ENGLISH
11 ޖެނުއަރީ 2026
ނިމުނު އަހަރު ބޭރު ފައިސާއިން މީރާއަށް ލިބުނު އާމްދަނީ 1.4 ބިލިއަން ޑޮލަރަށް، %38 ގެ އިތުރުވުމެއް
10 ޖެނުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ފާއިތުވި އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ 1.4 ބިލިއަން ޑޮލަރަށް އަރާފައިވާކަން އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކޮންމެ މަހަކު އެއްފަހަރު މީރާއިން އާއްމުކުރާ ދައުލަތުގެ އާމްދަނީގެ ހިސާބުތަކަށް ބަލާއިރު 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް މީރާއަށް ބޭރު ފައިސާއިން ލިބިފައިވާ އާމްދަނީއަކީ 1,468,147,182 (އެއް ބިލިއަން ހަތަރު ސަތޭކަ ފަސްދޮޅަސް އަށް މިލިއަން އެއްލައްކަ ސާޅީސް ހަތްހާސް، އެއްސަތޭކަ އަށްޑިހަ ދެ) ޑޮލަރެވެ.
2024 ވަނަ އަހަަރުގެ ހިސާބުތަކަަށް ބަލާއިރު، އެ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ދައުލަތަށް ބޭރު ފައިސާއިން ލިބުނު އާމްދަނީއަކީ 1,064,951,653 (އެއް ބިލިއަން ފަސްދޮޅަސްހަތަރު މިލިއަން ނުވަލައްކަ ފަންސާސް އެއްހާސް ހަސަތޭކަ ފަންސާސް ތިން) ޑޮލަރެވެ.
މި ހިސާބުތަކަށް ބަލާއިރު ނިމުނު އަހަރު ބޭރު ފައިސާއިން މީރާއަށް ލިބުނު އާމްދަނީއަކީ އޭގެ ކުރީ އަހަރު ލިބުނު ބޭރު ފައިސާގެ އާމްދަނީއަށްވުރެ 38 އިންސައްތަ އިތުރު އަދަދެކެވެ.
ބޭރު ފައިސާއިން ލިބުނު ޖުމްލަ އާމްދަނީ އިތުރުވިއިރު ޓެކުހުގެ ގޮތުގައި ލިބުނު ބޭރު ފައިސާވެސް ނިމުނު އަހަރު ވަރަށް ބޮޑު ތަން އިތުރުވެފައިވެއެވެ. އެގޮތުން ނިމުނު އަހަރު ޓެކުހުގެ ގޮތުގައި 1,120,836,889 (އެއް ބިލިއަން ސަތޭކަ ވިހި މިލިއަން އަށްލައްކަ ތިރީސް ހަހާސް އަށްސަަތޭކަ އަަށްޑިހަ ނުވަ) ޑޮލަރު ލިބުނެވެ. އޭގެ ކުރީ އަހަރު ޓެކުހުގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ އަދަދަކީ 814,469,961 (އަށްސަތޭކަ ސާދަ މިލިއަން ހަަތަރު ލައްކަ ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް އެއް) މިލިއަން ޑޮލަރެވެ.
ޓެކުހުގެ ގޮތުގައި ލިބުނު ބޭރު ފައިސާއަށް ބަލާއިރު ޑިޕާޗާ ޓެކުހުގެ ގޮތުގައި 123 މިލިއަން ޑޮލަރު، އަދި އިންކަމް ޓެކުހުގެ ގޮތުގައި 136 މިލިއަން ޑޮލަރު ނިމުނު އަހަރު ލިބުނެވެ. ގްރީން ޓެކުހުގެ ގޮތުގައި 145.5 މިލިއަން ޑޮލަރު ލިބުނުއިރު، ޓީޖީއެސްޓީގެ ގޮތުގައި 714.2 މިލިއަން ޑޮލަރު ލިބިފައިވެއެވެ.
ޓެކުސް ނޫން ގޮތްގޮތުން 2025 ވަނަ އަހަރު 347,310,293 (ތިންސަތޭކަ ސާޅީސް ހަތް މިލިއަން ތިންލަައްކަ ދިހަ ހާސް ދުއިސައްތަ ނުވަދިހަ ތިން) ޑޮލަރު ލިބުނެވެ. އެގޮތުން އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި 124 މިލިއަން ޑޮލަރު އަދި، ވިޔަފާރި ހުއްދަތަކަށް ނަގާ ފީގެ ގޮތުގައި 927،670 ޑޮލަރު، ޖޫރިމަނާގެ ގޮތުގައި 2.8 މިލިއަން ޑޮލަރު އަދި ލޭންޑް އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި 12 މިލިއަން ޑޮލަރު ލިބުނެވެ.
ނިމުނު އަހަރު ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ނަގާ ފީގެ ގޮތުގައި 64.6 މިލިއަން ޑޮލަރު، އަދި ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި 134.2 މިލިއަން ޑޮލަރު ލިބުނެވެ.
ބޭރު ފައިސާއިން ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކަށް ބަލާއިރު، ކުރިން ދިވެހި ރުފިޔާއިން ދައްކަމުން އައި ބައެއް ޓެކުސްތައް ބޭރު ފައިސާއިން ދެއްކުން ލާޒިމުކުރުމާއި، ޓީޖީއެސްޓީއާއި ގްރީން ޓެކުހާއި ޑިޕާޗާ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ރޭޓުތަކަށް ފާއިތުވި އަހަރު ގެނައި ބަދަލުތައް ހިމެނެއެވެ.
ރާއްޖޭގެ ދަރަނި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އަހަރުން އަހަރަށް އިތުރުވާނެ ގޮތަށް ދައުލަތުގެ މާލީ ސިޔާސަތުތައް ބައްޓަންކުރުމަކީ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި މުހިއްމު ކަމެއްގެ ގޮތުގައި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ފާހަގަކުރެއެވެ.