ENGLISH

04 ޖެނުއަރީ 2026

Advertisement

ނިމުނު ޑިސެމްބަރު މަހަކީ ތާރީހުގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި މަސް

03 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ޑިސެންބަރު މަހު ރެކޯޑު އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި

ނޮވެންބަރު މަހުން ފެށިގެން ފެބްރުއަރީ މަހާ ހަމައަށް އޮންނަ މުއްދަތަކީ ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަން ނުވަތަ އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އަންނަ ދުވަސްވަރެވެ. އެހެނިހެން އަހަރުތަކެކޭ އެއްގޮތަށް ނިމުނު އަހަރުވެސް ޑިސެންބަރު މަހަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އައި މަހެކެވެ. 

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ޝާއިއުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޑިސެންބަރު މަހުގައި ރާއްޖެއަށް 224،000 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. މިއީ މިހާތަނަށް އެއް މަހެއްގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަހެވެ. 

މީގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަހުގެ ގޮތުގައި ރެކޯޑުކުރެވިފައި އޮތީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހެވެ. އެ މަހު ރާއްޖެއަށް ޖުމްލަ 217،000 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އެހެންކަމުން 2025 ގެ ޑިސެންބަރުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ކުރިން އެންމެ ގިނައިން ފަތުރުވެރިން އައި މަހަށްވުރެ ތިން އިންސައްތަ އިތުރުވެ. 

ފާއިތުވި ޑިސެންބަރުގައި ރާއްޖެއަށް ފަތުރުވެރިން އައި މިންވަރަށް ބަލާއިރު އެ މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ ޑިސެންބަރު 29 ގައެވެ. އެ ދުވަހު 9،900 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. އެއް ދުވަހެއްގަައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ދުވަހުގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ ފެބްރުއަރީ 24، 2024 ވަނަ ދުވަހެވެ. އެ ދުވަހު 11،000 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. 

ފާއިތުވި އަހަރު 2.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، އެ އަހަރުގެ ފުރަތަމަ ތިން މަހު ކޮންމެ މަހަކުވެސް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެެއަށް ޒިޔާރަތްކުރިއެވެ. ފާއިތުވި އަހަރު ދުވާލަކު އެވެރެޖުކޮށް 6100 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު، ނިމުނު އަހަރު އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 10 އިންސައްތަ އިތުރެވެ. 

ކިޔުންތެރިންގެ ހިޔާލު