޮބައިކަން ބަޔާންކޮށްފައިވާ ކަމަށެވެ.
ޤާނޫނުގެ މާއްދާތަކާ ޙަވާލާދީ ބަޔާނުގައި ބުނެފައިވަނީ، އެފަދަ ރިޝްވަތުގެ ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެ ކޮމިޝަނުން އިލްތިމާސްކުރާ ކަމަށެވެ. އަދި، އެފަދަ އެއްވެސް ޢަމަލެއް ހިންގާކަން ފާހަގަކުރެވޭނަމަ އޭސީސީގެ ސަމާލުކަމަށް އެކަމެއް ގެނައުމަށް ބަޔާނުގައި އިލްތިމާސްކޮށްފަައިވެއެވެ.