ENGLISH
04 ޖެނުއަރީ 2026
ރައީސް ގައުމު ގެންދަވަަނީ އިގުތިސާދީ ހަރަކާތްތެރިކަން އިތުރުކުރުމާ ދިމާލަށް: ސައީދު
03 ޖެނުއަރީ 2026
|
އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގައުމު ގެންދަވަނީ އިގުތިސާދީ ހަރަކާތްތެރިކަން އިތުރުވުމާ ދިމާލަށް ކަމަށާއި، އެކަމުގެ މަންފާއާއި ފައިދާ ރައްޔިތުންނަށް ލިބޭނެ ކަމުގައި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދާއެކު، ތަރުޖަމާނާއެކު ސިލްސިލާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ބައިވެރިވެވަޑައިގެން، ހީނާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ފާހަގަކުރި ކަންބޮޑުވުންތަކަށް ރައީސް ހޯދައިދެއްވާ ހައްލުތަކަކީ އެ ވިޔަފާރިތައް ފުޅާކޮށް ކުރިއެރުވުމަށް މަަގުފަހިކޮށްދޭނެ ކަަންތައްތަކެއް ކަމުގައެވެ.
އެގޮތުން އެއާޕޯޓު މެދުވެރިކޮށް އެތެރެކުރަން ގެންނަ މުދާ ކްލިއާ ކުރުމުގައި ޑެމެރޭޖު ނާރާ ގޮތަށް މުދާ ބެހެއްޓޭ މުހުލަތު 80 ގަޑިއިރުން 120 ގަޑިއިރަށް އިތުރުކުރުމަށް މޯލްޑިވްސް ކަސްޓަމްސްއިން ނިންމި ނިންމުމަށް އަލިއަޅުވައިލައްވަމުން ސައީދު ވިދާޅުވީ އެ ނިންމުމުގެ ސަބަބުން މުދާ އެތެރެކުރުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ތަހައްމަލުކުރަންޖެހޭ އުދަގޫތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ.
ރާއްޖެއަށް އެއާ ފްރައިޓް ނުވަތަ ކުރިއާ މެދުވެރިކޮށް މުދާ ގިނައިން އެތެރެކުރަނީ ކުދި ވިޔަފާރިތަކުންކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ގިނަ ފަހަރަށް އެ ވިޔަފާރިތަކުގެ އޮޕަރޭޝަންތައް ހިންގަނީ ވަރަށް މަދު މުވައްޒަފުންތަކެއް ލައިގެން ނުވަތަ ސީދާ ވިޔަފާރީގެ އޯނަރު މުދާ ކްލިއާ ކުރުން ފަދަ ކަންކަމުގައި އަމަލީ ގޮތުން އުޅެގެން ކަމަށެވެ.
"ކުރިން ޑެމެރޭޖު ފީ ޗާޖްކުރަނީ 80 ގަޑިއިރު ނުވަތަ ތިން ދުވަސް ނުވަތަ ތިން ދުވަސް ބައި މިކަހަަލަ ގޮތަކަށް. މިހާރު އެއޮތީ ރައީސް މި ޝަކުވާ އަޑުއައްސަވާފައި. ފަސް ދުވަހާ ގަޑިކޮޅެއް ހިމެނޭ ގޮތަށް އިތުރުކުރައްވާފައި. އެއީ ހަގީގަތުގައިވެސް ލިބުނު ވަރަށް ބޮޑު ލުޔެއް، އެ ފަރާތްތަކުންވެސް އެކަން ފާހަގަކުރޭ.،" ސައީދު ވިދާޅުވިއެވެ.
ސަރުކާރު ކުންފުނިތަކުން ނުވަތަ ފިނޭންސް މިނިސްޓްރީން ލިބެންވާ ފައިސާ ނުލިބުން ފަދަ އެތައް ސަބަބެއް މެދުވެރިވެގެން ޓެކްސް ދެއްކުމުގައި އުދަގޫތަކެއް ދިމާވެފައިވާ ވިޔަފާރިިތަކަށް ޓެކްސް ދެއްކުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އާއެކު މަޝްވަރާކުރެވިގެން މަސައްކަތްތަކެއް ކުރެވެމުންދާކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާތީ، އެއީވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބޮޑު ކަންބޮޑުވުމަކަށް ލިބިގެންދާނެ ހައްލެއްކަން ސައީދު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ފާއިތުވި އަހަރު ބޭއްވި އެކްސްޕޯއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ބޭއްވުނު ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބައިވެރުން އޮތް އެކްސްޕޯއެއް ކަމަށެވެ. އަދި 2026 ވަނަ އަހަރުގެ އެކްސްޕޯއަކީ ކުރީގެ އެކްސްޕޯއަށްވުރެ މާ ފުޅާ ދާއިރާއެއްގައި، ކުރިއާލައި އިއުލާނުކުރެވި، ކުރިއަށްވުރެ ގިނަ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭ އެކްސްޕޯއަކަށްވާނެ ކަމުގައި ސައީދު ވިދާޅުވިއެވެ.
އޭގެ އިތުރަށް އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް އަލީބާބާގައި ހުޅުވި، އޯތެންޓިކް މޯލްޑިވްސްގައި ރަޖިސްޓްރީކޮށްފައިވާ 400 އަށްވުރެ ގިނަ ވިޔަފާރިއަށް އަލީ ބާބާ މެދުވެރިކޮށް މުދާ ވިއްކުމުގެ ފުރުސަތު ފަހިވެގެން ގޮސްފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރަައްގީކުރެއްވުމުގެ މަސައްކަތްޕުޅަކީ ސަރުކާރު ފެށުނީއްސުރެ ސަރުކާރުން އިސްކަންދެމުން އައި ކަމެކެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހިވާނެ ގޮތަށް މަސައްކަަތްކޮށް، އިގުތިސާދީ ހަރަކާތް އިތުރުކޮށްގެން ނޫނީ ގައުމަށް މަންފާއެއް ނުލިބޭނެ ކަމުގައިވެސް ސައީދު ވިދާޅުވިއެވެ.