ENGLISH
31 ޑިސެމްބަރު 2025
އާސަންދައިގެ ހިދުމަތް ދޭން ހުށަހަޅާފައިވާ ތަންތަން ޖަނަވަރީގެ ނިޔަލަށް ސްކީމުގެ ދަށުގައި ހިމަނައި ނިންމަނީ
31 ޑިސެމްބަރު 2025
|
އާސަންދައިގެ ހިދުމަތް ފުޅާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުން
އާސަންދަ މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދިނުމަށް އެ ސްކީމުގެ ޝާމިލުވުމަށް ނުވަތަ އެމްޕެނަލްވުމަށް އެދިފައިވާ ތަަންތަން އާސަންދަ ސްކީމުގައި ޝާމިލުކުރުމުގެ މަސައްކަތް އަންނަ ޖަނަވަރީ މަހުގެ ނިޔަލަށް ނިންމާނެ ކަމުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ބުނެފިއެވެ.
އެންސްޕާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުުންނާއެކު ބޭއްވެވި އެކި ބައްދަލުވުންތަކުގައި، ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ހިޔާލުތަކާއި ރައްޔިތުންގެ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތަކަަށް ހައްލު ހޯދައިދެއްވުމުގެ ގޮތުން އިޖުތިމާއީ އަދި ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު އާސަންދައަށް ގެންނަންޖެހޭ ބަދަލުތަކާއި، ކުރަންޖެހޭ މަސައްކަތްތައް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައީސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު ބޭއްވެވި ބައްްދަލުވުމުގައި އެކި ބާވަތުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުން ފާހަގަކުރި އެންމެ ބޮޑު އެއް މައްސަލައަކީ އެތަންތަން އާސަންދައިގައި ބައިވެރިވުމަށް ހުށަހެޅުމުން އެކަން ހަމަނުޖެހި ދިގު މުއްދަތެއް ހޭދަވާ މައްސަލައެވެ. އަދި އާސަންދައަށް ހުރިހާ ލިޔެކިޔުމެއް ހުށަހެޅުމުންވެސް އާސަންދައިގަ އެމްޕެނަލް ނުކުރެވި އޮންނަ މައްސަލައެވެ.
އެ ޝަކުވާތައް ހައްލުކުރުމަށް މިހާރު މަސައްކަަތް ފަށައި، އާސަންދަ މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭން، އެ ސްކީމުގައި ބައިވެރިވުމަށް ހުށަހަޅާފައިވާ ހުރިހާ ފަރާތެއްގެ ހުށަހެޅުންތައް ޕްރޮސެސްކޮށް ނިންމުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެގޮތުން އުސޫލުތަކާ އެއްގޮތަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ޑިސެންބަރު 30، 2025 ވަނަ ދުވަހުގެ ކުރިން ހުށަހަޅާފައިވާ ހުރިހާ ފަރާތެއް އާސަންދައިގެ ތެރޭގައި ޝާމިލުކުރުމުގެ މަސައްކަތް ޖަނަވަރީ 31، 2026 ވަނަ ދުވަހުގެ ކުރިން ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް އެ ކުންފުނިން ބުންޏެވެ.
ރައީސް ރައްޔިތުންނާ ބައްދަލުކުރެއްވި ކުރެއްވުމުގައި އެކި ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތައް ހައްލުކުރުމަށް އެކި އިދާރާތަކުން އަންނަނީ މުހިއްމު ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.