ENGLISH

11 ޖެނުއަރީ 2026

Advertisement

އަންހެން ވިޔަފާރިވެރިންނަށް ހާއްސަަ "ފަށާ މަދަދަށް" ބޮޑު ތަރުހީބެއް؛ އިތުރު ސްކީމެއް ތައާރަފުކޮށްފި

10 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

މި ސަރުކާރުން އަންނަނީ އަންހެނުން ވިޔަފާރިއަށް ނެރުމަށް ގިނަ މަސައްކަަތްތަކެއް ކުރަމުން، ފޮޓޯ: ރައީސް އޮފީސް

އަންހެނުން ބާރުވެރިކޮށް ވިޔަފާރީގެ ދާއިރާއަށް ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނުނު ސިޔާސަތުތަކުގެ ތެރެއިން މި ސަރުކާރުގެ ހަފުތާ 14 އެޖެންޑާގެ ދަަށުން ފެށި "ފަށާ މަދަދު" ލޯނު ސްކީމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެފިއެވެ. 

2023 ވަނަ އަހަރު އިއުލާނުކުރި "ފަށާ މަދަދު" ލޯނު ސްކީމު ސަރުކާރުން އިފުތިތާހުކޮށް، އެ ސްކީމުގެ ދަށުން ލޯނު ދޫކުރަން ފެށީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެ ސްކީމުގެ ދަށުން ކޮންމެ އަހަރަކު ވަކި އަދަދަކަށް އަންހެން ވިޔަފާރިވެރިންނަށް ލޯނު ދޫކުރަމުންދެއެވެ. 

މި ސްކީމަކީ 100 މިލިއަން ރުފިޔާގެ ސްކީމެކެވެ. ފަސް އަހަރު ދުވަހަށް ބަހާލައިގެން ކޮންމެ އަހަރަކު މި ސްކީމުގެ ދަށުން 20 މިލިއަން ރުފިޔާގެ ލޯނު އަންހެނުންނަށް ވިޔަފާރި ފެށުމަށާއި، އިތުރަށް ތަރައްގީކުރުމަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް އަންނަނީ ދޫކުރަމުންނެވެ. 

އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން އެސްއެމްއީ ޑިޖިޓަލްގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސްގެ އިންޗާޖު މަރިޔަމް ޝަޒްނާ ވިދާޅުވި ގޮތުގައި، އެ ލޯނު ސްކީމުގެ ދަށުން އަހަރަކު ގާތްގަނޑަކަށް 70 ވަރަކަށް އަންހެނުންނަށް އަދި އަންހެނުން ހިންގާ ވިޔަފާރިތަކަށް ލޯނު ދޫކުރަމުންދާ ކަމަށެވެ. 

އިތުރަށް ޝަޒްނާ ވިދާޅުވި ގޮތުގައި އެސްއެމްއީ ޑިޖިޓަލްގެ އަންދާޒާއަކީ މި ސްކީމުގެ ދަށުން ވިޔަފާރި ފެށުމަށް ނުވަތަ މިހާރު ހިިންގަމުންދާ ވިޔަފާރިއެއް އިތުރަށް ފުޅާކުރުމަށް 400 އެއްހައި އަންްހެނުންނަށް ލޯނު ދޫކުރެވޭނެއެވެ. 

ޝަޒްނާ ވިދާޅުވީ މި ސްކީމަކީ ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިފައިވާ ސްކީމެއް ކަމަށެވެ. އެގޮތުން އަހަރަކު 70 ވަރަކަށް މީހުންނަށް މި ސްކީމުގެ ދަށުން ލޯނު ދޫކުރަމުންދާއިރު ކޮންމެ އަހަރަކުވެސް 200 އެއްހައި މީހުން އެ ލޯނު ސްކީމަށް ކުރިމަތިލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. 

"ވަރަށް ޑިމާންޑް ހައި ޕްރޮޑަކްޓެއް މިއީ. އަޅުގަނޑު ބުނިހެން މި ސްކީމުން ފުރުސަތު ފަހިވަނީ އަހަރަކު 70 ވަރަކަށް ބޭފުޅުންނަށް. އެހެންނަމަވެސް ކޮންމެ އަހަރަކުވެސް 200 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބޭ،" އަންހެނުންނަށް ވިޔަފާރި ފެށުމަށާއި ފުޅާކުރުމަށް ދޫކުރާ ލޯނުތަކަށް ޑިމާންޑު އޮތް މިންވަރު ފާހަގަކުރައްވަމުން ޝަޒްނާ ވިދާޅުވިއެވެ. 

"ފަށާ މަދަދު" ލޯނު ސްކީމަށް އޮތް ޑިމާންޑުން، އަންހެނުން ވިޔަފާރި ފެށުމަަށާއި މިހާރުވެސް އަންހެނުން ހިންގަމުންދާ ވިޔަފާރިތައް ފުޅާކުރުމަށް މާލީ އެހީތެރިކަން ހޯދުމަށް ބޭނުންޖެހިފައި ތިބި މިންވަރު ވަޒަންކުރެވުމާއެކު، އަންހެނުންނަށް ހާއްސަަކޮށް އިތުރު ފައިނޭންސް ސްކީމެއް އެސްއެމްއީ ޑިޖިޓަލްއިން ފާއިތުވި ނޮވެންބަރު މަހުވަނީ ތައާރަފުކޮށްފައެވެ. 

މި ސްކީމުގެ ދަށުން 250،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. ވިޔަފާރި ފެށުމަށްް ނުވަތަ ތަރައްގީކުރަން އެހީތެރިވުމަށް ދޫކުރާ މި ލޯނުތައް ނެގުމަށް ރަހުނެއް ބަހައްޓާކަށް ނުޖެހޭނެއެވެ. އެ ލޯނު ދައްކަންޖެހެނީ ހަތް އަހަރަށް ބަހާލައިގެންނެވެ. އެއް އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ލިބޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު