ENGLISH
07 ޖެނުއަރީ 2026
ކުއާޓާ ތިނެއްގެ އިގުތިސާދީ ހިސާބުތައް؛ އުފެއްދުންތެރިކަން މައްޗަށް، އިންފްލޭޝަން ދަށަށް
03 ޖެނުއަރީ 2026
|
2025 ގެ ތިންވަނަ ކުއާޓާގައި ގައުމީ އުފެއްދުންތެރިކަން އިތުރުވާނެ ކަމުގައި މަރުކަޒީ ބޭންކުން ލަފާކުރޭ، ފޮޓޯ: ވޮއިސް
ފާއިތުވި 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގެ އިގުތިސާދީ ހިސާބުތަކަށް ބަލާއިރު އެ ކުއާޓާގައި ގައުމީ އުފެއްދުންތެރިކަން މައްޗަށް ދިޔައިރު، އިންފުލޭޝަން އޭގެ ކުރީގެ ކުއާޓާއާ އަޅާބަލާއިރު ދަށަށް ގޮސްފައިވާކަން ހާމަވެއްޖެއެވެ.
މަހަކު އެއްފަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާއްމުކުރާ މާލީ ހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 6.7 އިންސައްތައިން ކުރިއެރިއެވެ. އަދި މަރުކަޒީ ބޭންކުން އަންދާޒާކުރާ ގޮތުގައި 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައިވެސް ގައުމީ އުފެއްދުންތެރިކަން އޭގެ ކުރީ އަހަރުގެ ތިންވަނަ ކުއާޓާއާ އަޅާބަލާއިރު އިތުރުވާނެއެވެ.
ގައުމީ އުފެއްދުންތެރިކަން އިތުރުވާނެ ކަމުގައި ބެލވޭ މައިގަނޑު ސަބަބަކީ އިގުތިސާދީ އެކި ދާއިރާތަކަށް އައި ކުރިއެރުމެވެ. އެގޮތުން ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ ދާއިރާއާއި، ރިއަލް އެސްޓޭޓު ވިޔަފާރީގެ ދާއިރާއިން އެކަށީގެންވާ ހަރުދަަނާ ކުރިއެރުމެއް އެ ކުއާޓާގައި ހާސިލުކުރެވުނު ކަމަށް މަރުކަޒީ ބޭންކުގެ ކުއާޓާލީ އިކޮނޮމިކް ބުލެޓިންގައި އަންދާޒާކޮށްފައިވެއެވެ.
އޭގެ އިތުރަށް އެ ކުއާޓާގައި މަސްވެރިކަމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބުނުކަން އެ ދާއިރާގެ ކުރިއެރުން އަންދާޒާކުރުމަށް ބޭނުންކުރާ މުއައްޝަރުތައް (އިންޑިކޭޓާސް)ގެ އަލީގައި ދެނެގަނެވުނު ކަމަށްވެސް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ.
ކުއާޓާ ތިނެއްގަައި މުހިއްމު އިގުތިސާދީ ހަރަކާތްތަކުގެ ތެރެއިން މަޑުޖެހުމެއް އައިކަމަށް އަންދާޒާކުރެވެނީ ރީޓެއިލް އދި ހޯލްސޭލް ވިޔަފާރީގެ ދާއިރާއިންނެވެ.
އިންފުލޭޝަނަށް ބަލާއިރު، ކޮންސިއުމާ ޕްރައިސް އިންޑެކްސްއަށް އައި ބަދަލުތަކުގެ އަލީގައި މަރުކަޒީ ބޭންކުން ބުނެފައިވަނީ އިންފުލޭޝަން މަތިވަމުން އައި އައުން 2025 ގެ ތިންވަނަ ކުއާޓާގައި މަޑުޖެހުނު ކަމަށެވެ. ދެވަނަ ކުއާޓާގައި އިންފްލޭޝަން %4.6 އިން މަތިވި ނަމަވެސް އިންފުލޭޝަން މަތިވާ މިންވަރު ތިންވަނަ ކުއާޓާގައި ހުރީ 4 އިންސައްތައިގައެވެ.
އިންފުލޭޝަން މަޑުޖެހުމުގެ މައިގަނޑު ސަބަބަކީ ރެސްޓޯރެންޓުތަކާއި ކެފޭތަކުގެ އަގުތައް ބޮޑުވުން ހުއްޓުމެވެ. މި ކުއާޓާގައިވެސް އިންފުލޭޝަން ޖުމްލަކޮށް މަތިވުމަށް މެދުވެރިވި ސަބަބަކީ ދުންފަތުގެ ބާވަތްތަކާއި އުފެއްދުންތަކުގެ އަގުތައް މަތިވުމެވެ. އަދި އިންފުލޭޝަން ދަށްވުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ހަކަތައާއި މުވާސަލާތީ ހިދުމަތްތަކުގެ އަގަށް އައި ހެޔޮ ބަދަލެވެ.
މަރުކަޒީ ބޭންކުން އަންދާޒާކުރާ ގޮތުގައި 2025 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން އޭގެ ކުރީ އަހަރަށްވުރެ ފަސް އިންސައްތަ އިތުރުވާނެއެވެ. ސަރުކާރުގެ އަމާޒަކީ އަހަރުން އަހަރަށް ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން އިތުރުވާ ނިސްބަތް ފަސް އިންސައްތައަށްވުރެ ދަށްވިޔަނުދީ ހިފަހެއްޓުމެވެ.